ޕާކިސްތާނުގެ ޖޭއެސްސީ އިން ފަނޑިޔާރުންގެ ސުލޫމީ މިންގަނޑަށް ބަދަލު ގެނައުމަށް ނިންމުމުން އެކަމާ ދެކޮޅަށް ދެ ފަނޑިޔާރަކު އަޑު އުފުލައިފިއެވެ. ސުޕްރީމް ކޯޓުގެ ދެ ފަނޑީޔާރުން ކަމަށްވާ ޖަސްޓިސް މަންސޫރު އަލީ ޝާހް އަދި ޖަސްޓިސް މުނީބް އަޚްތަރު ވިދާޅުވަނީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަށް ގެންނަ ބަދަލަކީ ފަނޑިޔާރުން ކޮންޓްރޯލު ކުރުމަށް ގެންނަ ބަދަލެއް ކަމަށެވެ. އަދި އެ ބޭފުޅުން ޕާކިސްތާން ސަރުކާރަށް ފޮނުއްވާފައިވާ 12 ސަފްހާގެ ސިޓީގައި މިކަމަށް ދެކޮޅު ހައްދަވާފައި ވެއެވެ.
ޕާކިސްތާން ޖޭއެސްއީއަށް ގެނައި އިސްލާހުތައް ފާސްކުރެވުނު ގޮތާއި، އަދި އިސްލާމާބާދު ހައިކޯޓުގެ އުއްތަމަ ފަނޑިޔާރު ސަރްފަރާޒް ދޯގަރު އެ މަޖިލީހުގައި ހިމެނިފައިވާ ކަމާމެދުވެސް އެ ދެ ފަނޑިޔާރުން ވަނީ ސުވާލު އުފައްދަވާފައެވެ.
އޮކްޓޯބަރު 18 ގައި ބޭއްވި ޖޭއެސްސީގެ ބައްދަލުވުމުގައި ފާސްކުރި އިސްލާހުތަކުގެ ދަށުން، ފަނޑިޔާރުންނަށް ބައެއް ކަންކަން އަލަށް މަނާ ކޮށްފައި ވެއެވެ. އޭގެ ތެރޭގައި މީޑިއާއަށް މައުލޫމާތު ދިނުމާއި ސިޔާސީ މައްސަލަތަކާ ގުޅޭ އާންމު މަޝްވަރާތަކުގައި ބައިވެރިވުން މަނާ ކޮށްފައި ވެއެވެ.
އެ ދެ ފަނޑިޔާރުން ފޮނުއްވި ސިޓީގައި، މި އިސްލާހުތަކުގެ ސަބަބުން ފަނޑިޔާރުގެތަކުގެ މިނިވަންކަން ގެއްލޭ ކަމަށް ތުހުމަތު ކުރައްވާފައި ވެއެވެ./ އަދި އެފަނޑިޔާރުން ވަނީ އެބޭފުޅުންގެ ސިޓީ އާންމު ކުރައްވާފައެވެ. ދެ ފަނޑިޔާރުން ވިދާޅުވަނީ އަލަށް ފާސްކޮށްފައިވާ އިސްލާޙުތަކާއެކު އެއް އިދާރާއެއްގައި ބާރުތައް މަހާލެވުމުގެ ސަބަބުން ޖޭއެސްސީއަކީ ފަނޑިޔާރުންނަށް ބިރު ދައްކާ ޚުދުމުޚުތާރު ބާރަކަށް ވެދާނެ ކަމަށެވެ. އަދި ވަކިން ޚާއްސަކޮށް ޑިމޮކްރަސީއަށް ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، މިނިވަން އަދި ނުފޫޒުން އެއްކިބާވެފައިވާ ފަނޑިޔާރުގެއެއްގެ މުހިންމުކަން އެ ދެ ފަނޑިޔާރުން ވަނީ ފާހަގަކުރައްވާފައެވެ.





