ކަރާޗީގައި ޔޫރިއާ އެކުލެވޭ ކިރު ވިއްކުމުގެ މައްސަލަ: 27 ފިހާރަ ބަންދުކޮށްފި

ޕާކިސްތާނުގެ ކަރާޗީގައި ކެމިކަލް އަދި ޔޫރިއާ އެކުލެވޭ ރައްކާތެރި ނޫން ކިރު ވިއްކާ މައްސަލައެއް ފެންމަތިވެ، އެތައް ފިހާރައެއް ސަރުކާރުން ބަންދުކޮށްފިއެވެ. ކަރާޗީގެ ކޮމިޝަނަރުގެ އޮފީހުން ހިންގާ މި އޮޕަރޭޝަންގައި، މިހާތަނަށް ޖުމްލަ 27 ފިހާރައެއްގައި ސިލުޖަހައި ބަންދުކޮށްފައިވާ ކަން އެނގިފައިވެއެވެ.

ކަރާޗީ ކޮމިޝަނަރުގެ ފަރާތުން ނެރެފައިވާ ބަޔާނެއްގައިވާ ގޮތުން، ކެމިކަލް އެއްކޮށްފައިވާ ކިރު ވިއްކުމާ ދެކޮޅަށް ހިންގާ މި ކެމްޕޭންގެ ތެރެއިން، މިއަދު އަންގާރަ ދުވަހު އިތުރު 7 ކިރު ފިހާރައެއް ސިއްކަޖަހައި ބަންދުކޮށްފައި ވެއެވެ. މިދިޔަ ދެ ދުވަހުގެ ތެރޭގައި ޖުމްލަ 27 ކިރު ފިހާރައެއް ވަން ސިލު ޖަހައި ބަންދުކޮށްފައެވެ.

ކަރާޗީގެ ކޮމިޝަނަރު ހަސަން ނަޤުވީ ވިދާޅުވީ މި ފިހާރަތައް ދެން ހުޅުވާނީ ބޮޑެތި އަދަދުން ޖުރިމާނާކޮށްފައެވެ. އަދި މިތަންތަނަށް ދެން ސެޓްފިކެޓް ދޭނީ މި ފިހާރަތަކުން ސާފު، ކެމިކަލް އެއް ނުކުރާ ކިރު ވިއްކާނެ ކަމުގެ ޔަގީންކަން ލިޔުމުން ދިނުމުން ކަމަށްވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!