އަފްޣާނިސްތާނާއި ޕާކިސްތާނުން ތުރުކީގައި ބޭއްވި މަޝްވަރާތައް ވަނީ ނާކާމިޔާބު ވެފައެވެ. ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ އާސިފް ވިދާޅުވެފައިވަނީ، ޕާކިސްތާނުގެ ސަރަޙައްދު ހުރަސްކޮށް އަފްޣާނިސްތާނުގެ ތެރެއަށް ވަދެގެންވެސް އަފްޣާނިސްތާންގެ ހަމަލަތަކަށް ޖަވާބުދޭނެކަމަށެވެ. އަދި ޕާކިސްތާނުގެ ސަރަހައްދަށް އަރައިގަތުމަށް މަސައްކަތްކޮށްފިނަމަ، ޕާކިސްތާނުންވެސް ޔަގީނުންވެސް ޙަމަލާދޭނެކަމަށް އޭނާ ވިދާޅުވިއެވެ.
ޕާލިމެންޓް ހައުސްގައި މީޑިއާއާ ވާހަކަދައްކަވަމުން ޚަވާޖާ އާސިފް ވިދާޅުވީ، އަފްޣާން ތާލިބާނުންނާ ދެމެދު މަޝްވަރާތައް ނިމުނީ އިއްޔެ ހަވީރުކަމަށާއި، މިކަމުގައި މެދުވެރިންނަށްވެސް ކާބުލްގެ ނުބައި ނިޔަތް ސާފުވެފައިވާކަމަށް ވިދާޅުވިއެވެ. އަދި ކާބުލްގެ ނުބައި ނިޔަތާއި ފިތުނަ މިހާރު އެންމެންނަށްވެސް ސާފުވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.
ޚަވާޖާ އާސިފް ވަނީ އަފްޣާން ތާލިބާނުންނަށް އަމާޒުކޮށް ހަރުކަށި ބަޔާނެއް ނެރުއްވާފައެވެ. އެ ބަޔާނުގައި އޭނާ ވިދާޅުވެފައިވަނީ، އަފްޣާން ތާލިބާނުންގެ ދުވަސްތައް ނިމޭނެ ކަމުގެ ހިސާބުތައް ޖަހަން ޖެހޭ ވަގުތު މިހާރު އައިސް ޖެހިއްޖެ ކަމަށެވެ.އަދި ޕާކިސްތާނުގެ އަޒުމަ ބެލުމަށް ކާބުލްއިން މަސައްކަތް ކުރުމަކީ އަފްޣާނިސްތާނަށް ވަރަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމެއްކަމަށެވެ.
ޕާކިސްތާންގެ ދިފާޢީ ވަޒީރު އިތުރަށް ވިދާޅުވީ، އަފްޣާނިސްތާންގެ ކަންކަން ރަނގަޅު ކުރުމަށް މިހާރު ދެން ކުރެވޭނެ އިތުރު އެއްވެސް ކަމެއް ނެތް ކަމަށެވެ. އަދި ތާލިބާނުން މިހާރު އަފްޣާނިސްތާން އެ ޤައުމުގެ މާޒީއަށް ގެންދަން އުޅޭކަމުގެ ބިރުހީވާކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި އަފްޣާނިސްތާނަކީ ދައުލަތެއްގެ މާނައިގައި ނުހިމެނޭ ޤައުމެއްކަމަށާއި، ތާލިބާނުންނަކީ ދައުލަތެއްގެ ވައްޓަފާޅިއަށް އަހުލުވެރިވެފައިވާ ބަޔެއް ނޫންކަމަށާއި، އެމީހުންނަށް ހަމަޖެހުމެއްވެސް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. ކާބުލް ސަރުކާރުގައި ދައުލަތެއްގެ ހައިސިއްޔަތުން ވާހަކަ ދައްކާނެ އެއްވެސް މީހަކު ނެތްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ދިފާޢީ ވަޒީރު ވިދާޅުވީ، އަފްޣާނިސްތާނުގެ ބިން ބޭނުންކޮށްގެން ޓެރަރިޒަމް ހިންގާނަމަ، އެކަމަށް ފުރިހަމައަށް ޕާކިސްތާނުން ޖަވާބުދޭނެކަމަށެވެ. އަދި ޕާކިސްތާނުގެ އިމުގެ ތެރެއަށް ވަދެ ބިން ފޭރުމަށް މަސައްކަތްކޮށްފިނަމަ، ޕާކިސްތާނުންވެސް ޙަމަލާދޭނެ ކަމަށެވެ.
ޚަވާޖާ އާސިފް ވިދާޅުވީ، ކާބުލްއިން މިވަނީ ދެކޮޅުވެރިކަމުގެ މަގު އިޚްތިޔާރުކޮށްފައިކަމަށާއި، އެގޮތަށް ކަންތައްކޮށްފިނަމަ، އެކަމުގެ ބަދަލު ކާބުލްއަށް ލިބޭނެ ކަމަށެވެ.





