ކުޑަ ހަދަސްވެރިޔާއާއި ބޮޑު ހަދަސްވެރިޔާއަށް ޤުރުއާނުގައި އަތްލުމާއި އެފޮތް އުފުލުން ހަރާމްވެގެން ވެއެވެ.

ޙުސައިން ރަޝީދު އަޙްމަދު

ކުޑަ ހަދަސްވެރިޔާއާއި ބޮޑު ހަދަސްވެރިޔާއަށް ޤުރުއާނުގައި އަތްލުމާއި އެފޮތް އުފުލުން ހަރާމްވެގެން ވެއެވެ. މިހާރަކަށް އައިސް ފެންމަތިވެގެން އުޅޭ މައްސަލައެކެވެ. ވުޟޫ ނެތި ކީރިތި ޤުރުއާނުގައި އަތްލުމާއި އެފޮތް އުފުލުމަކީ ހުއްދަކަމެކެވެ. ހަމައެހެންމެ ޖުނުބުވެރިޔާއަށާއި ޙައިޟު ނިފާސްވެރިޔާއަށް ޤުރުއާނުގައި އަތްލުމާއި އެފޮތް އުފުލުމަކީ ވެސް ހުއްދަކަމެކެވެ. މިއީ ސަލަފީ ޙަރަކާތުގެ ޒަމާނީ ފަތުވާއެކެވެ.

ދީނުގެ ޢިލްމުވެރިންގެ ތެރޭން ވަރަށް ނާދިރު މަދު ބޭކަލު ނޫނީ އެންމެހައި ބޭކަލުން ވިދާޅުވާ ގޮތުގައި ވުޟޫ ނެތި ޤުރުއާނުގައި އަތްލުމާއި އެފޮތް އުފުލުމަކީ އަދި ޙައިޟު ނިފާސްވެރިޔާއާއި ޖުނުބުވެރިޔާއަށް އެފޮތުގައި އަތްލުމާއި އުފުލުމަކީ ޙަރާމްވެގެންވާ ކަމެކެވެ.

އިމާމު މާލިކާއި އަބޫ ޙަނީފާއާއި ޝާފިޢީއާއި އަޙްމަދުގެ އަރިހުގައި ޤުރްއާން ފޮތުގައި ބީހުމާއި އެފޮތް އުފުލުމަކީ ވުޟޫނެތްމީހާގެ މައްޗަށް ޙަރާމްވެގެންވާ ކަމެކެވެ. އެހެނަސް ޒާހިރީ މަޛުހަބުގެ ބޭކަލުން ވިދާޅުވާގޮތުގައި އެއީ ހުއްދަވެގެންވާ ކަމެކެވެ. އަބޫ ޙަނީފާގެ އެއްބަސްފުޅެއްގައި އަންނަނީ ފޮތިގަނޑެއް ފަދަ އެއްޗެއް ލައިގެން ހުރަހަކާއެކު ހިފިދާނެ ކަމަށާއި އިލޮށިކޮޅެއް ފަދަ އެއްޗަކުން ޤުރުއާނުގެ ގަނޑުތައް ހެލިދާނެ ކަމަށެވެ.

މިކަމުގެ ފުރަތަމަ ދަލީލަކީ ޢަލްވާޤިޢާ ސޫރަތުގެ 79 އާޔަތުގައި މާތް ﷲގެ ވަޙީ ކުރަށްވާފައިވާ މިބަސްފުޅެވެ. ﴿لا يَمَسُّهُ إِلاَّ الْمُطَهَّرُونَ﴾ (މާނައީ: ޠާހިރުމީހުން މެނުވީ ޤުރުއާނުގައި ނުބީހެއެވެ.)

މިއާޔަތުގައި ބަޔާންކުރެވިފައިވާ "މުޠައްހަރޫން" އަކީ އިންސާނުންތޯ ނުވަތަ މަލާއިކަތުންތޯ އާއި، މިއާޔަތުގެ މާނައަކީ ނަހީއެއްތޯ ނުވަތަ ހަމައެކަނި ޚަބަރެއްތޯއާމެދު ޢިލްމުވެރިންގެ މެދުގައި ޚިޔާލު ތަފާތުވިއެވެ. އެހެންކަމުން "މުޠައްހަރޫން"ގެ މުރާދަކީ އިންސާނުންކަމަށްދެކި، މިއާޔަތުގެ މާނައަކީ ނަހީކަމަށް ދެކެވަޑައިގަންނަވާ ބޭކަލުން ވިދާޅުވަނީ ޠާހިރު ނޫންމީހަކު މުޞްޙަފުގައި އަތްލުން ހުއްދަނުވާނެ ކަމަށެވެ. މިއީ ހަތަރު މަޛްހަބާއި ޖުމްހޫރު ދަންނަބޭކަލުންގެ ރައުޔެވެ.

މިހެނީ މިބޭކަލުން ވިދާޅުވަނީ އުޑުގައި ޠާހިރު ނޫން މީހަކު ނުވާހިދު މިތާގައި ޠާހިރު ނޫން މީހަކު ޤުރުއާނުގައި އަތް ނުލާނެކަމަށް އެންގެވި އެންގެވުމުން އޭގެ މުރާދަކީ މަލާއިކަތުން ކަމަށް ބުނެވޭނެ އެއްވެސް ޖާގައެއް ނެތް ކަމަށެވެ. ޝައިޚުލް އިސްލާމް އިމާމު ނަވަވީ ވިދާޅުވެފައި ވެއެވެ. ފުރަތަމަ ކަމަކީ މިތާގައި މުރާދަކީ އިންސާނުންނެވެ. މަލާއިކަތުންނެއް ނޫނެވެ. ސަބަބަކީ އެއާޔަތުގެ ފަހުގެ އާޔަތުގައި އޮތް ބަސްފުޅުން އެކަން ސާބިތު ވެއެވެ. ﴿لاَ يَمَسُّهُ إِلاَّ الْمُطَهَّرُونَ تَنْزِيلٌ مِنْ رَبِّ العالمين[ (މާނައީ: މިފޮތުގައި ޠާހިރު ބަޔަކުނޫނީ ނުބީހޭނެއެވެ. މިހެނީ އެފޮތް ވަނީ ޢާލަމުތަކުގެ ވެރި އިލާހުގެ ޙަޟުރަތުން ބާވައިލެއްވިގެންނެވެ.) ދެން ނަވަނީ ވިދާޅުވެފައި ވަނީ "ބާވައިލެއްވިގެންވުން" މިބަހުން މިއީ ތިމަންމެން އަތުގައި މިއޮތް މުޞްޙަފުކަން އެބަ ދޭހަވެއެވެ. އަދިވެސް ނަވަަވީ ވިދާޅުވެފައި ވެއެވެ. ﴿لاَ يَمَسُّهُ إِلاَّ الْمُطَهَّرُونَ[ (މާނައީ: މިފޮތުގައި ޠާހިރު ބަޔަކުނޫނީ ނުބީހޭނެއެވެ.) މިބަސްފުޅުން ޚަބަރު ދެއްވަމުން އަންގަވަނީ އޭ މުސްލިމުންނޭނެވެ. ޠާހިރުކަންމަތީ ނޫނީ ތިޔަބައިމީހުން މިފޮތުގައި ނުބީހޭށެވެ. އެހެންކަމުން މިތާގައި ނަހީގެ ބަސްފުޅު އޮތުމަށް ވުރެން ނަފީގެ ޚަބަރު ދެއްވާފައި އޮތުން މާ ބާރުގަދައެވެ. (ނަވަވީ: 2/72)

ދެވަނަ ދަލީލަކީ ގިނަ މުޙައްދިޘުން ރިވާކުރަށްވާފައިވާ އަންނަނިވި ޙަދީޘެކެވެ. މާތް ﷲ ރުއްސުންލެއްވި ޢަމްރު ބިން ޙަޒްމުގެ ކިބައިން އިމާމު މާލިކު ރިވާކުރެއްވި މިޙަދީޘެވެ. އޭގައިވަނީ: ]أَنَّ فِي الْكِتَابِ الَّذِي كَتَبَهُ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ لِعَمْرِو بْنِ حَزْمٍ أَنْ لَا يَمَسَّ الْقُرْآنَ إِلَّا طَاهِرٌ﴾ (މާނައީ: رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ޢަމްރު އިބްނި ޙަޒްމަށް ސިޓީފުޅެއް ލިއުއްވިއިރު އޭގައި މިފަދައިން ލިޔުއްވާފައި ވެއެވެ. ދަންނާށެވެ. އެއްވެސް މީހަކު ޠާހިރުކަންމަތީ މެނުވީ ޤުރުއާންގައި ނުބީހުށި ކަމެވެ.) އިމާމު އިބްނު ރުޝްދު މިޙަދީޘު ނަގުލު ކުރަށްވަމުން ބިދާޔަތުލް މުޖްތަހިދުގެ 1/101 ގައި ވިދާޅުވެފައި ވެއެވެ. ޢަމްރު ބިން ޙަޒްމުގެ ރިވާޔަތްތަކާމެދު ޢިލްމުވެރިންގެ މެދުގައި ވަނީ ދެބަސްފުޅެކެވެ. އެއްބަސްފުޅަކީ އެޙަދީޘްތަކަކީ ޞަޙީފާ (ލިޔެވިފައިވާނޯޓު) ޙަދީޘް ތަކަކަށްވުމެވެ. ދެން މުޞައްނިފު ވިދާޅުވަނީ، އިމާމު އިބްނުލް މުފައްވިޟު މިޙަދީޘްތައް ޞައްޙަ ކުރައްވަނިކޮށް އަހަރެން ދުށީމެވެ. މިހެނީ އެރިވާޔަތުގައިވާ އެންމެހައި ރާވީންނަކީ އެކަލޭގެފާނުންގެ އަރިހުގައި ޘިޤާ (އިތުބާރުހިފޭ) ރާވީން ކަމުގައި ވާތީއެވެ. އަނެއްކޮޅުން މިއީ ސީދާ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ލިއުއްވި ލިއުންކޮޅަކަށް ވުމެވެ.

އަދި ހަމައެފަދައިން ޢަމްރު އިބްނި ޝުޢައިބުގެކިބައިން ރިވާވެގެންވާ ޙަދީޘްތަކުންވެސް (މީގެ ސަނަދަކީ ޢަމްރު އިބްނި ޝުޢައިބު އެކަލޭގެފާނުންގެ ބައްޕަގެ ކިބައިން އެކަލޭގެފާނުންގެ ކާފަގެ ކިބައިން ރިވާކުރަށްވާ ޙަދީޘްތަކެވެ.) މިކަން ސާބިތު ވެގެން ވެއެވެ. އެހެނަސް ކުރީން ބުނިފަދައިން ޒާހިރީ މަޛްހަބުގެ ޢިލްމުވެރިން މިޙަދީޘްތައް ރައްދުކުރައްވައެވެ.

މިޙަދީޡަކީ ބައެއް ބޭކަލުންގެ އަރިހުގައި ޟަޢީފު ޙަދީޘެކެވެ. އަނެއްބައި ބޭކަލުން ޞައްޙަ ކުރަށްވައެވެ. ކޮންމެއަކަސް ބައެއް ބޭކަލުންގެ އަރިހު ޙަދީޘުގެ ސަނަދުގައި ބަލިކަށިކަމެއް އޮތްކަމުގައި ވިއަސް މިސިޓީފުޅު ދެކެވަޑައިގަތް ބޭކަލުން ތިއްބެވިއެވެ. އެބޭކަލުންގެ ތެރޭގައި އިމާމު ޒުހުރީއާއި އިމާމު ސަޢީދު އިބްނު މުސައްޔިބުއާއި މުސްލިމުންގެ ފަސްވަނަ ޚަލީފާ ޢުމަރު އިބްނި ޢަބްދުލް ޢަޒީޒު ހިމެނިވަޑައިގަންނަވައެވެ. މިވާހަކަ އިމާމު އަބޫ ދާއޫދާއި ނަސާއީ ބަޔާންކުރަށްވާފައި ވެއެވެ.

މިޙަދީޘު ރިވާކުރަށްވަނީ އިމާމު މާލިކާއި ދާރިމީއާއި ބައިހަޤީއެވެ. އަދި އިމާމު ނަސާއީއާއި ދާރުޤުޠްނީއާއި އިބްނި ޙިއްބާނާއި ޙާކިމު ވެސް މިޙަދީޘު ރިވާކުރެއްވިއެވެ. އިމާމު އިބްނި ޙިއްބާނާއި ޙަކިމު ވިދާޅުވަނީ މިއީ ޞައްޙަ ޙަދީޘެއް ކަމަށެވެ. (އަލްޙާކިމު: (4/614) އިމާމު ޙާކިމު މިފަދައިން ރިވާކުރަށްވާފައި ވެއެވެ. ޙަކީމު އިބްނި ޙިޒާމު ވިދާޅުވެފައި ވެއެވެ. ﴿أَنَّ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ لَمَّا بَعَثَهُ وَالِيًا إِلَى الْيَمَنِ قَالَ لَا تَمَسَّ الْقُرْآنَ إِلَّا وَأَنْتَ طَاهِرٌ[ (މާނައީ: ކީރިތި ރަސޫލާ ޙަކީމު އިބްނި ޙިޒާމު ގަވަރުނަރެއްގެ ގޮތުގައި ޔަމަނަށް ފޮނުއްވިއެވެ. އަދި ނަޞީޙަތް ދެއްވަމުން ޙަދިޘު ކުރެއްވިއެވެ. އޭޙަކީމެވެ. ޠާހިރު ޙާލަތުގައި ނޫނީ ޤުރުއާނުގައި އަތް ނުލާށެވެ.) ދެން އިމާމު ޙާކިމު ވިދާޅުވަނީ މިޙަދީޘުގެ ސަނަދު ދެޝައިޚުންގެ ޝަރުޠާ އެއްގޮތަށް ޞައްޙަ ކަމަށާއި އެދެބޭކަލުން ނެރުއްވާފައި ނުވާ ކަމަށެވެ. އިމާމު އިބްނި ޙަޖަރު އައްތަލްޚީޞުގެ 1/228 ގައި ވިދާޅުވެފައި ވަނީ މިސަނަދުގައި ސުވައިދު އަބޫ ޙާތިމު ވާކަމަށާއި އޭނާއަކީ ޟަޢީފު ރާވީއެއް ކަމަށާއި ޠަބަރާނީ މިޙަދީޘު އަލްއައުސަޠުގައްޔާއި އަލްކަބީރުގައި ނެރުއްވި ކަމަށާއި އިމާމު އަލްޙާޒިމީ އެސަނަދު ހަސަން ކުރެއްވި ކަމަށެވެ.

ދެން މިތާގައި ރާވީއަކީ ޢަމްރު އިބްނި ޙަޒްމުތޯ ނުވަތަ ހަކީމު އިބްނި ޙިޒާމުތޯ މިއީ ޚިލާފު އޮތް މައްސަލައެކެވެ. ޝައިޚުލް އިސްލާމް އިމާމު ނަވަވީ މިދެބޭކަލުންގެ ޙަދީޘުވެސް ޟަޢީފު ކުރަށްވައެވެ. އިބްނި ޙަޖަރު ވިދާޅުވަނީ އަޞްލު އެބޭކަލަކީ ޢަމްރު އިބްނި ޙަޒްމު ކަމަށެވެ. އަދި ޙަދީޘު ފޮތްތަކުގައި މަޝްހޫރު ވެފައި ވަނީވެސް އެކަލޭގެފާނު ކަމަށެވެ. (އައްތަލްޚީޞު: 1/228)  އަދިވެސް އިބްނި ޙަޖަރު އައްތަލްޚީޞުގެ (4/35) ގައި ލިއުއްވާފައި ވެއެވެ. ﴿وَقَالَ يَعْقُوبُ بْنُ سُفْيَانَ لَا أَعْلَمُ فِي جَمِيعِ الْكُتُبِ الْمُتَقَوِّلَةِ كِتَابًا أَصَحَّ مِنْ كِتَابِ عَمْرِو بْنِ حَزْمٍ هَذَا فَإِنَّ أَصْحَابَ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَالتَّابِعِينَ يَرْجِعُونَ إلَيْهِ وَيَدَعُونَ رَأْيَهُمْ وَقَالَ الْحَاكِمُ قَدْ شَهِدَ عُمَرُ بْنُ عَبْدِ الْعَزِيزِ وَإِمَامُ عَصْرِهِ الزُّهْرِيُّ لِهَذَا الْكِتَابِ بِالصِّحَّةِ[ (މާނައީ: އިމާމު ޔަޢުޤޫބު ބިން ސުފްޔާން ވިދާޅުވެފައި ވެއެވެ: އަހަރެންނަށް އެނގިފައިވާ ގޮތުގައި، މަޝްހޫރު އެންމެހައި ފޮތްތަކުގެ ތެރެއިން، ޢަމްރު ބިން ޙަޒްމްގެ މިސިޓީފުޅަށްވުރެ ޞައްޙަ ލިއުމެއް ނުވެއެވެ. ހަމަކަށަވަރުން رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ގެ ޞަޙާބީންނާއި ތާބިޢީން މިސިޓީފުޅަށް ރުޖޫޢަވެވަޑައިގެން އެބޭކަލުންގެ އަމިއްލަފުޅު ރައުޔު ދޫކޮށްލެއްވިއެވެ. އަދި އިމާމު އަލްޙާކިމް ވިދާޅުވެފައި ވެއެވެ. ޚަލީފާ ޢުމަރު ބިން ޢަބްދުލް ޢަޒީޒާއި، އެޒަމާނުގެ އެންމެ މަޝްހޫރު އިމާމު އަޒްޒުހްރީ މިސިޓީފުޅުގެ ޞައްޙަކަމަށް ހެކިވެ ވަޑައިގެންފައި ވެއެވެ.

އިމާމު ޒަރްޤާނީ މުއައްޠާގެ ޝަރަޙަގައި މިފަދައިން ލިއުއްވާފައި ވެއެވެ. (1/676) ﴿وَقَالَ ابْنُ عَبْدِ الْبَرِّ لَا خِلَافَ عَنْ مَالِكٍ فِي إِرْسَالِ هَذَا الْحَدِيثِ، وَقَدْ رُوِيَ مُسْنَدًا مِنْ وَجْهٍ صَالِحٍ وَهُوَ كِتَابٌ مَشْهُورٌ عِنْدَ أَهْلِ السِّيَرِ مَعْرُوفٌ عِنْدَ أَهْلِ الْعِلْمِ مَعْرِفَةً يُسْتَغْنَى بِهَا فِي شُهْرَتِهَا عَنِ الْإِسْنَادِ لِأَنَّهُ أَشْبَهَ الْمُتَوَاتِرَ فِي مَجِيئِهِ لِتَلَقِّي النَّاسِ لَهُ بِالْقَبُولِ ، وَلَا يَصِحُّ عَلَيْهِمْ تَلَقِّي مَا لَا يَصِحُّ[ (މާނައީ: އިމާމު އިބްނި ޢަބްދުލް ބައްރު ވިދާޅުވެފައި ވެއެވެ. މިޙަދީޘު އިމާމު މާލިކުގެ އަރިހުން މުރުސަލް ރިވާޔަތެއްގައި އައިސްފައި އޮތްކަމާމެދު ޝައްކެއްނެތެވެ. އެހެނަސް ޞައްޙަ މަގުން ނަސަދާއެކުވެސް ރިވާވެފައި އެބަހުއްޓެވެ. މިއީ ސިޔަތުގެ ޢިލްމުވެރިންގެގާތު ވަަރަށް މަޝްހޫރު އެންމެން ދަންނަ ސިޓީފުޅެކެވެ. ޢިލްމުވެެރިންގެ އަަރިހުގައި މިސިޓީފުޅުގެ މަޝްހޫރުކަމުން ސަނަދުގެ ބޭނުމެއް ނެތް މިންވަރަށް ސިޓީފުޅުވަނީ މީސްތަކުންނާ ގައިގޯޅި ވެފައެވެ. މިހެނީ އެޙަދީޘަކީ މުތަވާތިރު ޙަދީޘާ ވައްތަރު ޙަދީޘެކެވެ. އެއްޖީލުން އަނެއް ޖީލަށް މީސްތަކުން އެޙަދީޘު ބަލައިގެންފައި ވާތީއެވެ. އަދި ދަންނާށެވެ! ޞައްޙަ ނޫން ވާހަކައެއް އެންމެހައި މީސްތަކުން ޤަބޫލުކުރުމަކީ ބުއްދި ޤަބޫލު ކުރާ ކަމެއް ނޫނެވެ. (އައްޒަރުޤާނީ: 1/676)

ކޮންމެއަކަސް ވުޟޫ ނެތްމީހާއަށް ޤުރުއާން ފޮތުގައި އަތްލުމާމެދު ހުއްދަ ނޫންކަމުގައި ޢަމްރު އިބްނި ޙަޒްމުގެ އިތުރުން މާތް ﷲ ރުއްސުންލެއްވި ޢަބްދު ﷲ އިބްނި ޢުމަރުގެ ކިބައިން އެކަލޭގެފާނުންގެ ދަރިކަލުން ސާލިމު ރިވާކުރަށްވާފައި ވެއެވެ. ﴿عَنْ عَبْدِ اللَّهِ بْنِ عُمَرَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ لَا يَمَسَّ الْقُرْآنَ إِلَّا طَاهِرٌ[ (މާނައީ: އިބްނި ޢުމަރު ވިދާޅުވިއެވެ. ލޮބުވެތި رَسُولُ اللَّهِ H ޙަދީޘު ކުރަށްވާފައި ވެއެވެ. ޠާހިރު ކަންމަތީ ހުރި މީހަކު ނޫނީ (އެބަހީ ވުޟޫ ކޮށްގެން މެނުވީ) ޤުރުއާނުގަައި އަތް ނުލާހުށި ކަމެވެ.) (މިއީ އިމާމު ދަރުޤުޠްނީއާ އިމާމު ޠަބަރާނީ އެކަލޭގެފާނުންގެ ކަބީރާއި ޞަޣީރުގައި ރިވާކުރަށްވާފައިވާ ރިވާޔަތެކެވެ. އިމާމު އަލްހައިޡަމީ ވިދާޅުވަނީ ޠަބަރާނީ ރިވާކުރެއްވި މިރިވާޔަތުގެ ސަނަދުގައިވާ އެންމެހައި ރާވިންނަކީ އިތުބާރުހިފޭ ޡިޤާ ރާވީން ކަމަށެވެ. (މަޖްމަޢުއް ޒަވާއިދު: 1/276)

ވުމާއެކު ވުޟޫ ނެތި ޤުރުއާން ފޮތުގައި އަތްލުމާއި އެފޮތް އުފުލުމީ ޙަރާމްކަމެކެވެ. މިއީ ޒާހިރީން ނޫނީ ދީނުގެ އެންމެހައި ޢިލްމުވެރިން ޚިލާފެއްނެތި ޤަބޫލު ކުރަށްވާ ކަމެކެވެ. އަދި ބަޔާންވެދިޔަ ދަލީލުތަކާ އިދިކޮޅަށް އެއްވެސް ޟަޢީފު ޙަދީޘެއްވެސް ނެތްހިނދު އެއާޔަތާއި ޙަދީޘުތައް ތައުވީލުކުރަން މަސައްކަތް ކުރުމީ ޙައްޤުފޮރުވަން އުޅުމެވެ. މާތް ﷲ އަޅުގަނޑުމެންނަށް ހެޔޮމަގު ދައްކަވާށިއެވެ. ފިތުނައިން ރައްކައު ކުރަށްވާށިއެވެ. ޙައްޤުގޮތް ޤަބޫލުކުރުމުގެ ތައުފީޤު ދައްކަވާށިއެވެ. އާމީން!

ހިއްސާ ކުރައްވާ!