ކުޑަކުދިންނަށް ގޯނާކޮށްގެން ކުށް ސާބިތުވާ މިންވަރު އުޅެނީ ވަރަށް ދަށުގައި

ސަސްޓެއިނަބަލް ސޯޝަލް ޑިވެލޮޕްމަންޓް އޮގަނައިޒޭޝަން (އެސްއެސްޑީއޯ) އިން އާންމުކުރި އާ ފެކްޓް ޝީޓެއްގައި ވަނީ ޕަންޖާބުގައި ކުޑަކުދިންނަށް ކުރާ އަނިޔާއާ ގުޅޭ ގޮތުން ކުރިން ހަމާވެފައި ނުވާ ތަފާސްހިސާބެއް ހާމަކޮށްފައެވެ.

ޖެނުއަރީ އާއި ޖޫން 2025 އާ ދެމެދު މުޅި ޕްރޮވިންސްގައި ކުޑަކުދިންނާ ގުޅުން ހުރި 4،150 ޖިނާއީ މައްސަލަ ފުލުހުން ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ބުނެފައި ވެއެވެ. އަދި، އެވްރެޖްކޮށް ދުވާލަކު 23 މައްސަލަ ފުލުހަށް ހުށަހަޅާފައިވާ ކަމަށް ބުނެފައި ވެއެވެ.

ކުޑަ ކުދިންނަށް ކުރާ ގޯނާގެ މައްސަލަތައް ރިޕޯޓްކުރުމުގެ އުސޫލުތައް ރަނގަޅުވި ނަމަވެސް، ކުށް ސާބިތުވުމުގެ ނިސްބަތް އަދިވެސް އޮތީ ވަރަށް ދަށްކޮށް ކަމަށް އެސްއެސްޑީއޯ އިން ބުނެއެވެ. އެގޮތުން އެތައް ހާސް މައްސަލައެއްގެ ތެރެއިން ހަ މަސް ދުވަހުގެ ތެރޭގައި ކުށް ސާބިތުވެފައިވަނީ އެންމެ 12 މައްސަލައެއް ކަމަށް ފާހަގަ ވެއެވެ. ނިސްބަތުން ބަލާއިރު އެއީ އެއް ޕަސެންޓަށް ވުރެ މަދު ނިސްބަތެކެވެ. އަދި ގިނަ މައްސަލަތައް އަދިވެސް ޝަރީއަތުގެ މަރުަލާގައި އުޅެމުން ދާއިރު، އެކަމުގެ ސަބަބުން އަދުލު އިންސާފުގެ ނިޒާމުގައި ހުރި ބޮޑެތި ތަފާތު ކުރުން ފާހަގަކޮށްލެވެއެވެ.

އެސްއެސްޑީއޯއިން ބުނާ ގޮތުގައި ޖިންސީ ގޯނާއަކީ ކުށް ސާބިތު ކޮށްދިނުމުގެ އެންމެ އުނދަގޫ ކެޓަގަރީތަކުގެ ތެރޭގައި ހިމެނޭ ކެޓަގަރީއެއް ކަމަށާއި މިހާތަނަށް 717 މައްސަލައެއް ރަޖިސްޓްރީ ކޮށްފައިވާއިރު އެއްވެސް މައްސަލައެއްގައި ކުށް ސާބިތުވެފައި ނުވާ ކަމަށް ބުނެފައި ވެއެވެ.

އޭގެ އިތުރުން ކުޑަކުދިން ލައްވައި ސަލާން ޖެހުމަކީ އެންމެ ގިނައިން ރިޕޯޓްކޮށްފައިވާ ކުށް ކަމަށާއި، އެބާވަތުގެ 2،693 މައްސަލަ ހުށަހެޅިފައިވާ ކަމަށް ބުނެފައި ވެއެވެ. މިއިން އެއްވެސް މައްސަލައެއްގައި ކުށް ސާބިތު ވެފައެއް ނުވެއެވެ.

ޗައިލްޑް ޓްރެފިކިންގެ 332 މައްސަލަ ހުށަހެޅިފައިވާއިރު، ކުށް ސާބިތުވެފައިވަނީ އެންމެ ހަތަރު މައްސަލަ އެއްގައެވެ. އަދި ކުޑަކުދިން ލައްވައި މަސައްކަތް ކުރުވުމުގެ 182 މައްސަލައިގައި އަށް ކުށް ސާބިތުވެފައިވާ ކަމަށް ވެއެވެ.

ޖިސްމާނީ އަނިޔާ ކުރުމާއި ރަހީނުކުރުމާއި ކުޑަކުދިންނާ ކައިވެނި ކުރުން ފަދަ އެހެން ޖަރީމާތަކުން ވެސް ކުށް ސާބިތު ކުރުމުގައި މިފަދަ ދަށް ނަތީޖާތަކެއް ފެނިފައިވެ އެވެ. ޚާއްސަކޮށް ކުޑަކުދިންނާ ކައިވެނި ކުރުމުގެ މައްސަލަތައް ގިނައިން ރިޕޯޓްކޮށްފައި ނުވެއެވެ. އަދި އެ ރޮނގުން ރަޖިސްޓްރީ ކޮށްފައި ވަނީ އެންމެ 12 މައްސަލައެކެވެ.

ޑިސްޓްރިކްޓް ލެވެލްގެ ޑޭޓާއިން ދައްކާ ގޮތުގައި ކުޑަކުދިންނަށް އަނިޔާކުރުމާއި ގެއްލުން ދިނުމުގެ މައްސަލަތައް ގިނައިން ހުށަހެޅެނީ ލާހޯރު، ގުޖްރަންވާލާ، ފައިސަލްއާބާދު، ރަވަލްޕިންޑީ، އަދި ސިއަލްކޮޓް ގައެވެ. ޖިންސީ އަނިޔާއާއި ކުޑަކުދިން ލައްވައި ސަލާން ޖެއްސުމާއި ޓްރެފިކިންގެ މައްސަލަތައް އެންމެ ގިނައިން ރެކޯޑް ކޮށްފައިވަނީ ލާހޯރުގައާއި ނަންކާނާ ސާހިބް، ގުޖުރާތު، އަދި މަންދީ ބަހާއުއްދީންގައެވެ.

އެސްއެސްޑީއޯ އިން ވަނީ ކުޑަ ކުދިންނާ ބެހިގެން ކުރާ ދައުވާތަކުގައި ކުށް ސާބިތުކޮށް ދިނުމަށާއި ކުޑަކުދިން ރައްކާތެރިކުރުމުގެ ހަރުދަނާ އުސޫލުތަކެއް އަވަހަށް ބޭނުންވާ ކަމަށް ފާހަގަކޮށްފަ އެވެ.

ހިއްސާ ކުރައްވާ!