ޕާކިސްތާންގެ ލާހޯރުގައި ހުންނަ އެންޓި-ޓެރަރިޒަމް ކޯޓުން، ޕާކިސްތާނުގެ ހަރުކަށި، ތަހުރީކޭ ލައްބައިކަ ޕާޓީގެ ލީޑަރަކަށް 35 އަހަރުގެ ޖަލު ހުކުމެއް އިއްވައިފިއެވެ. މަނާކޮސްފައިވާ ތަޙްރީކޭ ލައްބައިކެ ޕާކިސްތާން (ޓީ.އެލް.ޕީ) ގެ ލީޑަރަށް 35 އަހަރުގެ ޖަލު ހުކުމް ކޮށްފައި ވަނީ ޕާކިސްތާންގެ އުއްތަމަ ފަނޑިޔާރު އަވަހާރަ ކޮށްލުމަށް ބިރު ދެއްކުމުންނެވެ.
ކޯޓުގެ ލިޔުންތަކުން އެނގޭ ގޮތުގައި ލައްބައިކަ ގެ ލީޑަރުވަނީ ހަރުކަށި ބަޔާންތައް ނެރެ ސޯޝަލް މީޑިއާގެ ޕޯސްޓްތައް ކޮށް، ދައުލަތުގެ މުއައްސަސާތަކަށާއި ޝަރުޢީ ދާއިރާއަށް ހަމަލާދިނުމަށް ހިތްވަރު ދީފައެވެ. ޕްރޮސެކިއުޓަރުން ކޯޓުގައި ބުނެފައި ވަނީ އޭނާގެ މި ޢަމަލުތަކުގެ ސަބަބުން ޢާންމު މަސްލަހަތު ނުރައްކަލުގެ ތެރެއަށް ވައްޓާލި ކަމަށާއި، ޓެރަރިޒަމާ ދެކޮޅަށް ހަދާފައިވާ ޤާނޫނުތަކާ ޚިލާފަށް އަމަލު ކޮށްފައިވާ ކަމަށެވެ.
މި ދައުވާކޮށް ޙުކުމް ކޮށްފައި ވަނީ ތަހުރީކޭ ލައްބައިކެ ގެ ނާއިބް ލީޑަރު ޒަހީރުލް ހަސަން ޝާހްގެ މައްޗަށެވެ.
އޭ.ޓީ.ސީން މި ހުކުމް ކޮށްފައިވަނީ، ޤާނޫނުގެ އެކި މާއްދާތަކާ ހަވާލާދީ އެތައް ކުށަކަށް ވަކިވަކިން ހުކުމް ކުރުމަށް ފަހު، އެ ހުކުމްތައް އެއްކޮށް ތަންފީޒުވާ ގޮތަށެވެ.
މިއީ ފަހުގެ ތާރީޚެއްގައި ތަހުރީކޭ ލައްބައިކެގެ ފަރާތަކާ ދެކޮޅަށް ކޮށްފައިވާ އެންމެ ހަރުކަށި ހުކުމްތަކުގެ ތެރެއިން އެއް ހުކުމެވެ. މި ހުކުމަކީ، ޕާކިސްތާނުގެ ޝަރުޢީ ދާއިރާއިން ޓެރަރިޒަމްގެ ޢަމަލުތަކަށާއި ދައުލަތުގެ މުއައްސަސާތަކަށް ނުރައްކާވާފަދަ ޢަމަލުތަކަށް ދޭ ސީރިއަސް ސަމާލުކަން ދައްކުވައިދޭ ހުކުމެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ.
ތހުރީކޭ ލައްބައިކެ އަކީ ސިފައިންގެ ވާގިވެރިކަމާއެކު ވުޖޫދަށް އައި އިސްލާމީ ސިޔާސީ ހަރަކާތެކެވެ. މި ޖަމާއަތް މަޝްހޫރުވީ ޗާލީ އެބްޑޫގެ ކާޓޫނަށް ފަހުއެވެ. އެއަށްފަހު މި ޖަމާއަތުގެ ލީޑަރުވެސް ވަނީ މަރުވެފައެވެ. މިއީ ސުންނީ ބްރޭލްވީ ފިކުރުގެ މީހުންގެ ހަރަކާތެކެވެ.







