ބަލޫޗިސްތާން ސަރަހައްދުގައި ޕާކިސްތާން ސިފައިންނާ ދެކޮޅަށް ޓެރަރިސްޓް ހަމަލައެއް ދީފިއެވެ. މި ހަމަލަ ދީފައި ވަނީ ކެޗް ޑިސްޓްރިކްޓްގެ ކޮލްވާގެ ދަންދަރު ސަރަހައްދުގައި ޕާކިސްތާނުގެ ސިފައިންނަށް އަމާޒުކޮށްގެންނެވެ.
މި ހާދިސާގައި އެކަކު މަރުވެ، އިތުރު ބަޔަކަށް އަނިޔާވެފައިވާ ކަމަށް ރަސްމީ ފަރާތްތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
މި ބޮން ގޮއްވާލާފައި ވަނީ ސިފައިންގެ ނުވަ މީހުން އެ ސަރަހައްދުގައި އެއްތަނަކަށް އެއްވެ ތިބި ވަގުތެއްގައެވެ. ސަރުކާރުގެ މަސްދަރުތަކުން ބުނެފައިވަނީ މަރުވެފައިވާ މީހާއަކީ ސިފައިންގެ މީހެއް ކަމަށެވެ. އަދި އިތުރު އެހެން ބަޔަކަށް އަނިޔާވި ކަމަށެވެ. ނަމަވެސް، އެ ސަރަހައްދުގެ ރައްޔިތުން ބުނާ ގޮތުގައި މަރުވި މީހުންގެ އަދަދު ރަސްމީކޮށް ބުނެފައިވާ ވަރަށް ވުރެން އިތުރު ވެދާނެއެވެ.
މި ހާދިސާ ހިނގުމާ ގުޅިގެން އަސްކަރީ ހެލިކޮޕްޓަރުތަކުން އެ ސަރަހައްދަށް ގޮސް ޒަކަމްވެފައިޥާ މީހުންނާއި މަރުވި މީހުން ނުވަތަ މީހާ އުފުލާފައި ވެއެވެ.
މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ފަރާތަކުން އުފުލާފައެއް ނުވެއެވެ. ނަމަވެސް، މީގެ ކުރީގެ އަހަރުތަކުގައި މިފަދަ ހަމަލާތަކުގެ ޒިންމާ ބަލޫޗިސްތާނު މިނިވަން ކުރުމަށް މަސައްކަތްކުރާ ހަތިޔާރު އެޅި ފެކްޝަންތަކުން ވަނީ އުފުލާފައެވެ.
ބަލޫޗިސްތާނަކީ ހަމަނުޖެހުން ބޮޑު ސަރަހައްދެކެވެ. ބަލޫޗް ލިބަރޭޝަން އާމީން ވަނީ މި ފަހަކަށް އައިސް ސިފައިންނަށްދޭ ހަމަލަތައް ވަރުގަދަ ކޮށްފައެވެ.
މި ހާދިސާއިން ހާމަވަނީ ބަލޫޗިސްތާނުގައި ހަމަނުޖެހުން އިތުރު ވަމުންދާ ކަމެވެ. އަދި ދައުލަތުގެ ބާރުތަކާއި ވަކިވުމަށް މަސައްކަތްކުރާ ބާޣީ ގްރޫޕްތަކާ ދެމެދު ހަމަނުޖެހުންތައް ދަނީ ބޮޑުވަމުންނެވެ.





