ދުނިޔޭގެ އެންމެ ނުރައްކާ ރޭލު ކަމަށްވާ ޖައުފަރު އެކްސްޕްރެސްއަށް އަނެއްކާވެސް ޓެރަރިސްޓް ހަމަލައެއް ދީފިއެވެ. ޕެޝާވާރަށް ދަތުރުކުރާ ޖައުފަރު އެކްސްޕްރެސްއަށް ހަމަލަ ދީފައި ވަނީ ބަލޫޗިސްތާނުގެ ކަޗީ ޑިސްޓްރިކްޓްގެ ބޮލާން ޕާސް ސަރަހައްދުގައެވެ. މި ހަމަލައިން އެރޭލު ސަލާމަތްވި ކަމަށް މަސްއޫލުވެރިން ވިދާޅުވެއެވެ.
މިއީ މިދިޔަ ދޮޅުމަސް ދުވަސްތެރޭގައި ކުއެޓާ އާއި ސިބީއާ ދެމެދު ޖައުފަރު އެކްސްޕްރެސް އަށް ދިން ހަ ވަނަ ހަމަލާ އެވެ.
ރޭލްވޭގެ އޮފިޝަލުން ބުނީ ޖައުފަރު އެކްސްޕްރެސް އޭގެ ޝެޑިއުލް ދަތުރުގައި ކުއެޓާއިން ފުރައިގެން ދިޔައީ ޕެޝަވާރަށެވެ. އަދި މާޗް ސްޓޭޝަން ހުރަސްކުރުމަށް ފަހު އާބޭ ގަމް ކައިރިން ދަތުރު ކުރަމުން ދަނިކޮށް ކައިރީގައި ހުރި ފަރުބަދަތަކުން ހަތިޔާރު އެޅި ބަޔަކު ރޭލާ ދިމާއަށް ބަޑިޖަހާފައިވާ ކަމަށެވެ.
ރޭލުގައި ދަތުރުކުރަމުން ދިޔަ ރެއިލްވޭސް ޕޮލިސް ވަނީ ވަގުތުން ރައްދު ހަމަލަދީ ބަޑިޖަހައިފައެވެ. ނަމަވެސް އިރުކޮޅެއްގެ ތެރޭގައި ހަމަލާދިން މީހުން ވަނީ އެ ސަރަހައްދުން ފިލައިގެން ގޮސްފައެވެ.
ރޭލްވޭގެ އޮފިޝަލުން ވިދާޅުވީ ހަމަލައިން އެއްވެސް މީހަކަށް އަސަރުކޮށްފައި ނުވާ ކަމަށެވެ. އަދި ހަމަލައަށް ފަހު، ރޭލު ހުއްޓުވާފައި ސަލާމަތީ ކަންކަން ބެލުމަށްފަހު އަލުން ދަތުރު ފަށައިގެން ކުރިއަށް ދިޔައީ ކަމަށެވެ.







