ތަކުރާރު އެތައް ފަހަރެއްގެ މަތިން ވިއްކާލަން އުޅެފައިވާ ޕާކިސްތާން އިންޓަނޭޝަނަލް އެއާލައިންސް (ޕީއައިއޭ) ޕްރައިވެޓައިޒް ކުރުމުގެ މަސައްކަތް އަނެއްކާވެސް ފަސްކޮށްފިއެވެ. މިހާރު ވަނީ އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ބަދަލުގައި ޑިސެމްބަރު މަހުގެ ފަހު ހަފްތާއަށް ލަސްކޮށްފައެވެ.
ޕްރައިވެޓައިޒޭޝަން ކޮމިޝަނުން ވަނީ ބިޑް ކުރުމުގެ މަރުހަލާގައި ބައިވެރިވުމަށް ޝަރުތު ހަމަވާ ހަތަރު ކުންފުންޏެއް އޮތް ކަމަށް ބުނެފައެވެ. ޕީއައިއޭގެ މަސްދަރުތަކުން ބުނާ ގޮތުގައި ޝައުގުވެރިކަން ފާޅުކުރާ ކުންފުނިތަކުގެ ތެރޭގައި ފައުޖީ ފާޓިލައިޒާސްއާއި، ހަބީބު ރަފީގު، ޔޫނުސް ބްރަދާސް، އަދި އެއާބްލޫ ހިމެނެ އެވެ. ބިޑް ކާމިޔާބުކުރާ ފަރާތަކުން 30 އާއި 40 ބިލިއަން ރުފިޔާއާ ދެމެދުގެ އަދަދެއް އިންވެސްޓް ކުރަން ޖެހޭނެ އެވެ.
ޕީއައިއޭގެ މިލްކުގައި ހިމެނޭ އެތެރެއާއި ބޭރުގެ ޕްރޮޕަޓީތައް ވިއްކާ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އޭގެ ބަދަލުގައި ވިއްކާނީ އިސްލާމްއާބާދު، ކަރާޗީ، ޕެޝަވާރު، އަދި ރާވަލްޕިންޑީގައި ހުންނަ އެއާލައިންގެ މައި ހަތަރު އޮފީހެވެ.
ޕްރައިވެޓައިޒް ކުރުމަށް ފަހު ޕީއައިއޭގެ ނަމާއި ބްރޭންޑިން އަށް ވެސް ބަދަލެއް ގެނަސްގެން ނުވެއެވެ.
މި ބިޑް ކާމިޔާބު ކުރާ ފަރާތަކުން އެ އެއާލައިންގެ ފްލީޓް ހަތަރު އަހަރު ދުވަހުގެ ތެރޭގައި 18 ބޯޓުން 38 ބޯޓަށް ފުޅާ ކުރަން ޖެހެއެވެ.
މިހާރު އޮޕަރޭޓް ކުރަނީ އެންމެ 16 މަތިންދާބޯޓެވެ. ޕީއައިއޭ އަށް މިދިޔަ އަހަރު 26.2 ބިލިއަން ރުޕީސްގެ ފައިދާއެއް ލިބިފައިވެ އެވެ.
ޕީއައިއޭގައި މިހާރު 32 މަތިންދާބޯޓު އޮވެއެވެ. ނަމަވެސް އިންޖީނާއި ސްޕެއަރ ނުލިބުމުން ދެބައިކުޅަ އެއްބައި ގްރައުންޑް ކޮށްފައި ވެއެވެ.





