ޗައިނާގެ އިޤްތިޞާދަށް ނޮވެމްބަރު މަހު ހީނަރުކަމެއް

ޗައިނާގެ އިޤްތިޞާދީ ކުރިއެރުމަށް ނޮވެމްބަރު މަހު ހީނަރުކަމެއް އައިސްފައިވާ ކަމަށް، ރަސްމީ ދިރާސާތަކުން ދައްކައިފިއެވެ. މި ހީނަރުކަން އައިސްފައި ވަނީ ކޮންސިއުމަރުންގެ ޚަރަދުތަކާއި، އިންވެސްޓްމަންޓް އަދި ރިއަލް އެސްޓޭޓް ބާޒާރުވެސް ހީނަރުވެފައިވުމުންނެވެ.

ޗައިނާ ސަރުކާރުން ހޯމަ ދުވަހު ނެރުނު ތަފާސްހިސާބުތައް ދައްކާ ގޮތުގައި، ރީޓެއިލް ވިޔަފާރި އަހަރުން ކުރިއަރަމުން ދިޔައީ 1.3 އިންސައްތައިގަ އެވެ. މިއީ އޮކްޓޯބަރު މަހު އޮތް 2.9 އިންސައްތައާ އަޅާ ބަލާއިރު ވަރަށް ބޮޑު ދަށްވުމެކެވެ. އަދި މިއީ 2022 ވަނަ އަހަރުން ފެށިގެން ޗައިނާއިން ފެނިގެން ދިޔަ ބަލި ކަށި މިންވަރެވެ.

ވޭތިވެ ދިޔަ ހަ މަސްދުވަސް ތެރޭގފައިވެސް ރީޓެއިލް ވިޔަފާރި ވަނީ ދަށްވަމުން ގޮސްފައި ކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ. މިއީ 2020 ވަނަ އަހަރުން ފެށިގެން ރީޓެއިލް ވިޔަފަރި މިހާ ގިނަ ދުވަސް ވަންދެން އެއްވަރެއްގައި ދަށްވެފައިވާ ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ޗައިނާގެ ސިނާއީ އުފެއްދުންތައް 4.8 އިންސައްތަ އަށް އިތުރުވެފައި ވެއެވެ. މިއީ އޮކްޓޫބަރު މަހު އޮތް 4.9 އިންސައްތައާ އަޅާބަލާއިރު ކުޑަ މިންވަރެއްގެ ހީނަރު ވުމެކެވެ. އަދި އޭގެ އިތުރުން ޖެނުއަރީ މަހުން ނޮވެމްބަރު މަހާ ހަމައަށް ފިކްސްޑް އެސެޓް އިންވެސްޓްމަންޓް ވެސް ވަނީ 2.6 އިންސައްތައަށް ދަށްވެފަ އެވެ. މި ދަށްވުން ދިމާވެފައި ވަނީ އޮކްޓޯބަރު މަހާ ހަމައަށް އޮތް 1.7 އިންސައްތައިގެ ދަށް މިންވަރު އިތުރަށް ފާޅުކޮށްދޭ ކަމެއްގެ ގޮތުގައެވެ.

ޗައިނާގެ ރިއަލް އެސްޓޭޓް ބާޒާރަށް ވަނީ މިހީނަރުކަމުން ވަރަށް ބޮޑު އަސަރެއް ކޮށްފައެވެ. އެ މުއްދަތުގައި ރިއަލް އެސްޓޭޓް އިންވެސްޓްމަންޓް ވަނީ 15.9 އިންސައްތައަށް ދަށްވެފައެވެ. އަދި، 70 ސިޓީއެއްގައި ގޭބިސީގެ އެވްރެޖް އަގުތައް ވަނީ ކުރީ އަހަރާ އަޅާ ބަލާއިރު 2.8 އިންސައްތައަށް ދަށްވެފައެވެ. ސިޓީތަކުގައި ވަޒީފާ ނެތް މީހުންގެ ނިސްބަތް ވެސް ވަނީ 5.1 އިންސައްތައިގައި ހިފެހެއްޓިފައިވެއެވެ.

ނޮވެމްބަރު މަހު ފެނިގެން ދިޔަ ހީނަރުވުމަކީ މިކަން ރިޕޯޓު ކުރި ވޯލްސް ސްޓްރީޓް ޖާނަލް އިން ބުނާ ގޮތުގައި، ރިއަލް އެސްޓޭޓްގެ ޑިމާންޑް ހަމައަކަށް އެޅުވުމުގެ އިތުރުން ވިޔަފާރީގެ އިތުބާރު ދެމެހެއްޓުމަށް ޗައިނާ ސަރުކާރަށް ފިއްތުންތައް ކުރިމަތިވާ ކަމެކެވެ.

މި ފަސްމަންޒަރުގައި ވެސް ޗައިނާއިން ބުނަނީ މި އަހަރުގެ ފުރަތަމަ 11 މަހުގެ ތެރޭގައި އެކްސްޕޯޓް މުދަލުން ޗައިނާއިން އެއް ޓްރިލިއަން ޑޮލަރުގެ ރެކޯޑް ވިޔަފާރީގެ ކުރިއެރުމެއް ހޯދާފައިވާ ކަމަށެވެ. މިއީ އެމެރިކާއިން ޗައިނާ މުދަލަށް ޓެރިފްތައް އިތުރު ކޮށްފައިވާއިރުވެސް ޗައިނާގެ އެކްސްޕޯޓަށް ޑިމާންޑް އޮތް މިންވަރު ދައްކައިދޭ ކަމެއް ކަމަށް ޗައިނާއިން ބުނެއެވެ. ނަމަވެސް، އިންޓަރނޭޝަނަލް މަނިޓަރީ ފަންޑް އިން ވަނީ ޗައިނާ އަކީ އެކްސްޕޯޓްތަކަށް އެކަނި ބަރޯސާވެގެން ހިންގޭނެ ވަރަށްވުރެ ބޮޑު ޤައުމެއް ކަމަށް ބުނެ އިންޒާރު ދީފައެވެ. އައިއެމްއެފުން ވަނީ ޗައިނާ ސަރުކާރުން އެކސްޕޯޓަށް ބަރޯސާ ވުމުގެ ބަދަލުގައި އެތެރޭގެ ބޭނުންތަކަށާއި އެތެރޭގެ ބާޒާރަށް ސަމާލުކަން ދިނުމަށްވެސް ގޮވާލާފައެވެ. އެކަން ކުރެވޭނީ ރައްޔިތުންގެ އިތުބާރު އިގްތިސާދުގައި އޮވެގެންނެވެ.

ފާއިތުވި ހަފްތާގައި ޗައިނާއިން ބޭއްވި މަރުކަޒީ އިޤްތިޞާދީ މަސައްކަތު ބައްދަލުވުމުގައި، ޗައިނާގެ އެންމެ އިސް ލީޑަރުން ވަނީ 2026 ވަނަ އަހަރު ގޭބިސީގެ އާމްދަނީއާއި މުދާގަންނަ މިންވަރަށް އިސްކަންދިނުމަށް ޚާއްސަ ސިޔާސަތުތަކެއް އެކުލަވާލާނެ ކަމަށް ވަޢުދުވެފައެވެ. އަދި އިންވެސްޓްމަންޓް ހަމަޔަކަށް އެޅުވުމާއި، ބޯހިޔާވަހިކަމުގެ ދައިރާ ރަނގަޅު ކުރުމަށް ރިއަލްއެސްޓޭޓް ދާއިރާއަށް ސަމާލުކަން ދޭންވެސް ވައުދު ވެފައި ވެއެވެ.

ހިއްސާ ކުރައްވާ!