ނިޒާމުން ގެއްލުވާލުން: 16 އަހަރުގެ މުޒާހަރާތަކަށް ފަހު ވެސް ހައްލެއް ނެތް

ބަލޫޗިސްތާނުގައި ނިޒާމުން މީހުން ގެއްލެމުންދާތީ މުޒާހަރާ ކުރާތާ މިހާރު 16 އަހަރު ވެއްޖެއެވެ. މިކަމުގައި ހަރަކާތްތެރިވާ ފަރާތްތަކުން ބުނަނީ 16 އަހަރު ވަންދެން މުޒާހަރާ ކުރުމުންވެސް މިކަމަށް ހައްލެއް އައިސްފައި ނުވާ ކަމަށެވެ.

ޕާކިސްތާނުގެ ބަލޫޗިސްތާނުގައި ސިޔާސީ ހަރަކާތްތެރިންނާއި ދަރިވަރުންނާއި އާންމު ރައްޔިތުން ގަދަކަމުން ނިޒާމުން ގެއްލުވާލުމުގެ މައްސަލާގައި މީހުން ވަނީ ޒާތްޒާތުގެ އިހުތިޖާޖުތައް ކުރިއަށް ގެންގޮސްފައެވެ. އިށީނދެ ތިބެގެން އިހުތިޖާޖު ކުރުމާއި ހަޅުތާލާއި މުޒާހަރާތައް ބާއްވައި ވިޔަފާރިތައް ބަންދުކޮށް ހަރަކާތްތަކަށް ހުރަަސްއަޅައި ހުއްޓުވައި ހަދާފައި ވެއެވެ. މި ހުރިހައި ކަމަާއެކުވެސް އަދިވެސް މިކަމަށް ހައްލެއް ނުގެނެވޭ ކަމަށް ބަލޫޗީންގެ ނިޒާމުން ގެއްލުވާލާ މީހުންގެ އަޑު އިއްވާ ވީބީއެމްޕީ އިން ބުނެ އެވެ.
ވީބީއެމްޕީގެ ޗެއާމަން ނަސްރުالله ބަލޫޗް، ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވިދާޅުވީ ސަލާމަތީ ބާރުތަކުން ބާރުގެ ބޭނުންކުރުމާއި ޝަރީއަތުގެ ބޭރުން މީހުން މަރާލުމާއި ބަލޫޗް ރައްޔިތުން ނިޒާމުން ގެއްލުވާލުމުގެ ކަންކަން ހައްލު ނުވާހައި ހިނދަކު، އެ ސަރަހައްދުގެ ހާލަތު ދުވަހަކުވެސް ރަނގަޅެއް ނުވާނެ ކަމަށެވެ. އަދި ދައުލަތާއި ދައުލަތުގެ މުއައްސަސާތަކަށް އިލްތިމާސް ކުރެއްވީ ނިޒާމުން މީހުން ގެއްލުވާލުމުގެ މައްސަލައަށް ނިމުމެއް ގެނަސް ދިނުމަށެވެ. އަދި އެއާއެކު  ބަލޫޗިސްތާނުގައި ގިނަ ދުވަސްތަކެއް ވަންދެން އުފެދިފައިވާ އުދާސްތަކާއި ޝަކުވާތަކަށް ހައްލެއް ހޯދުމަށް ސީރިއަސް މަސައްކަތެއް ކޮށް، ސިޔާސީ ހަރުދަނާ ކަން ދެއްކުމަށްވެސް އޭނާ ގޮވާލެއްވިއެވެ.

ނަސްރުالله ބަލޫޗް ވިދާޅުވީ، ވީބީއެމްޕީގެ ޖެނެރަލް ސެކްރެޓަރީ ހޫރާން ބަލޫޗް އާއި އެކްޓިވިސްޓް ޣަނީ ބަލޫޗް އާއެކު ގެއްލިފައިވާ މީހުންގެ އާއިލާގެ މެމްބަރުން ވަނީ ކުއެޓާ ޕްރެސް ކްލަބުގެ ބޭރުގައި ތިބެގެން އިހުތިޖާޖު ކޮށްފައެވެ. މިމީހުން މިތާގައި ތިބެގެްނ އިހުޔުތިޖާޖު ކުރާތާ މިހާރު 6،000 ދުވަސް ވެފައިވެއެވެ.

"މި ކޭމްޕަކީ ބަލޫޗިސްތާނުގެ އެކި ހިސާބުތަކުގައި ވެސް ގާއިމްކޮށްފައިވާ ކޭމްޕެއްގެ ބައެއް ކަމަށާއި އަދި ކަރާޗީ އާއި އިސްލާމްއާބާދުގައި ވެސް އެފަދަ ކޭމްޕް ގާއިމް ކޮށްފައިވާނެ" ކަމަށް އޭނާ ވިދާޅުވިއެވެ. މުޅި ޕާކިސްތާނާއި ދުނިޔޭގައި ވެސް މިއީ ސުލްހަވެރި ދެކޮޅުވެރިކަމުގެ ރަމްޒެއްގެ ގޮތުގައި ދެކެވޭ ކޭމްޕެއް ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި މިކަމުގެ މަގްސަދަކީ، ސަރުކާރުގެ ސަމާލުކަމަށް މިކަން ގެނަސް ނުބައި އާސދަ ހުއްޓުވުމެވެ.

ނަސްރުالله ބަލޫޗް އިތުރަށް އިންޒާރު ދެއްވީ ބާރުގެ ބޭނުން ކުރުމަކީ ބަލޫޗިސްތާނަށް ސުލްހައެއް ގެނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ގެއްލިފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށް އާންމުން ކުރާ މަސައްކަތަކީ ގަދަކަމުން ހުއްޓުވޭނެ ކަމެއް ވެސް ނޫން ކަމުގައެވެ.

ހިއްސާ ކުރައްވާ!