ޕާކިސްތާނަށް މި މާލީ އަހަރު ރެކޯޑް އަދަދަކަށް ބޭރުން ފައިސާ ލ؛ިބިއްޖެއެވެ. ގައުމުން ބޭރުގައި ދިރިއުޅޭ ޕާކިސްތާން މީހުން ގައުމަށް ފޮނުވާ ރެމިޓެންސ ފައިސާގެ ގޮތުގައި 43 ބިލިއަން ޑޮލަރުގެ ރެމިޓެންސް ލިބޭނެ ވާހަކަ ސަރުކާރުގެ ސިޔާސަތު އެކުލަވާލާ ފަރާތްތަކުން ސިފަކުރަނީ އިގްތިސާދީ ހަލަބޮލިކަމަށް ފަހު އަނބުރާ އިގްތިސާދު ހަމައަކަށް އެޅުމަށް ލިބޭ ބޮޑު އެހީއެއްގެ ގޮތުގައެވެ. ނަމަވެސް، މި އުފާވެރި ޚަބަރުތަކުގެ ފަހަތުގައި ވަނީ ކަންބޮޑުވާންޖެހޭ ހަގީގަތެކެވެ: ރެމިޓެންސްތަކަށް ބަރޯސާވުން އިތުރުވުމަކީ ނިޒާމީ ގޮތުން ހުއްޓިފައިވާ ފައިސާގެ ރޭޓު ބަދަލުކުރުމުގެ މައްސަލަތަކާއި، މާލީ ނިޒާމުގެ ބަލިކަށިކަން ހާމަކޮށްދޭ ކަމެކެވެ.
2025 ވަނަ އަހަރުގެ ޖުލައި މަހު ޕާކިސްތާންގެ ރެމިޓެންސްގެ އާމްދަނީ ވަނީ ކުރީ އަހަރާ އަޅާބަލާއިރު 7 އިންސައްތައަށް އިތުރުވެ، 3.13 ބިލިއަން ޑޮލަރަށް އަރާފައެވެ. މީގެ ބޮޑު ބައެއް ލިބިފައިވަނީ ސައުދީ އަރަބިއްޔާ (737 މިލިއަން ޑޮލަރު)، ޔޫއޭއީ (643 މިލިއަން ޑޮލަރު)، ޔޫކޭ (463 މިލިއަން ޑޮލަރު)، ޔޫރަޕިއަން ޔޫނިއަން (433 މިލިއަން ޑޮލަރު)، އަދި އެމެރިކާ (267 މިލިއަން ޑޮލަރު) އިންނެވެ. ޕާކިސްތާންގެ ފައިސާގެ އަގު ހިފަހައްޓާފައިވާ މިންވަރުގެ ސަބަބުން މި އާމްދަނީގެ އިގްތިސާދީ އަގު ދައްކުވައިދޭ ގޮތް ބަދަލުވެފައިވާ ކަމަށް ބަލަން ޖެހޭ ކަމަށް އިގްތިސާދީ މާހިރުން ދެކެއެވެ.
ޕާކިސްތާނުގެ ރަސްމީ ފައިސާ މާރުކުރާ ރޭޓް ކަމަށްވާ 284 ޕާކިސްތާނު ރުޕީސް އަކީ ހަގީގީ މާކެޓް ރޭޓް ކަމަށްވާ ޑޮލަރަކަށް 350 ރުޕީސް އަށް ވުރެ މާ ދަށް އަދަދެކެވެ. މި ތަފާތުގެ ސަބަބުން ރެމިޓެންސްގެ އަސަރު ކަރުދާހުގައި ބޮޑުކޮށް ދައްކުވައިދޭއިރު، ޕާކިސްތާންގެ ފައިސާގެ ބާރު ދަށްވަމުންދާ މަންޒަރު އޮންނަނީ ނުފެނިފައެވެ. މުސްތަގުބަލުގައި ފައިސާގެ ރަސްމީ ރޭޓަށް ބަދަލެއް އަތުވެއްޖެނަމަ، ރެމިޓެންސްގެ އެތެރޭގެ އަގު 40 އިންސައްތައާ ހަމައަށް ދަށްވެފައިވާ ތަން ފެންނާނެ ކަމަށްމާލީ ފަރާތްތަކުން ބުނެއެވެ.
ޕާކިސްތާނަށް ރެމިޓެންސް އިތުރުވި ނަމަވެސް، ޕާކިސްތާނަށް ކުރިމަތި ވެފައިޥާ ޑޮލަރުގެ ދަތިކަން އަދިވެސް ހަލެއް ނުކުރެވެއެވެ. ބޭންކުތަކުން ޑޮލަރު ވިއްކަނީ ސްޓޭޓް ބޭންކުގެ ރަސްމީ ރޭޓަށް ވުރެ މަތިން ނެވެ. މިއަދުގެ ރޭޓަކީ، ޑޮލަރަކަށް 288 ރުޕީސް އެވެ. ބްލެކް މާކެރޓްގައި ޑޮލަރު ހުރީ 288.60 ރުޕީސްގައެވެ. މުދާ އެތެރެކުރާ ފަރާތްތަކަށް ޑޮލަރު ހޯދުން ވަނީ ދަތިކަމަކަށް ވެފައެވެ.
މީގެ އިތުރުން، މަނި ޓްރާންސްފަރ އޮޕަރޭޓަރުންނާއި ބޭންކުތަކުން މިހާރު ވަނީ ޓްރާންސްފަރ ފީގެ ގޮތުގައި 1 ރުޕީސް އިން 4.5 ރުޕީސް އަށް ނަގާ ޗާޖު ބޮޑު ކޮށްފައެވެ. މިކަމުގެ ސަބަބުން ގާތްގަނޑަކަށް 130 ބިލިއަން ރުޕީސްގެ ފައިދާ އެ ފަރާތްތަކަށް ލިބެއެވެ. ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ޕާކިސްތާނު ރެމިޓެންސް އިނިޝިއޭޓިވް އިން މިހާރު ފައިދާ ކުރަނީ ރައްޔިތުންނަށް ވުރެ ބޮޑަށް މުއައްސަސާތަކަށެވެ. އަދި މި ފީ ދަށްކުރުމަށް ގޮވާލާ އަޑުތައް ވަނީ އިތުރު ވެފައެވެ.
މައްސަލަ އިތުރަށް ގޯސްކުރާ އެހެން ކަމެއް ކަމަށްވާ، ރެމިޓެންސްގެ ގާތްގަނޑަކަށް 65 އިންސައްތަ އަންނަނީ ގަލްފް ކޯޕަރޭޝަން ކައުންސިލް ޤައުމުތަކުންނެވެ. މި ޤައުމުތަކުގެ ތެރެއިން އެއްވެސް ޤައުމެއްގެ ސިޔާސަތަށް ބަދަލެއް އަތުވެއްޖެނަމަ ޕާކިސްތާނުގެ ބެލެންސް އޮފް ޕޭމަންޓްސްއަށް ނޭދެވޭ އަސަރުކޮށްފާނެއެވެ. ރެމިޓެންސް އިތުރުވުމަކީ ވެސް 'ބްރެއިން ޑްރެއިން' ގެ ނަތީޖާއެކެވެ. 17 އަހަރުގެ ތެރޭގައި 10 މިލިއަން ޕާކިސްތާނު ރައްޔިތުން ވަނީ ގައުމަށް ހިޖުރަކޮށްފައެވެ.





