ޕާކިސްތާނުގައި ނޫސްވެރިކަމުގެ މިނިވަންކަން ދަށަށްދާތީ އައިއެފްޖޭ އިން ކަންބޮޑުވުން ފާޅުކޮށްފި

އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ޖާނަލިސްޓްސް (އައިއެފްޖޭ) އިން ވަނީ ޕާކިސްތާނުގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ޙާލަތު ގޯސްވަމުންދާތީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ނޫސްވެރިންގެ ރައްކާތެރިކަމާއި މިނިވަންކަމަށް ކުރިމަތިވާ ނުރައްކާ އިތުރުވަމުންދާ ކަމަށް އިންޒާރު ދީފައިވެއެވެ.

އައިއެފްޖޭއިން ނެރުނު ބަޔާނެއްގައި ބުނީ ޕާކިސްތާނުގެ ނޫސްވެރިންނަށް ގޯނާކުރުމާއި، ބިރުދެއްކުމާއި، ހައްޔަރުކުރުމާއި، ޖިސްމާނީ ހަމަލާތައް ދިނުން އިތުރުވަމުންދާ ކަމަށެވެ. މިއީ އެ ޤައުމުގެ މީޑިއާ ސެކްޓަރަށް ކުރިމަތިވެފައިވާ ބޮޑު ކާރިސާ އެއް ކަމަށް އެ ފެޑެރޭޝަނުން ސިފަކުރެއެވެ. އެ ފެޑެރޭޝަނުން ވަނީ ނޫސްވެރިން ރައްކާތެރިކުރުމަށާއި، މިނިވަންކަމާއެކު ޚިޔާލުފާޅުކުރުމުގެ ޤާނޫނީ ޙައްޤުތައް ދެމެހެއްޓުމަށް ބާރުއަޅާފައެވެ.

މި ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި ޕާކިސްތާނަކީ މީޑިއާގެ މަސައްކަތްތެރިންނަށް އެންމެ ނުރައްކާތެރި ޤައުމުތަކުގެ ތެރޭގައި ދާއިމީކޮށް މިހާރު ހިމެނޭ ޤައުމެކެވެ. ފާއިތުވި އަހަރުތަކުގައި އެތައް ނޫސްވެރިންނެއް ވަނީ މަރާލާފައެވެ. އަދި އެހެން ނޫސްވެރިން ވަގަށް ނެގުމާއި، ގެއްލުވާލުމާއި، ހަރުކަށި ޤާނޫނުތަކުގެ ދަށުން ޤާނޫނީ މައްސަލަތަކާ ކުރިމަތިލާން ޖައްސާފައި ވެއެވެ.

އައިއެފްޖޭ އިން ފާހަގަކުރި ގޮތުގައި އިޤްތިޞާދީ ދަތިކުރުންތަކާއި، ސެންސަރުކުރުމާއި، ސިޔާސީ ނުފޫޒުގެ ސަބަބުން ނިއުސްރޫމްތަކުގެ މިނިވަންކަން އިތުރަށް ދަށަށް ގޮސްފައިވެއެވެ. އެ ފެޑެރޭޝަނުން ވަނީ ނޫސްވެރިން ރައްކާތެރިކުރުމަށާއި، އެމީހުންނަށް އަމާޒު ކުރާ ހަމަލާތައް ތަޙުޤީޤުކުރުމަށާއި، ކުށްކުރާ ފަރާތްތަކަށް އަދަބު ނުލިބުމުގެ ޙާލަތު ނިންމުމަށްޓަކައި “އަވަސް އަދި ޢަމަލީ ފިޔަވަޅުތަކެއް” އެޅުމަށް ސަރުކާރަށް ގޮވައިލާފައެވެ.

ޕާކިސްތާނުގެ ނޫސްވެރިންގެ ޔޫނިއަންތަކާއި ޕްރެސް ކްލަބްތަކުން ވެސް ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި މުޒާހަރާކޮށް، ރައްކާތެރިކަން އިތުރުކުރުމަށް ވެސް އެދިފައެވެ. މިނިވަމާއި އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ޖަމާޢަތްތަކުން ބުނާ ގޮތުގައި، ހަމަލާތައް ދިނުމާއި މީޑިއާގެ އާމްދަނީ ދަށްވުމާއި، ދައުލަތުގެ ފަރާތުން އަންނަ ހުރަސްތަކުގެ ސަބަބުން ވަނީ  ރިޕޯޓުކުރުމަށް ހުރަސްތައް ގާއިމް ކޮށްފައެވެ.

ހިއްސާ ކުރައްވާ!