މަހްރަންގް ބަލޫޗް، ޕާކިސްތާނުގެ އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ވަކީލުންނަށް ތާއީދުކޮށްފި

ޕާކސިްތާންގައި ބަންދުކޮށްފައިވާ ބަލޫޗް ޔަކްޖެހްތީ ކޮމިޓީ (ބީވައިސީ) ގެ ލީޑަރު މަހްރަންގް ބަލޫޗް ވަނީ ޕާކިސްތާނުގައި ދައުވާތަކާ ކުރިމަތިލާން ޖެހިފައިވާ އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ވަކީލުން ކަމަށްވާ އިމާން ޒައިނަބް މަޒާރީ-ހާޒިރް އަދި ހާދީ އަލީ ޗައްތާއަށް އޭނާގެ ތާއީދު އޮތްކަން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ މި ދައުވާތަކަކީ އުފައްދާފައިވާފައިވާ ދައުވާތަކެއް ކަމަށާއި، މިއީ އިންސާފަށް ގޮވަލުން ހުއްޓުވުމަށްޓަކައި އިސްތިއުމާރީ ޒަމާނުގެ ގާނޫނުތައް ބޭނުންކުރުމުގެ އަމަލުތަކެއް ކަމަށެވެ. ބަލޫޗްގެ މި ބަޔާން އިއްވާފައިވަނީ ޕާކިސްތާނުގައި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ވާހަކަ ދެއްކުމުގެ ތެރޭގައެވެ.

މަޒާރީ އާއި ޗައްތާ އަކީ ދިގު މުއްދަތެއްގައި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރުމުގެ މަސައްކަތުގައި އިސްކޮށް އުޅުއްވާ ދެ ބޭފުޅުންނެވެ. އެ ދެބޭފުޅުން ވަނީ ނިޒާމުން ގެއްލުވާލާފައިވާ މީހުންނާއި، ގާނޫނާ ޚިލާފަށް މީހުން މެރުމާއި، ސިޔާސީ ގޮތުން އަނިޔާވެރިވުން ފަދަ މައްސަލަތައް އާންމު ސަމާލުކަމަށް ގެންނަވާ ފައެވެ. ބަލޫޗް ވަނީ އެ ދެބޭފުޅުންގެ ހިތްވަރު ގަދަ ހިމޭން ނުކުރެވޭނެ ބަޔެއް ކަމަށް ވިދާޅުވެފައެވެ. މި ވަކީލުންނަށް ކުރިމަތި ކޮށްފައިވާ ދައުވާތަކަކީ، ޕާކިސްތާނުގެ ސަރުކާރުން އިދިކޮޅު އަޑުތައް ހުއްޓުވުމަށް ކުރާ މަސައްކަތެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.

ބަލޫޗް ވަނީ ބައިނަލްއަގްވާމީ މުޖުތަމަޢަށް މި ފަރާތްތަކުގެ ދިފާއުގައި އިލްތިމާސްކުރައްވާފައެވެ. އޭނާ އެދިވަޑައިގަތީ މި ދައުވާތައް ސަރުކާރުން ބާތިލްކުރުމަށާއި، އެ ދެ ވަކީލުންނަށް އިންސާފުވެރި އަދި އެކަށީގެންވާ ޝަރީޢަތެއްގެ ހައްގު ލިބޭނެކަން ކަށަވަރުކުރުމަށް ގޮވާލާފައެވެ. ބަލޫޗް ވަނީ އަނިޔާވެރި ކަމާ ދެކޮޅަށް އަޑު އުފުލުން ހުއްޓުވުމަށްޓަކައި ގާނޫނަކީ ހަތިޔާރެއްގެ ގޮތުގައި ބޭނުންކުރުން ހުއްޓާލަން ޖެހޭނެ ކަމަށް ވިދާޅުވެފައެވެ. މިކަމުގެ ސަބަބުން ޕާކިސްތާނުގެ އިންސާނީ ހައްޤުތަކުގެ ހާލަތާމެދު ބައިނަލްއަގްވާމީ މުޖުތަމަޢުގެ ކަންބޮޑުވުން އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވެއެވެ.

އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ބައިނަލްއަގްވާމީ ޖަމާޢަތެއް ކަމަށްވާ ފްރަންޓް ލައިން ޑިފެންޑަރސް (އެފްއެލްޑީ) އިން ވަނީ މި މައްސަލަތަކަކީ ގާނޫނީ އަނިޔާއެއް ދިނުން ކަމަށް ސިފަކޮށް ކުށްވެރިކޮށްފައެވެ. އެފްއެލްޑީން ފާހަގަކުރި ގޮތުގައި މި މައްސަލައިގައި ގާނޫނީ އިޖުރާއަތްތަކާ ޚިލާފު ކަންތައްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި އެމީހުން ބޭނުންވާ ގާނޫނީ ވަކީލުން ހޯދުމުގެ ހައްގު ނިގުޅައިގަތުމާއި، ކޯޓުން ކަނޑައަޅާ ވަކީލުން ހޯދުމަށް މަޖުބޫރުކުރުމާއި، އަވަސް އަވަހަށް އަޑުއެހުންތައް ބޭއްވުމާއި، ކޯޓަށް ހާޒިރު ކުރުމަށް ޗިޓް ފޮނުވުމާއި ހައްޔަރުކުރުން ހިމެނެއެވެ.

އެފްއެލްޑީން އިތުރަށް ބުނެފައިވަނީ މި ދައުވާތަކަކީ ޕާކިސްތާނުގައި އިންސާނީ ހައްޤުތަކަށް ވަކާލާތުކުރާ ފަރާތްތަކާ ދެކޮޅަށް ހިންގާ އާންމު ހަމަލާތަކެއްގެ ބައެއް ކަމަށެވެ. އަދި ޚާއްސަކޮށް މިލިޓަރީއާއި އިންޓެލިޖެންސް އެޖެންސީތަކަށް ގޮންޖަހާ ފަރާތްތަކަށް މިފަދަ ދަތިތައް ކުރިމަތިވާކަން އެ ޖަމާޢަތުން ފާހަގަކުރެއެވެ.

ހިއްސާ ކުރައްވާ!