ޔޫކޭގެ ދާޚިލީ ވަޒީރުކަމަށް ޕާކިސްތާނު ދަރިކޮޅުގެ ޝަބާނާ މަހުމޫދު

ޔޫކޭގެ ބޮޑު ވަޒީރުގެ ނާއިބް އެންޖެލާ ރޭނަރ އިސްތިއުފާ ދެއްވުމާ ގުޅިގެން، ޕާކިސްތާނު ދަރިކޮޅުގެ ޕާލަމެންޓް މެމްބަރު ޝަބާނާ މަހުމޫދު އެ ގައުމުގެ ދާޚިލީ ވަޒީރުގެ މަގާމަށް ހަމަޖައްސައިފިއެވެ. މިއީ ހުކުރު ދުވަހު ގެނަސްފައިވާ ކެބިނެޓް ބަދަލުތަކުގެ ތެރެއިން ގެނަސްފައިވާ ބަދަލެކެވެ.

އެންޖެލާ ރޭނަރ އިސްތިއުފާ ދެއްވީ އަލަށް ބައްލަވައިގެންނެވި ގެއެއްގެ ޕްރޮޕަޓީ ޓެކްސްއަށް ދައްކަވަންވާ ފައިސާ މަދުން ދެއްކެވުމުގެ މައްސަލައިގައި އޭނާގެ ފަރާތްޕުޅުން ކުށެއް ކުރެވިފައިވާ ކަމަށް ޤަބޫލު ކުރެއްވުމާ ގުޅިގެންނެވެ. ވަޒީރުންގެ އަޚުލާގީ މިންގަނޑާ އޭނާ ޚިލާފްވެވަޑައިގެންފައިވާ ކަމަށް ޔޫކޭ ސަރުކާރަށް ލަފާދޭ ފަރާތުންވެސް ވަނީ ނިންމާފައެވެ.

މި މައްސަލައާ ގުޅިގެން ބޮޑު ވަޒީރު ކިއެރ ސްޓާމަރ ވަނީ އައު ޑެޕިއުޓީ ޕްރައިމް މިނިސްޓަރަކާއި ފޮރިން މިނިސްޓަރެއް އައްޔަން ކުރައްވާފައެވެ.

މި ބަދަލުތަކުގެ ތެރޭގައި، ކުރީގެ ފޮރިން މިނިސްޓަރ ޑޭވިޑް ލެމީ ވަނީ ބޮޑު ވަޒީރުގެ ނާއިބްގެ މަގާމަށް ބަދަލު ކުރައްވާފައެވެ. އަދި އޭނާގެ މަގާމަށް ކުރީގެ ދާޚިލީ ވަޒީރު އިވެޓް ކޫޕަރ ހަމަޖައްސަވާފައި ވެއެވެ. އިވެޓް ކޫޕަރުގެ މަގާމަށް ހަމަޖައސަވާފައި ވަނީ ކުރީގެ ޖަސްޓިސް ސެކްރެޓަރީ ޝަބާނާ މަހުމޫދު އެވެ.

ހިއްސާ ކުރައްވާ!