ޕާކިސްތާނުގެ ސީޕެކް މަޝްރޫޢުގެ އެންމެ އަގުހުރި ރަށް ކަމުގައި ބެލެވޭ ގްވާދަރުގައި މިވަގުތު ދިމާވެފައިވާ ފެނުގެ ދަތިކަމާ ގުޅިގެން މަކްރާން ސަރަހައްދުގެ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާ ކަން ވަނީ ފާހަގަކުރެވިފައެވެ. މި ސަރަހައްދުގައި ވޭތުވެދިޔަ 10 އަހަރު ފެނާއި ކަރަންޓުގެ އަސާސީ ޚިދުމަތްތައް ފޯރުކޮށްދޭނެ ކަމަށް ސަރުކާރުން ވަޢުދުވެފައިވީ ނަމަވެސް، އަދިވެސް މި ޚިދުމަތްތައް އެކަށީގެންވާ ގޮތެއްގައި ލިބެމުން ނުދާކަން ރައްޔިތުން ބުނެއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ޕާކިސްތާނުގެ ބޮޑުވަޒީރު ވަނީ ގިނަ އިދާރާތަކެއް ހިމެނޭ ކޮމިޓީއެއް އެކުލަވާލައި، އަވަސް މުއްދަތެއްގެ ތެރޭގައި ފެނުގެ މައްސަލަ ހައްލުކުރުމަށް އަމުރުކުރައްވާފައެވެ. ނަމަވެސް، މީގެ ކުރިން މިފަދަ މަސައްކަތްތަކުގައި މާލީ ކަންކަން ބެލެހެއްޓުމުގައި ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން، މިފަހަރުގެ މަސައްކަތުން ދެމެހެއްޓެނިވި ހައްލެއް ލިބިދާނެތޯ ސުވާލު އުފެދެމުންދެއެވެ.
ޕާކިސްތާން މީޑިއާގައި ސަރުކާރަށް ފާޑު ކިޔަމުން ފާހަގަކޮށްފައިވާ ގޮތުގައި، ބަލޫޗިސްތާން ސަރަހައްދަށް ސަރުކާރުން އިހުމާލުވަމުންދާ މިންވަރު އިތުރުވަމުންދާ ކަމަށާއި، އަސާސީ ޚިދުމަތްތައް ފޯރުކޮށްނުދެވި، އަދި ސަރަހައްދުގެ ރައްޔިތުން ތަރައްޤީގެ މަޝްރޫޢުތަކުގައި ބައިވެރިނުކުރެވޭހާ ހިނދަކު، ތަރައްޤީގެ ޕްލޭންތައް ހުސް ވާހަކަތަކަކަށް ވެގެންދާނެ ކަމަށް ވަނީ އިންޒާރުދީފައެވެ.
މި ސަރަހައްދުގެ ރައްޔިތުން މިހާރު ވަނީ މި މައްސަލައާ ގުޅިގެން އިހުތިޖާޖުކުރަން ފަށާފައެވެ. އަދި ސަރުކާރާ ދެކޮޅަށް ރައްޔިތުންގެ ނުތަނަވަސްކަން އިތުރުވަމުންދާ ކަމަށްވެސް ވަނީ ފާހަގަކުރެވިފައެވެ.



