ޕާކިސްތާނުން 2 ޕޯލިއޯ ކޭސް ފެނި، 2025 ވަނަ އަހަރުގެ ޖުމްލަ 21 އަށް

ޕާކިސްތާނުގެ ނެޝަނަލް އިންސްޓިޓިއުޓް އޮފް ހެލްތުން މިއަދު ހާމަކުރި ގޮތުގައި އެ ގައުމުން އިތުރު 2 ޕޯލިއޯ ކޭސް ވަނީ ފެނިފައެވެ. މިއާއެކު 2025 ވަނަ އަހަރު ފެނުނު ޕޯލިއޯ ކޭސްތަކުގެ އަދަދު ވަނީ 21 އަށް އަރާފައެވެ.

އެންމެ ފަހުން ފެނުނު ދެ ކޭސްގެ ތެރެއިން އެއް ކޭސް ފެނިފައިވަނީ ހައިބަރު ޕަޚުތުންހުވާގެ ކޯހިސްތާން ސަރަހައްދުން 6 އަހަރުގެ ކުއްޖެއްގެ ފުށުންނެވެ. އަނެއް ކޭސް ފެނިފައިވަނީ ސިންދު ޕްރޮވިންސްގެ ބަދީން ސަރަހައްދުން 21 މަސްދުވަހުގެ އަންހެން ކުއްޖެއްގެ ފުށުންނެވެ.

ޕޯލިއޯ ބަލި އަދިވެސް އާންމުކޮށް ފެތުރޭ ބައްޔެއްގެ ގޮތުގައި ފެންނަ ދުނިޔޭގެ ދެ ގައުމުގެ ތެރެއިން އެއް ގައުމަކީ ޕާކިސްތާނެވެ. ސިއްހީ އިދާރާތަކުން ބުނާ ގޮތުގައި ވެކްސިން ޖެހުމާމެދު ޖެހިލުންވުމާއި، ނުބައި މައުލޫމާތު އާންމު ވެފައި ވުމަކީ މި ބަލި ކޮންޓްރޯލް ކުރުމަށް ދިމާވާ ގޮންޖެހުންތަކެވެ.

ސެޕްޓެމްބަރު 1 އިން 7 އަށް ގައުމީ ފެންވަރުގައި ވެކްސިން ދިނުމުގެ ކެމްޕޭނެއް ހިންގުމަށް ވަނީ ރޭވިފައެވެ. މި ކެމްޕޭނުގައި 99 ޑިސްޓްރިކްޓެއްގައި ދިރިއުޅޭ 5 އަހަރުން ދަށުގެ 28 މިލިއަނަށްވުރެ ގިނަ ކުދިންނަށް ވެކްސިން ދިނުމަށް ވަނީ ރޭވިފައެވެ. މީގެ އިތުރުން ދެކުނު ހައިބަރު ޕަޚްތުންހުވާގައި ވަކި ކެމްޕޭނެއް ސެޕްޓެމްބަރު 15 ގައި ފެށުމަށް ވަނީ ހަމަޖެހިފައެވެ.

އިދާރާތަކުން ބެލެނިވެރިންނަށް ގޮވާލަނީ ކޮންމެ ވެކްސިން ކެމްޕޭނެއްގައިވެސް ކުދިންނަށް ޕޯލިއޯ ވެކްސިން ދިނުމަށް ކަށަވަރު ކުރުމަށެވެ.

ހިއްސާ ކުރައްވާ!