ޕާކިސްތާނުގެ ހުޅަނގު ދެކުނު ސަރަހައްދުގައި ދީފައިވާ ކާރު ބޮން ގޮއްވާލުމުގެ 2 ހަމަލާގައި މަދުވެގެން 8 މީހުން މަރުވެ، 23 މީހުން ޒަހަމްވެއްޖެ ކަމަށް ފުލުހުން މައުލޫމާތު ދީފިއެވެ.
ފުރަތަމަ ހަމަލާ ދީފައިވަނީ ބަލޫޗިސްތާން ޕްރޮވިންސްގެ ތުރުބަތު ސަރަހައްދުގައެވެ. މި ހަމަލާގައި އަމިއްލައަށް ޖާނު ގޮއްވާލައިގެން މަރުވާން ގަސްތުކޮށް ފުލުހުންގެ ގާފިލާއަކާ ކާރު މުޑިއަރުވާލިއެވެ. ފުލުހުން ބުނިގޮތުގައި މި ހަމަލާގައި ސަލާމަތީ ފަރާތްތަކުގެ ދެ މުވައްޒަފަކު މަރުވެ، 23 މީހުން ޒަހަމްވިއެވެ.
ދެވަނަ ހަމަލާ ދީފައިވަނީ އަފްގާނިސްތާނުގެ ބޯޑަރާ ކައިރިން ޗަމަން ސިޓީގައެވެ. މި ހަމަލާގައި 6 މީހުން މަރުވިއެވެ.
މި ހަމަލާތަކުގެ ޒިންމާ އެއްވެސް ފަރާތަކުން އަދި ނަގާފައި ނުވި ނަމަވެސް، ޕާކިސްތާން ޓަލިބާން (ޓީޓީޕީ) އަދި ބަލޫޗީ ޓެރަރިސްޓް ހަރަކާތްތަކުން މި ހަމަލާތައް ދީފައިވާ ކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. މި ދެ ޖަމާއަތަކީވެސް އެ ސަރަހައްދުގައި ސެކިއުރިޓީ ބާރުތަކަށާއި އާންމު ރައްޔިތުންނަށް އަމާޒުކޮށް ހަމަލާ ދެމުން އަންނަ ޖަމާއަތްތަކެކެވެ.
މި ހަމަލާތައް އައިސްފައިވަނީ ކުއެޓާ ގެ ސްޓޭޑިއަމެއްގެ ކައިރީގައި ހިނގި ޖާނު ގޮއްވާލުމުގެ ހަމަލާއެއްގައި 13 މީހުން މަރުވިތާ ދެ ހަފްތާ ފަހުންނެވެ. ބަލޮޫޗިސްތާނަކީ ވަކިވަކިވުމުގެ ހަރަކާތްތައް ހިންގަމުން އަންނަ ސަރަހައްދެކެވެ. މީގެ ތެރޭގައި މަނާ ކޮށްފައިވާ ބަލޫޗީ ލިބަރޭޝަން އާމީ ފަދަ ޖަމާއަތްތަކުން ޕާކިސްތާނުން ވަކި ވެގަތުމަށް ގޮވާލަމުން ދެއެވެ.




