ޕާކިސްތާނުގެ އެންމެ މަތީ މަދަނީ ޝަރަފް 'ނިޝާނޭ ޕާކިސްތާން' ޖޯޑަންގެ އަބްދުﷲ ރަސްގެފާނަށް އަރުވައިފިއެވެ. މި ޝަރަފް އެރުވީ، އިސްލާމްއާބާދުގައި އީވާނޭ ސަދްރުގައި އޮތް ރަސްމިއްޔާތުގައި ޕާކިސްތާނުގެ ރައީސް އާސިފް ޢަލީ ޒަރްދާރީ އެވެ.
މި ޝަރަފް އަރުވާފައި ވަނީ ދެޤައުމުގެ ގުޅުން ބަދަހިކުރުމަށާއި، ސަރަހައްދީ އަދި ބައިނަލްއަޤްވާމީ ސުލްހައަށް އަބްދުﷲ ރަސްގެފާނު ކުރައްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަން ކުރުމުގެ ގޮތުންނެވެ.
މި ރަސްމިއްޔާތުގައި ބޮޑުވަޒީރު ޝެހްބާޒް ޝަރީފާއި ޕާކިސްތާންގެ އިސް ލީޑަރު، ފީލްޑް މާޝަލް ޢާޞިމް މުނީރުގެ އިތުރުން، އެއަރ ޗީފް މާޝަލް ޒަހީރު އަޙްމަދު ބާބަރު އަދި އެޑްމިރަލް ނަވީދު އަޝްރަފް ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ. މީގެ އިތުރުން ކެބިނެޓްގެ މެންބަރުންނާއި ސަފީރުން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތެވެ.
ނިޝާނޭ ޕާކިސްތާނަކީ، ޕާކިސްތާނުގެ އެންމެ މަތީ ޝަރަފެވެ.
މި ރަސްމިއްޔާތުގައި ޢަބްދުﷲ ރަސްގެފާނުވެސް ވަނީ ރައީސް ޒަރްދާރީއަށް ޖޯޑަންގެ އެންމެ މަތީ ޝަރަފް ކަމަށްވާ ވިސާމުއްނަހުޟާ އަލްމުރައްޞަޢު އަރުވާފައެވެ.
މިއީ ޤައުމުތަކުގެ ވެރިންނަށް ޖޯޑަންއިން އަރުވާ ޝަރަފެކެވެ.




