ޕާކިސްތާނުގެ ދިފާޢީ ވަޒީރު ޚަވާޖާ އާސިފް ވަނީ، އިސްލާމްއާބާދާއި ޚައިބަރު ޕަޚްތޫންޚްވާގައި ހިނގި ހާދިސާތަކަށްފަހު، އަފްޣާނިސްތާނުގައި ހުރި ޓެރަރިސްޓުންގެ މަރުކަޒުތަކަށް ހަމަލާދިނުމަށް ޕާކސިްތާނުން ތައްޔާރު ވާނެ ކަމަށް ވިދާޅުވެފައެވެ. ދެ ސިޓީގައ ހިނގި ޓެރަރިސްޓް ހާދިސާތަކުގެ ސަބަބުން، ޕާކިސްތާނުގެ ސަލާމަތީ ކަންކަމަށް ބޮޑު ގޮންޖެހުމަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އސިްލާމްއާބާދުގައި ދީފައިވާ ޖާނު ގޮއްވާލުމުގެ މަރުގެ ހަމަލާއެއްގައި މަދުވެގެން 12 މީހުން މަރުވެ 36 މީހުން ޒަޚަމްވެފައިވެއެވެ. މި ހާދިސާ ހިނގާފައިވަނީ، އިންޓަރ-ޕާލަމެންޓަރީ ސްޕީކަރުންގެ ކޮންފަރެންސާއި، 6 ވަނަ މާގައްލާ ޑައިލޮގް ފަދަ ބައިނަލްއަޤްވާމީ ހަރަކާތްތައް އިސްލާމްއާބާދުގައި ކުރިއަށްދަނިކޮށެވެ. އަދި ޕިންޑީގައި ޕާކިސްތާނާއި ސްރީލަންކާގެ ކްރިކެޓް މެޗެއް ވެސް ކުރިއަށް ދިޔަ ވަގުތެއްގަ އެވެ. މި ހާދިސާތަކާ ގުޅިގެން، ދިފާޢީ ވަޒީރު އާސިފް ވަނީ ޕާކިސްތާނުގެ ކެތްތެރިކަން ކޮޅުން ލާކަމަށް ވިދާޅުވެފައެވެ.
ޖިއޯ ނިއުސް ޝޯ 'އާޖް ޝާހްޒޭބް ޚާންޒާދާ ކޭ ސާތް' އަށް ދެއްވި އިންޓަވިއުއެއްގައި، މި ހަމަލާތައް އަފްޣާނިސްތާނާ ގުޅުވައިގެން ލީޑަރުން ދެއްވާފައިވާ ބަޔާންތަކަށްފަހު ޕާކިސްތާނުން ރައްދު ދޭނެތޯ ދެންނެވުމުން އާސިފް ވިދާޅުވީ، "އިރާދަކުރެއްވިއްޔާ" ކަމަށާއި، އަފްޣާނިސްތާނުގައި ހުރި ޓެރަރިސްޓުންގެ މަރުކަޒުތަކަށް ހަމަލާދިނުން "އެއްކޮށް ބާޠިލްކޮށް ނުލެވޭނެ" ކަމަށާއި، އެކަން ހަމަ ޔަޤީނުން ވެސް ހިނގާނެ ކަމަށެވެ. މީގެ އިތުރުން، މި ހަމަލާތަކަށްފަހު ޕާކިސްތާނަށް މިފަދަ ފިޔަވަޅެއް އަޅަން "މަޖުބޫރުވެފައި"ވާ ކަމަށް ވެސް ދިފާޢީ ވަޒީރު ވިދާޅުވިއެވެ.
އާސިފް އިތުރަށް ވިދާޅުވީ، އަފްޣާން ތާލިބާނަކީ ޕާކިސްތާނަށް ހެޔޮއެދޭ ބައެއް ކަމަށް ނުވަތަ ސުލްޙައަށް ބޭނުންވާ ބައެއް ކަމަށް ދެން އިތުރަށް ހީކުރުން ހުއްޓާލަން ޖެހޭނެ ކަމަށެވެ. "އަހަރެމެންގެ އަމިއްލަ ނަފްސަށް އޮޅުވާނުލާ… ތިން ބުރަށް މަޝްވަރާ ކުރެވިއްޖެ،" އޭނާ ވިދާޅުވިއެވެ. އޭނާ ތަފްޞީލުކޮށްދެއްވި ގޮތުގައި، ކާބުލްގައި އެއްބައިވަންތަ ސަރުކާރެއް ނެތް ކަމަށާއި، އެއީ އެކި މަޞްލަޙަތުތަކާއި އެޖެންޑާތައް ހިމެނޭ އެކި ގްރޫޕްތަކާއި ފެކްޝަންތަކުން އެކުލެވިގެންވާ ސަރުކާރެކެވެ.
އާސިފް ވިދާޅުވިގޮތުގައި، "މި ހުރިހާ ޓެރަރިސްޓުން އައިސްފައިވަނީ އެތަނުން، އަދި އެމީހުންގެ ޖަމާޢަތްތައް ވަނީ އެތައް މަހެއްގެ ތެރޭގައި ޕާކިސްތާނަށް ވަދެފައި. އެމީހުން މި ގްރޫޕްތައް މިތަނަށް ގެނެސްފައިވަނީ މިދިޔަ އަހަރު މަޑުމަޑުން. އެމީހުން މިދިޔަ އަހަރު 2,500 އާއި 3,000 އާ ދެމެދުގެ އަދަދެއްގެ މީހުން ފޮނުވާފައިވޭ، އަދި އެމީހުން އެކި ސަރަޙައްދުތަކުގައި އެބަތިބި." އަދި އޭނާ ފާހަގަކުރެއްވި ގޮތުގައި، "ޕާކިސްތާނުގައި އެމީހުންގެ ތަމްރީނު ކޭމްޕްތަކެއް ނެތް، އެހެންކަމުން އެމީހުން މިތަނަށް އައިސް ޚައިބަރު ޕަޚްތޫންޚްވާގައި މީހަކާ އެކު ދިރިއުޅެނީ. އެހެން ކަމެއް ވެސް ނޯޓްކުރަން ޖެހޭ: މަރާލެވުނު ޓެރަރިސްޓުންގެ ތެރެއިން 55 އިންސައްތަ އަކީ އަފްޣާނިސްތާނުގެ މީހުން، ޕާކިސްތާނުގެ މީހުންނެއް ނޫން. އެހެންކަމުން މި ޙަޤީޤަތް ދެން ދެން ކިހިނެއް ދޮގުކުރާނީ؟"އާސިފް ވިދާޅުވިއެވެ.





