ޕާކިސްތާނުގެ ޚައިބަރު ޕަޚްތޫންޚްވާ ގައި ފޭކް ޓެރަރިސްޓް ހަމަލާތައް އިސްލާމްއާބާދުން ހިންގާ ކަމަށް ވިދާޅުވެ، ޚައިބަރު ޕަޚްތޫންޚްވާ ގެ ޗީފް މިނިސްޓަރު ސުހެއިލް އަފްރީދީ، އިސްލާމްއާބާދަށް ފާޑު ވިދާޅުވެއްޖެއެވެ. ކައިބަރު ޕަޚުތޫންޚުވާ ސަރަހައްދުގައި ހިންގާ ޓެރަރިސްޓް ހަމަލަތައް ވަނި އިތުރު ވެފައެވެ. އަފްރީދީ ވިދާޅުވަނީ މިއީ މަރުކަޒީ ސަރުކާރުން ހިންގާ “ފޭކް” ހަމަލާތަކެއ ްކަމަށެވެ. އަދި މިއީ ސުލްހަ ގާއިމްކުރުމުގެ މަސައްކަތްތަކަށް ހުރަސް އެޅުމަށް ހިންގާ އަމަލުތަކެއް ކަމަށާއި، މިކަމުން ހާމަވަނީ ޕާކިސްތާނުގެ ޓެރަރިޒަމާ ދެކޮޅަށް ހިންގާ ސިޔާސަތުގައި ހުރި މައްސަލަތަކެއް ކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.
އަފްރީދީ ތުހުމަތުކުރެއްވި ގޮތުގައި މަރުކަޒީ ސަރުކާރުން ދަނީ ސިޔާސީ ފައިދާ ހޯދުމަށްޓަކައި ޓެރަރިޒަމްގެ ހާލަތެއް އުފައްދައި، ކައިބަރު ޕަޚުތޫން ޚުވާގައި ހަމަލާތައް ހިންގަމުންނެވެ. އަދި ސުލްހައިގެ މަސައްކަތްތަކަށް ހުރަސް އެޅުމަށްޓަކައި، ޕަޝްތޫން ތަހަފުޒް މޫވްމަންޓް (ޕީޓީއެމް) ގެ މެންބަރުން ހައްޔަރުކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. މިމީހުން ހައްޔަރުކުރީ އެ ޕްރޮވިންސްގެ ސުލްހައިގެ ޖިރްގާ މަޖިލިސްއަށް ހާޒިރުވުމަށް ފަހުގައި ކަމަށް އޭނާ ތުހުމަތު ކުރައްވައެވެ. އަފްރީދީ ވިދާޅުވީ މިއީ އަފްޣާނިސްތާނާ އެކު ކުރިއަށް ގެންދާ އެއްބަސްވުމަށް ހުރަސްއަޅައި ހުއްޓުވުމަށް ހިންގާ އަމަލެއް ކަމަށެވެ.
އަފްރީދީ ވަނީ ޕާކިސްތާނުގެ ސިފައިންނަށް ވެސް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ ޓެރަރިޒަމާ ދެކޮޅަށް ހިންގާ އޮޕަރޭޝަންތަކުގެ ނަމުގައި ޕަޝްތޫނުންގެ އާބާދީ ބޮޑު ސަރަހައްދުތަކުގައި އާންމު ރައްޔިތުންނަށް ހަމަލާދެމުންދާ ކަމަށާއި، މިއީ ހަނގުރާމައިގެ ކުށްތަކަށް އަރައިގަތުމުގެ އަމަލެއް ކަމަށެވެ. މިސާލެއްގެ ގޮތުން، އޭނާ ފާހަގަކުރެއްވީ ތިރާހް ވެލީގައި ދާދި ފަހުން ދީފައިވާ ވައިގެ ހަމަލާތަކުގައި އަންހެނުންނާއި ކުޑަކުދިންނާއެކު 30 އަށް ވުރެ ގިނަ އާންމުން މަރުވި ހާދިސާއެވެ.
ކައިބަރު ޕަޚުތޫންޚުވާގެ ޗީފް މިނިސްޓަރަކަށް ސުހައިލް އަފްރީދީ އައްޔަން ކޮށްފައިވަނީ މިމަސް ފެށުނު ތަނާއެވެ. އޭނާ އަކީ އިމްރާން ޚާންގެ ތަހުރީކޭ އިންސާފް ޕާޓީގެ މެމްބަރެކެވެ. އޭނާގެ ކުރިން މަގާމުގައި ހުންނެވި އަލީ އަމީން ޣައްދާޕޫރީ މަގާމުން އިސްތިއުފާ ދެއްވީ އިމްރާން ޚާންގެ އެންގެވުމަށެވެ.
އަފްރީދީއަކީ ކައިބަރު ޕަޚުތޫން ޚުވާ ޕްރޮވިންސްގެ ގަބީލާ ދަރިކޮޅުގެ ފުރަތަމަ ޗީފް މިނިސްޓަރެވެ. އަފްރީދީ ވަނީ އިސްލާމްއާބާދުގެ މަރުކަޒީ ސަރުކާރުގެ ނުފޫޒަށް ދެކޮޅު ހައްދަވާނެ ކަމަށް ވިދާޅުވެ، "އަޅުގަނޑުމެންގެ ސުލްހައަށް ހުރަސް އަޅާ ކޮންމެ މީހަކީ އަޅުގަނޑުމެން އެންމެންގެ ވެސް އާންމު ދުޝްމަނެއް" ކަމަށް އިޢުލާންކުރައްވާފައެވެ.
އަފްޣާނިސްތާނާ ބޯޑަރު ހިއްސާ ކުރާ ޚައިބަރު ޕަޚުތޫން ޚޫވާ ސަރަހައްދަކީ ގިނަ ދުވަސްތަކެއް ވަންދެން ހަނގުރާމަވެރިންގެ މަރުކަޒެއްގެ ގޮތުގައި އޮތް ތަނެކެވެ. މީގެ ސަބަބުތަކުގެ ތެރޭގައި ބޯޑަރު ބެލެހެއްޓުން ކުޑަވުމާއި، ގަބީލާ މީހުންގެ އަމިއްލަ ވެރިކަމާއި އަދި ހަނގުރާމަވެރި ޖަމާއަތްތައް ކަމަށްވާ ތަހްރީކޭ ޠާލިބާނޭ ޕާކިސްތާން ފަދަ ޖަމާއަތްތަކުން ހަރަކާތްތެރިވުން ހިމެނެއެވެ.
އަފްރީދީގެ މި ބަސްފުޅުތައް އައިސްފައި މިވަނީ ޚުއްރަމް ޑިސްޓްރިކްޓްގައި ޕާކިސްތާނުގެ ސިފައިންނާއި އަފްޣާން ތާލިބާނާ ދެމެދު ކުރިމަތިލުންތައް އާވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ޕާކިސްތާނުން އަފްޣާނިސްތާނުގެ ސަރަހައްދަށް ހަމަލާދޭ ކަމުގެ ތުހުމަތުތައް ވެސް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.
މައުލޫމާތު: ޚަައިބަރު ޕަޚުތޫންޚުވާއަކީ ކުރިން ޕާކިސްތާންގެ ނޯތު ވެސްޓް ފްރޮންޓިއަރ ޕްރޮވިންސެވެ. 2010 ވަނަ އަހަރު ގާނޫނުއަސާސީއަށް ގެނައި އިސްލާޙާއެކު ޕްރޮވިންސްގެ ނަން ވަނީ ޚައިބަރު ޕަޚުތޫންޚުވާއަށް ބަދަލުކޮށްފައެވެ. މިއީ އިމްރާން ޚާނަށް ސަޕޯޓު ބޮޑު ސަރަހައްދެކެވެ. އެ ސަރަހައްދަށް ނަން ދީފައިވަނީ ޚައިބަރު ޕާސް ފަރުބަދައަށް ނިސްބަތް ކޮށާއި ޕަޚްތޫންޚުޥާ (ޕަޝްތޫ މީހުންގެ ބިން) އަށް ނިސްބަތް ކޮށެވެ. އިސްލާމީ ތާރީޚުގައި ޔަހޫދީންނާއެކު ކޮށްފައިވާ ޚައިބަރު ހަނގުރާމައާއި މި ނަމަކާ ގުޅުމެއް ނެތެވެ.






