ޕާކިސްތާނުގެ ޕަންޖާބު ސަރުކާރާއި ސަޢޫދީ ޕާކިސްތާނު ޖޮއިންޓް ބިޒްނަސް ކައުންސިލްއާ ދެމެދު، ސަޢޫދީ ފައިސާގެ އެހީގައި ސިނާއީ ސިޓީއެއް ތަރައްޤީކުރުމަށްޓަކައި އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. 2025 ވަނަ އަހަރުގެ އޮކްޓޯބަރު 12 ގައި ސޮއިކުރެވުނު މި އެއްބަސްވުމުގެ ދަށުން، އިންވެސްޓަރުންނަށް ޓެކްސް މުއްދަތުތަކާއި، ކަސްޓަމްސްގެ ލުއިތަކާއި، ފަސޭހަތައް ހިމެނޭ ގޮތަށް ހިތްވަރުދިނުމަށް ގިނަ ކަންތަކެއް ވަނީ ހުށަހަޅާފައެވެ.
މި އެއްބަސްވުމުގެ މައިގަނޑު މަޤްޞަދަކީ ސްޕެޝަލް އިކޮނޮމިކް ޒޯންތަކާއި، ލޮޖިސްޓިކްސް، އަދި ރިއަލް އެސްޓޭޓް އާއި ސިނާއީ ދާއިރާތަކަށް ސަޢޫދީ އަރަބްގެ އިންވެސްޓްމަންޓް ގެނައުމެވެ. ޕާކިސްތާނުން ދަނީ ސަޢޫދީ ވިޝަން 2030 އާ އެއްގޮތްވާ ގޮތަށް، އަގު ހެޔޮކޮށް ހޭދަކުދަ ގޮތަކަށް މަސައްކަތްތެރިންނާއި ހަކަތައިގެ އިންފްރާސްޓްރަކްޗަރ ފޯރުކޮށްދިނުމަށް ވައުދުވަމުންނެވެ. މި މަޝްރޫޢުއަކީ ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށްޓަކައި މުހިންމު ފިޔަވަޅެއްގެ ގޮތުގައި ބެލެވެއެވެ.
ނަމަވެސް، މި އެއްބަސްވުމަކީ އަދި ފަހުމުނާމާ މަރުހަލާގައި އޮތް އެއްބަސްވުމަކަށް ވުމާއެކު، ޕާކިސްތާނުގައި މީގެ ކުރިން ސީޕެކް ފަދަ އެއްބަސްވުންތަކުގައި ކަންހިނގާފައިވާ ގޮތަށް ބަލާއިރު ގޮސްފައިވާ ގޮތުން ސައޫދީ އަރަބްގެ ފަހުމުނާމާއަށް ކަންކަން ދާނެ ގޮތާމެދު ވަނީ ޝައްކުތަކެއް އުފެދިފައެވެ. މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ހުރި މައިގަނޑު ގޮންޖެހުންތަކުގެ ތެރޭގައި އިންފްރާސްޓްރަކްޗަރގެ ކަންކަން ނުނިމި ހުރުމާއި، ހަކަތައިގެ ޔަޤީންކަން ނެތުމާއި، ދެމެހެއްޓެނިވި ގޮތަކަށް ސިޔާސަތުތައް ދެމިއޮތުމާ މެދު ސުއާލު އުފެދިފައި ވެއެވެ. މި މައްސަލަތަކަކީ ބޭރުގެ އިންވެސްޓަރުންނަށް ޕާކިސްތާނުގައި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ފަސްޖެހެން މެދުވެރިވާ ކަންކަމެވެ.
މީގެ އިތުރުން ސަލާމަތީ ނުރައްކާތަކާއި، ޕާކިސްތާނުން ބޭރު ފައިސާ އަނބުރާ ޤައުމަށް ގެންދިއުމުގައި ހުރި ހުރަސްތަކާއި، ވަކި ދާއިރާއަކަށް އަމާޒުކޮށް ޚާއްސަ ކުރެވިފައިވާ ސިނާއީ ސްޓްރެޓީޖީއެއް ނެތުމަކީ ވެސް ފާހަގަ ކުރެވޭ މައްސަލަތަކެކެވެ. މި އެއްބަސްވުމާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ބުނެފައި ވަނީ، "މި އެއްބަސްވުމަކީ ކާމިޔާބީއަކަށް ވުރެ ބޮޑަށް، ޕާކިސްތާނުގެ ސިޔާސަތުތައް ތަންފީޒުކުރުމުގެ ޤާބިލުކަން އިމްތިޙާނުކުރާނެ ކަމެއް" ކަމަށެވެ.
މީޑިއާއިން ދެކޭ ގޮތުގައި، ޤާނޫނީ ޔަޤީންކަން ދިނުމަކާ ނުލައި، އަދި ވަކި ދާއިރާތަކަށް ސަމާލުކަން ދިނުމަށް ޚާއްސަ ކުރުމަކާ ނުލައި އިންފްރާސްޓްރަކްޗަރގެ މަސައްކަތް ނުކުރެވޭނަމަ، މި މަޝްރޫޢު ވެގެންދާނީ ވެސް ކުރިން ވެފައިވާ ވައުދުތަކެކޭ އެއްފަދައިން ވަޅު ޖެހޭނެ މަޝްރޫޢެއް ކަމަށް ބެލެވެއެވެ. މި އެއްބަސްވުމުގެ ކާމިޔާބީ ބިނާވެފައިވަނީ ޕާކިސްތާނުން އިންވެސްޓަރުންނަށް ދޭ ވައުދުތައް ފުއްދުމުގެ މައްޗައް ކަމަށް މުހައްލިލުން ބުނެއެވެ.







