ޚައިބަރު ޕަކްތުންކުވާ ސަރަހައްދުގައި ފެންބޮޑުވެގެން 365 މީހުން މަރުވެއްޖެ

ޕާކިސްތާނުގެ ޚައިބަރު ޕަކްތުންޚުވާ ސަރަހައްދުގައި ކުރިމަތިވެފައިވާ ގަދަ ވިއްސާރައާއި ކުއްލި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް 365 މީހުން މަރުވެއްޖެއެވެ. އަދި އެތައް ސަތޭކަ ބަޔަކަށް ހާނިއްކަވެ، އިތުރު އެތައް ބަޔަކު ގެއްލިފައިވާކަމަށް ވަނީ ރިޕޯޓުކޮށްފައެވެ. ޕްރޮވިންޝަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އިން ހާމަކުރި ގޮތުގައި ހަމައެކަނި އެއް ސަރަހައްދަކުންވެސް 225 މީހުން ވަނީ މަރުވެފައެވެ.

އަޕަރ ސައުތު ވަޒިރިސްތާންގެ ސަރުވެކައި ސަރަހައްދުގައި ކުއްލި ފެންބޮޑުވުމުގެ ސަބަބުން ބްރިޖުތަކާއި މަގުތަކުގައި ފެންހެދި ހަލާކުވެފައެވެ. މީގެ ސަބަބުން ގިނަ އާބާދީތަކެއް ވަނީ އެކަހެރިވެފައެވެ. ތިރި ބިންތަކުގެ ސަރަހައްދުތަކަށް ފަރުބަދަތަކުން ފެން ފޭބުމުގެ ސަބަބުން ވަޒިރިސްތާންގެ ހައިވޭ ވަނީ ބަންދުކުރަން ޖެހިފައެވެ.

ސްވާބީ ސަރަހައްދުގައި 24 މީހުން މަރުވެފައިވެއެވެ. އަދި ބައެއް އެހެން ހިސާބުތަކުން ގ ެއްލިފައިވާ ބައެއްގެ ގަބުރުތައްވެސް ވަނީ ފެނިފައެވެ. އަދި އެބޮޓްއަބާދުގެ ލޯރާ ނަގްރީ ބްރިޖު ވެއްޓުމުގެ ސަބަބުން ރާވަލްޕިންޑީއާ ގުޅިފައިވާ މަގުތައްވެސް ވަނީ ބަންދުވެފައެވެ.

އޯގަސްޓް 17 އިން ފެށިގެން 25،000 އަށްވުރެ ގިނަ މީހުން ވަނީ މިހާތަނަށް ސަލާމަތްކުރެވިފައެވެ. ޕާކިސްތާން އާމީ، ސިވިލް ޑިޕާޓްމަންޓްތައް އަދި ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީތަކުން ވަނި  އިންޖިނިއަރ ބްރިގޭޑްތަކާއި މެޑިކަލް ޓީމްތައް ވަނީ އެ ސަރަހައްދުތަކަށް ފޮނުވާފައެވެ. ރިލީފް މަސައްކަތްތަކުގައި 6،300 އަށްވުރެ ގިނަ މީހުންނަށް ފަރުވާ ދެވި، 585 ޓަނުގެ ކާބޯތަކެތި ވަނީ ބަހާފައެވެ.

ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން މި ކާރިސާގައި އެހީތެރިވުމުގެ ގޮތުން ޓެންޓު، ސްލީޕިން ބޭގްތަކާއި ފްލަޑްލައިޓް އަދި ފަސްޓް-އެއިޑް ކިޓްތައް ވަނީ ފޯރުކޮށްދީފައެވެ. ކޭޕީ ސަރަހައްދުގެ 90 މަގެއް ހަލާކުވެފައިވެއެވެ. އަދި މަރާމާތުގެ މަސައްކަތް ކުރިއަށްދާއިރުވެސް ގިނަ މަގުތައް ވަނީ އަދިވެސް ބައްދަލުކޮށް ބޭނުންނުކުރެވޭ ހާލަތުގައެވެ.

ހިއްސާ ކުރައްވާ!