ޕާކިސްތާނުގެ މިނިވަން ދުވަހުގެ ހަމަލާއެއް ސަލާމަތީ ބާރުތަކުން ހުއްޓުވައިފި

ބަލޫޗިސްތާނުގެ ސަލާމަތީ އިދާރާތަކުން ވަނީ މިނިވަން ދުވަހާ ދިމާކޮށް ދޭން ރޭވި ޖާނުގޮއްވާލުމުގެ ހަމަލާއެއް ހުއްޓުވާފައެވެ. މިކަމާ ގުޅިގެން މަނާކުރެވިފައިވާ ބަލޫޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) އާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭ ޔުނިވަސިޓީ ލެކްޗަރަރއެއް ހައްޔަރުކޮށްފައިވެއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން، ޗީފް މިނިސްޓަރ ސަރްފަރާޒް ބުގްތީ ވިދާޅުވި ގޮތުގައި، މި މީހާއަކީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ކުއެޓާ ރޭލްވޭ ސްޓޭޝަނަށް ދިން ޖާނުގޮއްވާލުމުގެ ހަމަލާގައި އެހީތެރިވެދިން މީހެކެވެ. އަދި އޯގަސްޓް 14 ވަނަ ދުވަހު އާންމު ރައްޔިތުންނަށް އަމާޒުކޮށް އިތުރު ހަމަލާއެއް ދިނުމަށް ތައްޔާރުވަމުން ވެސް އޭނާ ދިޔައެވެ. ހައްޔަރުކުރެވުނު މީހާއަކީ ޔުނިވާސިޓީގައި ކިޔަވައިދޭ އަދި ޕީއެޗްޑީއަށް ކިޔަވާ ދަރިވަރެއްވެސް މެއެވެ. ތަހްގީގުގައި އޭނާ ވަނީ ހަނގުރާމަވެރިންނަށް ހިޔާވަހިކަމާއި، ދަތުރުފަތުރާއި، ހަތިޔާރު ފޯރުކޮށްދިން ކަމަށް އިޢުތިރާފުވެފައެވެ.

ބުގްތީ ވިދާޅުވި ގޮތުގައި މިފަދަ ހަރަކާތްތައް ހިންގަނީ މުޖުތަމަޢުގެ އަސާސީ ޚިދުމަތްތައް ނުލިބިގެން ނޫނެވެ. އެކަމުގެ ހެއްކެއްގެ ގޮތުގައި އޭނާ ވިދާޅުވީ، ހައްޔަރުކުރެވުނު މީހާއަކީ މަތީ ފަންތީގެ ތަޢުލީމާއި ވަޒީފާ ލިބިފައިވާ މީހެއްކަމަށެވެ.. އަދި ހަނގުރާމަވެރިންނާ ގުޅުން ހުރި މީހުންގެ މަޢުލޫމާތު ހިއްސާނުކުރާ އާއިލާތަކަށް ޤާނޫނީ ފިޔަވަޅު އެޅޭނެ ކަމުގެ އިންޒާރުވެސް ނޫސްކޮންފަރެންސްގައި އޭނާ ދެއްވިއެވެ.

"މިއީ ތަރައްޤީ ނުވެގެން ދިމާވާ މައްސަލައެއް ނޫން. މިއީ ދައުލަތަށް ޣައްދާރުވުން،" ބުގްތީ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!