ބަލޫޗިސްތާންގައި ނިޒާމުން ގެއްލުލާފައިވާ ދަރިވަރުންގެ މައުލޫމާތު ހާމަ ކުރުމަށް އެމްނެސްޓީ އިންޓަރނޭޝަނަލްއިން ޕާކިސްތާން ސަރުކާރަށް ގޮވާލައިފިއެވެ. މިމީހުންގެ ތެރެއިން ޚާއްސަކޮށް، ނުކުޅެދުންތެރިކަން ހުންނަ 23 އަހަރުގެ ދަރިވަރު މާހްޖަބީން ބަލޫޗް އަދި އޭނާގެ އަޚް ޔޫނުސްގެ ހާލަތު ހާމަކުރުމަށް އެމްނެސްޓީ އިންޓަނޭޝަނަލްއިން ޕާކިސްތާނުގެ އިދާރާތަކަށް ވަނީ ގޮވާލައިފައެވެ. މި ދެ ކުދިންނަކީ މޭ މަހު ބަލޫޗިސްތާނުގައި ނިޒާމުން ގެއްލުވާލާފައިވާ ދެކުދިން ކަމަށް ބެލެވެއެވެ.
މާހްޖަބީން ގެއްލުވާލާފައި ވަނީ ކުއެޓާގައި ހުންނަ ޔުނިވަރސިޓީގެ ހޮސްޓަލުންނެވެ. އޭނާގެ އަޚް ޔޫނުސް ހައްޔަރުކޮށްފައިވަނީ، އޭގެ ދުވަސްކޮޅެއް ކުރިން ޚުޒްދާރުން ކަމަށް ތުހުމަތުކުރެވެއެވެ.
މި މައްސަލައާ ގުޅިގެން އެމްނެސްޓީ އިންޓަނޭޝަނަލްއިން ވަނީ އެކްސް (ކުރީގެ ޓްވިޓަރ) ގައި ކެމްޕޭނެއް ފަށައިފައެވެ. އަދި މަޖުބޫރުން މީހުން ގެއްލުވާލުމުގެ ޢަމަލުތައް ހުއްޓުވުމަށް ވެސް އެމްނެސްޓީ އިންޓަރނޭޝަނަލުން ވަނީ ގޮވާލާފައެވެ. ބަލޫޗް އެކްޓިވިސްޓުން ބުނާ ގޮތުގައި މި ދެ ކުދިން ގެއްލުވާލުމަކީ ދަރިވަރުންނާއި އަންހެނުންނަށް އަމާޒުކޮށް ހިންގަމުންދާ ނުރައްކާތެރި ޢަމަލުތަކުގެ ނިޝާނެކެވެ.
އިންސާނީ ޙައްޤުތަކާބެހޭ ޖަމާޢަތްތަކުން ރިޕޯޓުކުރާ ގޮތުގައި މި އަހަރު އެކަނި ވެސް ބަލޫޗިސްތާނުން 785 އަށްވުރެ ގިނަ މިފަދަ މައްސަލަ ވަނީ ރިޕޯޓު ކުރެވިފައެވެ. އަދި މިފަދަ ކުށްތަކަށް އަދަބު ނުލިބި ދިއުމުގެ ސަބަބުން އެ ސަރަޙައްދުގެ ހަމަޖެހުމަށް ނޭދެވޭ އަސަރުކުރަމުންދާކަމަށް އެ ފަރާތްތަކުން އިންޒާރުދެއެވެ.
މި މައްސަލައިގައި ޕާކިސްތާނުގެ އިދާރާތަކުން އަދި އެއްވެސް ރަސްމީ ބަޔާނެއް އަދި ނެރެފައެއް ނުވެއެވެ. ނަމަވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުން މި މައްސަލައާމެދު ކަންބޮޑުވުން ފާޅުކުރަމުންދެއެވެ.



