ޕާކިސްތާނުގެ ބަލޫޗިސްތާން ޕްރޮވިންސްގެ ވެރި ރަށް ކުއެޓާގައި އާންމު އެއްވުމަކަށް އަމާޒުކޮށް ހިންގި ބޮން ގޮއްވާލުމުގެ ހަމަލާއެއްގައި 11 މީހުން މަރުވެ، 30 އަށް ވުރެ ގިނަ މީހުން ޒަހަމްވެއްޖެ ކަމަށް އެ ސަރަހައްދުގެ އޮފިޝަލުން މައުލޫމާތު ދެއެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ ކުރީގެ ޕްރޮވިންޝަލް ޗީފް މިނިސްޓަރ އަދި މުހިންމު ގައުމީ ލީޑަރެއް ކަމުގައިވާ ސަރުދާރު އަތާއުﷲ މެންގަލްގެ ހަނދާނުގައި ބާއްވާފައިވާ ހަފްލާއަކަށެވެ. މި ހަފްލާގައި އޭނާގެ ދަރިކަލުން ސަރުދާރު އަޚްތަރު މެންގަލް ބައިވެރިވެ ވަޑައިގެންނެވި އެވެ. ނަމަވެސް، އޭނާއަށް އެއްވެސް އަނިޔާއެއް ވެފައެއް ނުވެއެވެ.
ފުލުހުން މައުލޫމާތު ދިން ގޮތުގައި މި ގޮއްވާލުން ގޮއްވާލާފައި ވަނީ ހަފްލާގެ ބައިވެރިން އެތަނުން ދިއުމަށް ތައްޔާރުވަމުންދިޔަ ވަގުތު، ޕާކިންގ ސަރަހައްދުގައެވެ. މި ހަމަލާއަކީ ޖާނު ގޮއްވާލައިގެން ދިން ހަމަލާއެއް ކަމަށް ފުލުހުން ޝައްކުކުރެއެވެ. ނަމަވެސް މިހާތަނަށް އެއްވެސް ފަރާތަކުން މި ހަމަލާގެ ޒިންމާ ނަގާފައެއް ނުވެއެވެ.
އަފްޣާނިސްތާނާއި އީރާނާ އިންވެގެންވާ ކުއެޓާ ސަރަހައްދަކީ ހަރުކަށި ފިކުރުގެ ހަމަލާތަކާއި، ބަލޫޗީންގެ ވަކިވަކިވުމުގެ ހަރަކާތްތަކުގެ އަނިޔާވެރި ހަމަލާތަކާ ކުރިމަތިލަމުން އަންނަ ސަރަހައްދެކެވެ. މި ހާދިސާއާ ގުޅިގެން ތަހުގީގުތައް ކުރިއަށްދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. މި ހަމަލާއާ ގުޅިގެން އެ ސަރަހައްދުގެ ސެކިއުރިޓީ ވަރުގަދަކޮށް، ދިމާވެދާނެ އިތުރު ހާދިސާތައް ހުއްޓުވުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ބުނެފައި ވެއެވެ.




