ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ ގުޅޭގޮތުން މީގެ ކުރިން ރައްޔިތުންގެ ޚާއްސަ މަޖިލީހުގައި ބަހުސްކުރެވި، އެކަމަށް ގޮތްތަކެއް ނިންމާފައިވާ ކަމަށް ޚާއްސަ މަޖިލީހުގެ މެމްބަރުކަން ކުރެއްވި ދިއްގަރު ދާއިރާގެ މިހާރުގެ މެމްބަރު އަޙުމަދު ނާޒިމް ވިދާޅުވެއްޖެއެވެ. އަޙުމަދު ނާޒިމް މިކަން ހާމަކުރެއްވީ އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.
ނާޒިމް ވިދާޅުވި ގޮތުގައި، އާ ގާނޫނުއަސާސީ އެކުލަވާލި ދުވަސްވަރު، އެ ގާނޫނުއަސާސީ ތަސްދީގުކުރުމަށްފަހު ބާއްވާ ފުރަތަމަ ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ތިން ހުށަހެޅުމެއް ޚާއްސަ މަޖިލީހަށް ހުށަހެޅުނެވެ. މި ތިން ހުށަހެޅުމަށްވެސް އެ މަޖިލީހުގެ ތާއީދު ލިބި، އެކަމަށް ގޮތްތަކެއް ނިންމާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ނާޒިމް ހާމަކުރެއްވި ގޮތުގައި މިކަމާ ގުޅޭގޮތުން ހުށަހެޅުނު ފުރަތަމަ އިސްލާހަކީ މާލޭ މެންބަރު އިބްރާހީމް އިސްމާއީލް (އިބްރާ) ހުށަހެޅުއްވި އިސްލާހެކެވެ. އޭނާ ހުށަހެޅުއްވީ ގާނޫނުއަސާސީއަށް އަމަލުކުރަން ފަށާ ދުވަހުން ފެށިގެން 6 މަހާއި 8 މަހާ ދެމެދުގެ މުއްދަތެއްގައި ދެ އިންތިޚާބު އެކުއެކީގައި ބޭއްވުމަށެވެ.

ދެވަނަ ހުށަހެޅުމެއްގެ ގޮތުގައި އޮތީ މާޅޮސްމަޑުލު އުތުރުބުރީ މެންބަރު އަލީ ވަހީދު ހުށަހެޅުއްވި އިސްލާހެވެ. އޭނާ ހުށަހެޅުއްވީ ގާނޫނުއަސާސީއަށް އަމަލުކުރަން ފަށާ ތާރީހުން ފެށިގެން 6 މަސްދުވަހުގެ ތެރޭގައި ދެ އިންތިޚާބު އެކުގައި ބޭއްވުމަށެވެ. އަދި ތިންވަނަ އިސްލާހެއްގެ ގޮތުގައި މާޅޮސްމަޑުލު އުތުރުބުރީ މެންބަރު ޝާހީން ހަމީދު ހުށަހެޅުއްވީ 6 މަހާއި 8 މަހުގެ ތެރޭގައި ދެ އިންތިޚާބު އެކުއެކީގައި ބޭއްވުމަށެވެ.
"މިއީ ކުރެވި، ނިމިފަ އޮތް ބަހުސެއް. އެއީ އޭރު ރައްޔިތުން ގޮތް ނިންމި ކަމެއް،" ނާޒިމް ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ އެދުވަސްވަރު މި ހުށަހެޅުންތަކަށް ވޯޓަށްވެސް އެހި ކަމަށެވެ.
ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ތާރީޚެއްގައި ބޭއްވުމާ ގުޅޭގޮތުން އަންނަ މަހުގެ 4 ވަނަ ދުވަހު ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ވަނީ ހަމަޖެހިފައެވެ. އިދިކޮޅު އެމްޑީޕީން މިކަމާ ދެކޮޅު ހަދަމުންދާއިރު، މީގެ ކުރިން އެ ޕާޓީގެ އިސް ބޭފުޅުން ވަނީ ދެ އިންތިހާބު އެކުގައި ބޭއްވުމަށް ތާއީދުކޮށް ވާހަކަދައްކަވާފައެވެ.
MP Nazim Says Debate on Holding Two Elections on Same Day Was Settled Long Ago




