އިންޓަރނޭޝަނަލް ފައިނޭންޝަލް އެކްޝަން ޓާސްކް ފޯސް އިން ޕާކިސްތާނަށް މަނީ ލޯންޑަރިންއަށް ފަރުވާތެރިވުމަށް އަންގައި އިންޒާރުކޮށްފިއެވެ. އެފްއޭޓީއެފްއިން ބުނެފައި ވަނީ 2022 ވަނަ އަހަރު މަނީލޯންޑަރާ ކުރުމާ ގުޅޭ ގްރޭ ލިސްޓުން ޕާކިސްތާންގެ ނަން ނެގުމަކީ ޓެރަރިޒަމަށް ފައިނޭންސް ކުރުމާއި މަނީ ލޯންޑާގެ މައްސަލަތަކުން ސަލާމަތްވުމެއް ނޫން ކަމެވެ. އެފްއޭޓީއެފްގެ ރައީސް އެލީސާ ޑި އަންޑާ މަދުރާޒޯ ވަނީ ގްރޭ ލިސްޓުން ނަން އުނިކޮށްފައިވާ ގައުމުތައްވެސް ރައްކާތެރި ފިޔަވަޅު އަޅައިގެން ތިބެންޖެހޭނެ ކަމަށް ބުނެ ބާރުއަޅުއްވާފައެވެ. އަދި ވިދާޅުވީ "ޖިނާއީ މާލީ ހަރަކާތްތަކުން އެއްވެސް ގައުމެއް ރައްކާތެރިވެފައި ނުވާނެ" ކަމަށެވެ.
މި އިންޒާރު ދީފައިވަނީ ޖައިޝޭ މުޙައްމަދު ފަދަ ޕާކިސްތާނަށް ނިސްބަތްވާ ޖަމާއަތްތަކުން ޓެރަރިސްޓް އޮޕަރޭޝަންތަކަށް ފައިސާ ފޯރުކޮށްދިނުމަށް ޑިޖިޓަލް ވޮލެޓްތަކާއި ސިއްރު މުޢާމަލާތްތައް ބޭނުންކުރަމުންދާ ކަމުގެ ރިޕޯޓްތައް އާންމު ވުމާ ގުޅިގެންނެވެ. އެފްއޭޓީއެފްގެ އެންމެ ފަހުގެ ރިޕޯޓްގައި ވަނީ މިއީ ނުރައްކާތަކެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. އަދި، ޕާކިސްތާނުން ބެންކިންގެ ދާއިރާގައި ހުރި މިފަދަ ހުސްތަންތަން ފޫބައްދައި ގާނޫނު ތަންފީޒުކުރުން ވަރުގަދަ ފިޔަވަޅުތައް އެޅުމަށް ވަނީ އިލްތިމާސްކޮށްފައެވެ.
އިންޑިއާގެ ނޭޝަނަލް ރިސްކް އެސެސްމެންޓް 2022 ގައި ވެސް ޕާކިސްތާނަކީ ދައުލަތުގެ މުއައްސަސާތަކާ ގުޅުން ހުރި ޓެރަރިޒަމަށް ފައިނޭންސްކުރާ ނުރައްކާ ބޮޑު މަޞްދަރެއްގެ ގޮތުގައި ވެސް ފާހަގަކޮށްފައި ވެއެވެ. އަދި މީގެ އިތުރުން، އެފްއޭޓީއެފްއިން ވަނީ ބުރުކީނާ ފާސޯ، މޮޒަންބީކް، ނައިޖީރިއާ، އަދި ދެކުނު އެފްރިކާ އިން މަނީލޯންޑާ ކުރުމާ ދެކޮޅަށް ފިޔަވަޅު އަޅައި ކަންކަން ރަނގަޅުކޮށްފައިވާތީ އެ ގައުމުތައް ގުރޭ ލިސްޓުން ނަގައިފައެވެ.





