ބަލޫޗިސްތާން ލިބަރޭޝަން އާމީގެ އިސް ކޮމާންޑަރު އަފްޣާނިސްތާނުގައި މަރުވެއްޖެ ކަމަށް ބެލެވޭ

ޕާކިސްތާން ސަރުކާރާ ދެކޮޅަށް ޓެރަރިސްތް ހަމަލަތައް ދެމުންދާ ބަލޫޗިސްތާން ލިބަރޭޝަން އާމީ (ބީއެލްއޭ) ގެ އެންމެ ނުރައްކާތެރި ކޮމާންޑަރުންގެ ތެރެއިން އެކަކު ކަމަށްވާ ރަހްމާން ގުލް ބަލޯޗް، އަފްޣާނިސްތާނުގެ ހެލްމަންދް ޕްރޮވިންސްގައި މަރުވެއްޖެ ކަމަށް ރިޕޯޓްތައް ބުނެއެވެ. "އުސްތާޛު މުރީދު" ގެ ނަމުންވެސް މަޝްހޫރު މި ކޮމާންޑަރަކީ ޕާކިަސްތާން ސިފައިންނާއި އާންމުންނާ ދެކޮޅަށް ގިނަ ޓެރަރިސްޓް ހަމަލަތައް ދިނުމުގައި އިސް ދައުޔރެއް އަދާކޮށްފައިވާ މޭސްތިރިއެކެވެ. އޭނާގެ މަރުގެ ޚަބަރު އެންމެ ފުރަތަމަ ހާމަކޮށްފައިވަނީ ޕެޝަވާރުގައި ހިންގާ މީޑިއާ އައުޓްލެޓް "މަހާޒް" ނޫހުންނެވެ. ނަމަވެސް މިހާތަނަށް ސަރުކާރުގެ އެއްވެސް އިދާރާއަކުން މި މަޢުލޫމާތު ކަށަވަރުކޮށްދީފައެއް ނުވެއެވެ.

ގުލް އަކީ ޕާކިސްތާން ސިފައިންގެ ކުރީގެ ކެޕްޓަނެކެވެ. އޭނާ ވަނީ 2010 ގެ އަހަރުތަކުގެ ކުރީކޮޅު ސިފައިންގެ ޚިދުމަތުން ވަކިވެ، ބާޣީ ޖަމާއަތެއް ކަމަށްވާ ބީއެލްއޭގެ މަޖީދު ބްރިގޭޑްގެ އިސް މަޤާމުތަކުގައި ހަރަކާތްތެރި ވެފައެވެ. އޭނާގެ ލީޑަރޝިޕްގެ ދަށުން، މި ބްރިގޭޑް ވަނީ އާދައިގެ ހަނގުރާމަވެރި ޖަމާޢަތަކުން، ޒަމާނީ ހަތިޔާރާއި ހަނގުރާމަވެރި ޓެކްޓިކްސް ބޭނުންކުރާ ނުރައްކާތެރި ޓެރަރިސްޓް ބާރަކަށް ބަދަލުވެފައެވެ.

ގުލްގެ އެންމެ ފާހަގަކޮށްލެވޭ އެއް ހަމަލާއަކީ 11 މާރިޗު 2025 ގައި ޖަޢުފަރު އެކްސްޕްރެސް ޓްރެއިން ހައިޖެކް ކޮށް ދިން ހަމަލައެވެ. ކުއެޓާއިން ޕެޝަވާރަށް ދަތުރުކުރަމުން ދިޔަ މި ޓްރެއިނަށް ބޯލާން ސަރަހައްދުގައި ބޮމުގެ ހަމަލާއެއް ދިނުމަށްފަހު، 48 ގަޑިއިރު ވަންދެން އޭގެ ފަސިންޖަރުން ރަހީނުކޮށްގެން ގެންގުޅުނެވެ. މި ހާދިސާގައި 25 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވިއެވެ.

ގުލްގެ މަރުގެ ޚަބަރު ކަށަވަރުވެއްޖެނަމަ، އެކަން ވެގެން ދާނީ މިވަގުތު ބައިނަލްއަޤްވާމީ ދަތިކުރުމުގެ ފިޔަވަޅުތަކާ ކުރިމަތިލާންޖެހިފައިވާ ބީއެލްއޭގެ ކޮމާންޑް ސްޓްރަކްޗަރަށް ބޮޑު ބަދަލުތަކެއް އަތުވެދާނެ ކަމަކަށެވެ. އެމެރިކާއިން ވަނީ ބީއެލްއޭ އާއި އެ ޖަމާއަތުގެ މަޖީދު ބްރިގޭޑަކީ ޓެރަރިސްޓް ޖަމާއަތެއް ކަމުގައި ކަނޑައަޅާފައެވެ. މި ޖަމާއަތަކީ ޕާކިސްތާންގައި ހަރަކާތްތެރިވާ ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް) ގެ މަސައްކަތުގައި އުޅޭ ޗައިނާ މީހުންނަށް އަމާޒުކޮށްގެން ޓެރަރިސްޓް ހަމަލަތައް ދޭ ޖަމާއަތް ވެސް މެއެވެ.

ހިއްސާ ކުރައްވާ!