ޕާކިސްތާނުގައި އެޗްއައިވީ/އެއިޑްސްގެ ބަލިމަޑުކަން ވަނީ ހިތާމަވެރި ދަރަޖައަކަށް ގޯސްވެފައެވެ. މިކަމަކީ ހަމައެކަނި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތެއް ނޫނެވެ. މިއީ މުއައްސަސާތަކުގެ ބަލިކަށިކަމާއި، ފަރުވާކުޑަކުރުމާއި، ކޮރަޕްޝަނާއި، ސިއްހީ މިންގަނޑުތައް ތަންފީޒުކުރުމުގައި ހުރި ބަލިކަށިކަމުގެ ސަބަބުން ސިއްހީ ނިޒާމު ބަލި ފަތުރާ ވަސީލަތަކަށް ބަދަލުވެފައިވާކަން ދައްކުވައިދޭ ކަމެކެވެ. މިހާރު ޕާކިސްތާނަކީ އޭޝިއާ-ޕެސިފިކް ސަރަހައްދުގައި އެޗްއައިވީއަށް އެންމެ އަވަހަށް މީހުން ޝިކާރައަކަށްވާ ދެވަނަ ގައުމެވެ. ސިންދު ޕްރޮވިންސްގައި އެކަނިވެސް 4,000 ކުދިން އެޗްއައިވީއަށް ޕޮޒިޓިވްވެފައިވުމަކީ، މިކަމުގެ އިންޒާރެކެވެ.
ޕާކިސްތާނުގައި ބަލި ފެތުރުމުގެ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ސިއްހީ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ބެލުމެއްނެތި ކަންކުރުން ހިމެނެއެވެ. އެގޮތުން، އެއްފަހަރު ބޭނުންކުރާ ސިރިންޖު އަލުން ބޭނުންކުރުމާއި، ބޯ ކޮށާތަންތާނގައި ރަނގަޅަށް ސްޓެރިލައިޒްނުކުރާ ރޭޒަރު ބޭނުންކުރުމާއި، ދަތުގެ ފަރުވާގައި އެއްފަހަރު ބޭނުންކޮށްފައިވާ އާލާތްތައް ބޭނުންކުރުން ހިމެނެއެވެ.
މީގެ އިތުރުން، ލޭ ރަނގަޅަށް ސްކްރީން ނުކުރާ ގަވާއިދާ ޚިލާފު ލޭ ބޭންކުތައް ހުރުމާއި، ހޮސްޕިޓަލްތަކުގެ ކުނި، އޭގެ ތެރޭގައި ބޭނުންކޮށްފައިވާ ސިރިންޖުތައް، އަލުން ނުރަސްމީ ބާޒާރުތަކަށް ވިއްކުން ފަދަ ނުރައްކާތެރި އަމަލުތައް ހިނގަާ ކަމަށް މީޑިއާއިން ފާހަގަ ކުރެއެވެ. މިކަންކަމުގެ ސަބަބުން ބަލި ފެތުރޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
މި ބަލިމަޑުކަން ގޯސްވުމުގެ މުހިންމު އެއް ސަބަބަކީ ގާބިލުކަން ނެތް ފަރުވާދޭ ފަރާތްތައް ނުވަތަ 'ފޭކް ޑޮކްޓަރުން’ގެ ނުރައްކަލެވެ. ޕާކިސްތާނާއި އަދި އެހެން ގައުމުތައް އެއްކޮށލައިުގެން ބަލާއިރު 600,000 އަށް ވުރެ ގިނަ ގަވާއިދާ ޚިލާފު ފޭކް ޑޮކްޓަރުން މަސައްކަތުގައި އުޅެއެވެ. އޭގެ ތެރެއިން 40% ހަރަކާތްތެރިވަނީ ކަރާޗީގައެވެ. މިފަދަ މީހުން އާންމުކޮށް ސިރިންޖުތައް އަލުން ބޭނުންކުރުމާއި، ރައްކާތެރިކަން ކުޑަ އޮޕަރޭޝަންތައް ކުރުމުގެ ސަބަބުން އެޗްއައިވީ ފެތުރުމަށް މަގުފަހިކުރެއެވެ. 2019 ވަނަ އަހަރު ލަރްކާނާގައި ސިރިންޖު ކޮންޓެމިނޭޓްވުމުގެ ސަބަބުން ސަތޭކަޔަށް ވުރެ ގިނަ ކުދިން އެޗްއައިވީއަށް ފައްސިވެފައި ވެއެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ޔޫއެންއެއިޑްސްގެ ލަފާދޭ މިންގަނޑުތައް، ޚާއްސަކޮށް ލޭ އަޅާއިރު ރައްކާތެރިކަމުގެ ފިޔަވަޅުތަކާއި ބަލި ކޮންޓްރޯލްކުރުމުގެ އުސޫލުތައް، ޕާކިސްތާނުގައި އާންމުކޮށް ބޮލާލައި ޖެހެއެވެ. އެޗްއައިވީއަށް ފަރުވާދޭ މަރުކަޒުތަކަށް ވެސް ޓެސްޓު ކިޓާއި، އެންޓިރެޓްރޯވައިރަލް (އޭއާރުވީ) ބޭސް އަދި ތަމްރީނު ލިބިފައިވާ މުވައްޒަފުންގެ ދަތިކަން ކުރިމަތިވެފައި ވެއެވެ. މީގެ އިތުރުން، މުޖުތަމަޢުގެ ތެރޭގައި އެޗްއައިވީއަށް ހުރި ނަފްރަތާއި ބިރުގެ ސަބަބުން މީހުން ޓެސްޓުކުރުމަށް ޖެހިލުންވެ، ސަރުކާރުގެ ފަރާތުން މިކަން ކުޑަކޮށް ދައްކުވައިދިނުމުގެ ސަބަބުން މައްސަލަ އިތުރަށް ގޯސްވެއެވެ.







