ސީޕެކްގެ މަޝްރޫއުތައް މުރާޖައާ ކުރަން ފަށަނީ

ޕާކިސްތާނުން ޗައިނާ-ޕާކިސްތާން އިކޮނޮމިކް ކޮރިޑޯ (ސީޕެކް) މަޝްރޫޢުތަކަށް ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމުގައި ލަސްތަކެއް މެދުވެރިވުމާއި ޕާކިސްތާނުގައި މަސައްކަތްކުރާ ޗައިނާގެ ރައްޔިތުންގެ ސަލާމަތަށް ކުރިމަތިވެފައިވާ ނުރައްކާތަކާ ގުޅިގެން، ސީޕެކްގެ މަޝްރޫޢުތަކުގައި ޗައިނާގެ ބައިވެރިވުން އަލުން މުރާޖަޢާކުރަމުން ދާކަމަށް ރިޕޯޓުކޮށްފިއެވެ.

ސީޕެކްގެ މަޝްރޫއުތަކަކާއި މަގުތަކާއި ބަނދަރާއި ކަރަންޓު ވިއުގައާ ގުޅޭ 62 ބިލިއަން ޑޮލަރުގެ އަގު ހުރި ބިޔަ މަޝްރޫއުތަކެކެވެ. އަދި ސީޕެކް މަޝްރޫޢުތައް ފަރުމާ ކޮށްފައި ވަނީ ޗައިނާގެ ޝިންޖިއާންގ ސަރަހައްދާއި ޕާކިސްތާނުގެ ގްވާދަރު ބަނދަރާ އެއްގަމު މަގުން ސީދާ މަގަކުން ގުޅުވާލުމަށެވެ. މިދިޔަ 10 އަހަރު ތެރޭގައި ޕާކިސްތާނަށް ޗައިނާއިން ވަނީ 25 ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓްތައް ދީފައި ކަމަށް އިންޑޯ އޭޝިއންގެ ރިޕޯޓުގައި ބުނެފައިވެއެވެ.

ޝާހްބާޒް ޝަރީފް ގެ ސަރުކާރުގައި އޭނާ ވަނީ ޗައިނާއިން އިތުރު ލޯނުތައް ނެގުމަށް އެއްބަސްވެވަޑައިގެން ސީޕެކް 2 ހިންގެވުމަށް ނިންމަވާފައެވެ. ޝަހުބާޒް ޝަރީފް ސެޕްޓެމްބަރު މަހު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި "ސީޕެކް 2.0″ ގައި އިސްކަން ދީފައިވަނީ ދެމެހެއްޓެނިވި ތަރައްގީއާއި ސިނާއީގޮތުން އިލާޙުތައް ގެނައުމުގެ އޮނިގަނޑަށެވެ. މީގެ ތެރޭގައި ދަނޑުވެރިކަމާއި، އިލެކްޓްރިކް ވެހިކަލްތައް އުފެއްދުމާއި، އިޔާދަކުރަނިވި ހަކަތައާއި، ސިއްހީ ދާއިރާއާއި، ދަގަނޑު އުފެއްދުމުގެ މަޝްރޫޢުތައް ހިމެނެއެވެ.

ސީޕެކްގެ މަޝްރޫއުތަކުގައި ބައިވެރިވުން މުރާޖައާ ކުރުމަށް މެދުވެރިވި ސަބަބުތަކުގެ ތެރޭގައި ޕާކިސްތާނުގެ ކަރަންޓު ދާއިރާއިން ޗައިނާ ކުންފުނިތަކަށް ދައްކަން ޖެހޭ ފައިސާ ދެއްކުން ލަސްވުމާއި، ޕާކިސްތާނުގެ ބޭރުގެ ދަރަނީގެ ޒިންމާތައް ބޮޑުވުމާއި، ސީޕެކް މަޝްރޫޢުތަކުގައި މަސައްކަތްކުރާ ޗައިނާގެ ރައްޔިތުންނަށް ދިމާވެފައިވާ ސަލާމަތީ މައްސަލަތައް ހިމެނެއެވެ.

ހިއްސާ ކުރައްވާ!