އަފްޣާނިސްތާނުން އެދެނީ ޕާކިސްތާނާއެކު އަވަށްޓެރި ގުޅުމަކަށް

އދގެ އާންމު މަޖިލީހުގެ ޖަލްސާގައި ޕާކިސްތާނުގެ ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ދެއްކެވި ވާހަކަފުޅުގައި، އަމަން އަމާންކަމާއި، ސަރަޙައްދީ އެއްބާރުލުމާއި، ބައިނަލްއަޤްވާމީ ގުޅުންތަކަށް އިސްކަންދޭ ޤައުމެއްގެ ގޮތުގައި ޕާކިސްތާން ސިފަކުރެއްވިއެވެ. ނަމަވެސް ޕާކިސްތާންގެ މުހައްލިލުން ފާހަގަކުރާ ގޮތުގައި މި ވާހަކަފުޅުގައި ޝަރީފް ވަނީ ޕާކިސްތާނުގެ އެތެރޭގެ މައްސަލަތަކާއި އަދި ބޭރުގެ ސިޔާސަތުތަކާއި އަފްޣާނިސްތާނާއި އެކު އޮތް ގުޅުމުގައި ހުރި ފުށުއެރުންތަކަށް އެކަށީގެންވާ ސަމާލުކަމެއް ދެއްވާފައެއް ނޫނެވެ. ޝަރީފްގެ ވާހަކަފުޅަށް އަދިވެސް އެންމެ ބޮޑު ސަމާލުކަމެއް ދީ، ފާޑު ކިޔުން އަމާޒު ކުރަމުން ދަނީ އަފްޣާން މީޑިއާގައެވެ.

އަފްޣާން މީޑިއާއިން ބުނެފައިވާ ގޮތުގައި ބޮޑުވަޒީރު ވަނީ އިންޑިއާއާއެކު އޮންނަ ގުޅުމަށް ޚާއްޞަ އިސްކަމެއް ދެއްވައިފައެވެ. އަދި ސުލްޙަވެރި ގުޅުމެއް ބޭނުންފުޅު ވާކަމަށް ވިދާޅުވިއެވެ. އެހެންނަމަވެސް، ކަޝްމީރުގެ މައްސަލައާއި، ބޯޑަރުގައި ހިނގާ ހަމަނުޖެހުންތަކާއި، ޕާކިސްތާނުގެ ސިޔާސީ ފަރާތްތަކުން ދައްކާ ހަރުކަށި ވާހަކަތަކަކީ ޝަރީފްގެ މި ބަޔާނާ ފުށުއަރާ ކަންކަން ކަމުގައި ފާހަގަ ކޮށްފައި ވެއެވެ. އޭގެ އިތުރުން އަފްޣާން މުހާޖިރުން ގަދަކަމުން ޕާކިސްތާނުން ބޭރު ކުރުމާއި އަފްޣާނިސްތާންގެ ސަރަހައްދުގައި ޕާކިސްތާނުން ހަމަލަތައް ބަދަލު ކުރުން ފަދަ ކަންކަމަކީ އަފްޣާން މީޑިއާއިން ދެކޭޢ ގޮތުގައި އަވަށްޓެރިއެއްގެ ހައިސިއްޔަތުން ޝަރީފް އަލިއަޅުވާލައވަން ޖެހޭ ކަންކަމެވެ. ޕާކިސްތާންގެ މީޑިއާއިން ވެސް ރިޕޯތު ކޮށްފައިވާ ގޮތުގައި އަފްޣާނިސްތާނާ މެދު ޝަރީފްގެ ސަރުކާރުން ގެންގުޅޭ ސިޔާސަތަކީ، ދުރުވިސްނޭ ސިޔާސަތެއް ނޫނެވެ.

ޝަރީފް ވިދާޅުވިގޮތުގައި ޕާކިސްތާންގެ އިޤްތިޞާދު ރަނގަޅު ކުރުމަށް ކުރަމުންދާ މަސައްކަތްތަކާއި މޫސުމީ ބަދަލުތަކާ ކުރިމަތިލުމުގައި އަޅަމުންދާ ފިޔަވަޅުތަކުން ސާބިތުކޮށްދެނީ، ޕާކިސްތާނަކީ ޒިންމާދާރު ޤައުމެއްކަމަށެވެ. ނަމަވެސް، އެތެރޭގެ ސިޔާސީ ހަމަނުޖެހުންތަކާއި، ޕާކިސްތާންގެ އިތުރުވަމުންދާ ބޭރުގެ ދަރަންޏާއި، އައިއެމްއެފަށް ބަރޯސާ ކުރުމާއި ސިޔާސަތުތައް ތަންފީޒުކުރުމުގައި ހުރި މައްސަލަތަކުގެ ސަބަބުން މި އަމާޒުތައް ހާސިލުކުރުމަށް ހުރަސްތަކެއް ކުރިމަތިވަމުންދާ ކަމަށް އިގްތިސާދީ މާހިރުން ފާހަގަކުރެއެވެ. އަފްޣާން މީޑިއާއިން ބުނެފައި ވަނީ ޝަރީފްގެ ފަރާތުން އެދެނީ އަވަށްޓެރި ސުލްހަވެރި އަޚުވަންތަ ގުޅުމެއް ކަމަށެވެ. އަދި އަފްޣާނިސްތާނަށް މި ދަނޑިވަޅުގައި ސަމާލުކަން ދެއްވުމަށެވެ.

ހިއްސާ ކުރައްވާ!