ހަކަތައިގެ ދަތިކަމާ ހުރެ ބަންގްލަދޭޝްގެ ހުރިހާ ޔުނިވާސިޓީތަކެއް ބަންދުކުރަނީ

މެދުއިރުމަތީގައި އެމެރިކާއާއި އިޒްރޭލުން ހިންގަމުންދާ ޓެރަރިސްޓް ހަމަލަތަކާ ގުޅިގެން ކުރިމަތިވެފައިވާ ހަކަތައިގެ ދަތިކަމުން ސަލާމަތްވުމަށްޓަކައި، ބަންގްލަދޭޝްގެ ހުރިހާ ޔުނިވާސިޓީތަކެއް ހޯމަ ދުވަހުން ފެށިގެން ބަންދުކުރުމަށް އެގައުމުގެ ސަރުކާރުން ނިންމައިފިއެވެ. މި ނިންމުމާއެކު އީދު ބަންދު ކުރިއަށް ޖައްސައި، ކަރަންޓާއި ތެޔޮ އިގްތިސާދު ކުރުމުގެ ކުއްލި ފިޔަވަޅުތަކެއް ވަނީ އަޅަން ފަށާފައެވެ.

ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން ހާމަކުރި ގޮތުގައި، މި ނިންމުން އެގައުމުގެ ސަރުކާރުގެ އަދި އަމިއްލަ ހުރިހާ ޔުނިވާސިޓީތަކަކަށް ހިނގާނެއެވެ. މި ފިޔަވަޅުގެ ސަބަބުން ކަރަންޓު ބޭނުންކުރާ މިންވަރު މަދުވުމުގެ އިތުރުން، މަގުމަތީގެ ތޮއްޖެހުން ކުޑަވެ، ތެޔޮ އިސްރާފުވުން ހުއްޓުވުމަށް އެހީތެރިވެދޭނެ ކަމަށް އޮފިޝަލުން ވިދާޅުވިއެވެ.

ޔުނިވާސިޓީތަކުގެ ކެމްޕަސްތަކާއި، ދަނާލުތަކާއި، ލެބޯޓްރީތަކުގެ އިތުރުން އޭސީތަކަށް ބޮޑު މިންވަރަކަށް ކަރަންޓު ހޭދަވާކަން ފާހަގަކުރައްވަމުން، އޮފިޝަލުން ވިދާޅުވީ ޔުނިވާސިޓީތައް އަވަހަށް ބަންދުކުރުމަކީ ގައުމުގެ ކަރަންޓު ނިޒާމަށް ލިބިފައިވާ ބުރަ ކުޑަކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ. ރަމަޟާން މަހާ ގުޅިގެން ސަރުކާރުގެ އަދި އަމިއްލަ ސްކޫލްތައް މިހާރުވެސް ބަންދުކޮށްފައި އޮތުމުން، މި ނިންމުމާއެކު ގައުމުގެ ގިނަ ތައުލީމީ މުއައްސަސާތައް މި މުއްދަތުގައި ބަންދުވާނެއެވެ.

ބަންގްލަދޭޝްއަކީ އެގައުމަށް ބޭނުންވާ ހަކަތައިގެ 95 އިންސައްތަ އިމްޕޯޓްކުރާ ގައުމަކަށްވާއިރު، ދުނިޔޭގެ ބާޒާރުގައި ތެލާއި ގޭހުގެ އަގު އުފުލި، ސަޕްލައިއަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މިކަމާ ގުޅިގެން މިދިޔަ ހުކުރު ދުވަހުން ފެށިގެން އެގައުމުގައި ތެޔޮ ވިއްކާ މިންވަރު ކޮންޓްރޯލްކޮށް، ހަރަދު ކުޑަކުރުމުގެ އިތުރު ފިޔަވަޅުތައް ވަނީ އަޅާފައެވެ. މީގެ ތެރޭގައި ބޭރުގެ މަންހަޖުތަކަށް ކިޔަވައިދޭ ސްކޫލްތަކާއި ޕްރައިވެޓް ކޯޗިން ސެންޓަރުތައް ވެސް ބަންދުކުރުމަށް ވަނީ އަންގާފައެވެ.

ގޭހުގެ ދަތިކަން އިންތިހާއަށް ބޮޑުވުމުގެ ސަބަބުން ބަންގްލަދޭޝްގެ ސަރުކާރުން ހިންގާ ފަސް ފާޓިލައިޒާ ފެކްޓްރީގެ ތެރެއިން ހަތަރު ފެކްޓްރީއެއްގެ މަސައްކަތް މިހާރު ވަނީ ހުއްޓާލާފައެވެ. އެ ފެކްޓްރީތަކަށް ދޫކުރާ ގޭސް މިހާރު ބޭނުންކުރަމުންދަނީ ކަރަންޓު އުފައްދާ ޕްލާންޓްތައް ހިންގުމަށެވެ. މީގެ އިތުރުން، ބޮޑު އަގުގައި އެލްއެންޖީ ގަނެގެން ހަކަތައިގެ ބޭނުންތައް ފުއްދުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

އެގައުމުގެ އެނާޖީ މިނިސްޓްރީގެ އިސް އޮފިޝަލަކު ވިދާޅުވީ، "ހަކަތަ ބޭނުންކުރާ މިންވަރު މަދުކޮށް، ކަރަންޓާއި ތެލުގެ ސަޕްލައި ހަމަހަމަކަންމަތީ ހިފެހެއްޓުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ދަނީ ކުރަމުން" ކަމަށެވެ.

ހިއްސާ ކުރައްވާ!