ބަލޫޗިސްތާނުގެ ކަލާތު ޑިސްޓްރިކްޓްގައި ޕާކިސްތާނުގެ ސިފައިންގެ ގާފިލާއަކަށް ދިން ހަމަލާއެއްގައި، އެގައުމުގެ އެލިޓް ކޮމާންޑޯ ޔުނިޓުގެ ދެ މީހުންނާއެކު ސިފައިންގެ 6 މީހަކު ޝަހީދުވެއްޖެ ކަމަށް ރިޕޯޓުކޮށްފިއެވެ.
މިޓެރަރިސްޓް ހަމަލާ ދީފައިވަނީ ހޯމަ ދުވަހުގެ ރޭ ސިފައިން ފަރުބަދަމަތީ ސަރަޙައްދެއްގައި ދަތުރުކުރަނިކޮށެވެ. ހަނގުރާމަވެރިން ވަނީ ސިފައިންނަށް އަމާޒުކޮށް ބަޑިން ހަމަލަ ދީފައެވެ. ޝަހީދުވި ހަ މީހުންގެ ތެރޭގައި ޕާކިސްތާނުގެ އެންމެ މޮޅު ކޮމާންޑޯ ޔުނިޓް ކަމަށްވާ ސްޕެޝަލް ސަރވިސަސް ގްރޫޕް (އެސް.އެސް.ޖީ) ގެ ދެ މެންބަރުން ހިމެނެއެވެ.
ސަލާމަތީ އިސް އޮފިޝަލުން ވިދާޅުވީ، ހަމަލާ ދިން މީހުން ހޯދުމަށް އެ ސަރަޙައްދަށް އިތުރު ސިފައިން ފޮނުވައި، އޮޕަރޭޝަނެއް ފަށާފައިޥާ ކަމަށެވެ. މި ހަމަލާގެ ޒިންމާ މިހާތަނަށް އެއްވެސް ޖަމާޢަތަކުން ނަގާފައެއް ނުވެއެވެ.
ޕާކިސްތާނުގައި ސަރަހައްދުގެ ގޮތުން އެންމެ ބޮޑު، ނަމަވެސް އެންމެ އާބާދީ މަދު ބަލޫޗިސްތާނަކީ ވަކިވެގަތުމަށް ބާޣީން ހިންގާ ހަނގުރާމައެއްގެ ޝިކާރައަކަށް ވެފައިވާ ސަރަހައްދެކެވެ. އެ ސަރަހައްދުގައި ހަނގުރާމަވެރި ޖަމާޢަތްތަކުގެ ހަމަލާތައް ގިނަ ދުވަސްތަކެއް ވަންދެން ހިނގަމުން ދެއެވެ. ހަތިޔާރު އެޅި ޓެރަރިސްޓް ޖަމާޢަތްތަކުން ވަނީ އެ ސަރަހައްދުގެ ގުދުރަތީ ވަސީލަތްތައް ބަހާލުމާއި ސިޔާސީ މިނިވަންކަމާ ގުޅޭ ޝަކުވާތަކާ ހެދުި ސަރުކާރާ ދެކޮޅަށް ނިކުމެފައެވެ.
މިޙާދިސާއިން ދައްކުވައިދެނީ، ތަކުރާރުކޮށް ހަނގުރާމަވެރިންނާ ދެކޮޅަށް އޮޕަރޭޝަންތައް ސިފައިން ހިންގަމުންދިޔަ ނަމަވެސް އެ ޕްރޮވިންސްގައި ޕާކިސްތާނުގެ ސިފައިންނަށް ކުރިމަތިވާ ދާއިމީ ސަލާމަތީ ގޮންޖެހުންތަކެވެ. އަސްކަރީ އޮފިޝަލުން މީގެ ކުރިން ބުނެފައި ވަނީ ބަލޫޗިސްތާނަކީ އެތެރޭގެ ސަލާމަތީ މައްސަލަތަކުގައި "ނާޒުކު މައިދާނެއް" ކަމަށެވެ.





