ކުއެޓާ އިން ޕެޝާވަރަށް ދަތުރުކުރި ޖަޢުފަރު އެކްސްޕްރެސްއަށް ރޮކެޓް ހަމަލާއެއް

ޕާކިސްތާންގެ ކުއެޓާ އިން ޕެޝާވަރަށް ދަތުރުކުރަމުންދިޔަ ޖަޢުފަރު އެކްސްޕްރެސް ރޭލަށް ނުތާލް ސަރަހައްދުން ރޮކެޓް ހަމަލާއެއް ދީފިއެވެ. ފުލުހުންގެ އޮފިޝަލުންނާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި، މި ހަމަލާ ދީފައިވަނީ ރޭލު ނުތާލް ކައިރިން ދަތުރު ކުރަމުން ދަނިކޮށެވެ. އެހެންނަމަވެސް، މި ހަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.

ފުލުހުންގެ ބަޔާނުގައިވާ ގޮތުން، ހަމަލާގެ ޚަބަރު ލިބުމާއެކު ސަލާމަތީ ފަރާތްތަކުން ވަނީ ވަގުތުން ހަމަލައަށް ރައްދު ދީފައެވެ. ނަމަވެސް ހަމަލާދިން ފަރާތްތައް ވަނީ އެ ހަމަލައަށް ފަހު އެ ސަރަހައްދުން ފިލާފައެވެ. މި ހާދިސާއާ ގުޅިގެން ސަލާމަތީ ބާރުތަކުން ވަނީ ފުޅާ ދާއިރާއެއްގައި ސާޗް އޮޕަރޭޝަނެއް ފަށާފައެވެ. ފުލުހުން ބުނީ ހަމަލާދިން ފަރާތްތައް ހޯދުމުގެ މަސައްކަތް އަދިވެސް ކުރިއަށްދާ ކަމަށެވެ.

ފުލުހުންގެ އޮފިޝަލުން އިތުރަށް ވިދާޅުވީ، ހަމަލާ ދިނުމަށްފަހު ވެސް ޖަޢުފަރު އެކްސްޕްރެސް ވަނީ ސަލާމަތާއެކު ދޭރާ މުރާދު ޖަމާލީއަށް ދަތުރުކޮށްފައި ކަމަށެވެ. މި ހަމަލާގެ ސަބަބުން ދަތުރުކުރި ފަސިންޖަރުންނަށް ނުރައްކަލެއް ކުރިމަތިވެފައި ނުވާ ކަމަށް ވެސް ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ.

ހިއްސާ ކުރައްވާ!