އިންސާނީ ޙައްޤުތަކާ ބެހޭ އދގެ ކައުންސިލްގެ 60 ވަނަ ޖަލްސާގައި، ޕާކިސްތާނުގައި ބައި މަދު ދަރިކޮޅުގެ މީހުންނާ މެދު ކަން ކުރާ ގޮތާ ބެހޭ ގޮތުން ވާހަކަ ދައްކައި ކަން ބޮޑުވުން ފާޅުކޮށްފިއެވެ. މި ޖަލްސާގެ ހަވާސާގައި، ޖުބިލީ ކެމްޕެއިން އަދި ޔޫރަޕިއަން ސެންޓަރ ފޮރ ލޯ އެންޑް ޖަސްޓިސް (އީސީއެލްޖޭ) އިން އިންތިޒާމްކުރި މަތީ ފެންވަރުގެ އިވެންޓުގައި، ޤާނޫނީ މާހިރުންނާއި އިންސާނީ ޙައްޤުތައް ދިފާޢުކުރާ ފަރާތްތަކުން، ވަނީ ޕާކިސްތާނުގައި ބައިމަދު ދަރިކޮޅުތަކުގެ މީހުންނަށް ކުރިމަތިވަމުންދާ ފިއްތުން ތަކާ ބެހޭ ތަފްޞީލީ މަޢުލޫމާތު ހިއްސާ ކޮށްފައެވެ.
ޕާކިސްތާނުގެ ހާލަތާ ބެހޭ ގޮތުން، 2021 ވަނަ އަހަރު އެންމެ 9 މައްސަލައެއް ރިޕޯޓުކުރެވިފައިވާއިރު، 2024 ވަނަ އަހަރު ވަނީ ބައިމަދު މީހުންނަށް ފުރައްސާރަ ކުރުމުގެ 475 އަށްވުރެ ގިނަ މައްސަލަ ރިޕޯޓު ކޮށްފައެވެ. އަދި 2023 ވަނަ އަހަރުގެ އޯގަސްޓް މަހު ޖާރަންވާލާގައި ހިނގި އަނިޔާވެރި ހަމަލާގައި ބައިމަދު ދަރިކޮޅުގެ 80 އަށްވުރެ ގިނަ މީހުންގެ ގެތަކާއި އަޅުކަން ކުރާ ތަންތަން ހަލާކުކޮށްފައި ވެއެވެ.
ޕާކިސްތާނަށް އިގްތިސާދީ އުދަގޫ ދުވަސްތަކާ ކުރިމަތިލާން ޖެހިފައެވެ. މުދަލުގެ އަގުތައް މަތިވުމުގެ ނިސްބަތް ދަނީ ކޮންތްރޯލު ނުކުރެވި މަތީގައި ހިފެހެއްޓިފައެވެ. އަދި ޖީޑީޕީގެ ކުރިއެރުން ވެސް ވަނީ 2 އިންސައްތައިގައި ހިފެހެއްޓިފައެވެ. އިގްތިސާދީ ދަތި ހާލަތުގެ ސަބަބުން މިލިއަނުން ގުނާލެވޭ އާބާދީއެއް ދަނީ ފަގީރުކަމުގެ ތެރެއަށް ވެއްޓެމުންނެވެ.
ޕާކސިްތާނުގެ އިންސާނީ ހައްގުތަކުގެ ހާލަތު ދަށަށް ދިއުމާ ގުޅިގެން މަދަނީ ޖަމްޢިއްޔާތަކުން ވަނީ އަވަސް ފިޔަވަޅުތަކެއް އެޅުމަށް އިންސާނީ ޙައްޤުތަކުގެ ކައުންސިލަށް ގޮވާލާފައެވެ. އަދި ޕާކިސްތާނުގެ ބައިމަދު މީހުންގެ މުސްތަޤްބަލާއި ޑިމޮކްރަސީގެ ކުރިމަގު ބިނާވެގެންދާނީ މިފަދަ ފިޔަވަޅުތަކެއްގެ މައްޗަށްކަމަށް ތަޖުރިބާކާރުން ވެސް ފާހަގަކުރެއެވެ.




