ދުބާއީ އިންޓަނޭޝަނަލް ހޮލީ ގުރުއާން އެވޯޑުގެ 28 ވަނަ ދައުރުގައި ބައިވެރިވާ ގާރީންގެ މެދުގައި ވާދަވެރިކަން ބޮޑުވެފައިވާއިރު، މިސްރުގެ ރަން އަޑުގެ ވެރިޔާ ދަރިވަރު އުމަރު އަލީ އަވަޟް ވަނީ ގިނަ ބައެއްގެ ސަމާލުކަން ހޯދާފައެވެ. މިސްރުގެ މަޝްހޫރު ގާރީންގެ ތިލާވަތްކުރުމުގެ މުއްސަނދި ތާރީޚާއި އުސޫލުތަކަށް ތަބާވެގެން ކިޔަވަމުންދާ އުމަރު މި މުބާރާތުގައި ވާދަކުރަނީ އެންމެ ރީތި އަޑުގެ ލަގަބު ހޯދުމަށެވެ.
އުމަރު އަލީ އަވަޟް ގުރުއާން ހިތުދަސްކުރީ އާއިލީ ގޮތުން ގުރުއާނަށް ލޯބިކުރާ މާހައުލެއްގެ ތެރެއިންނެވެ. އޭނާ ބުނި ގޮތުގައި ގުރުއާން ހިތުދަސްކުރުމަކީ އޭނާއަށް ބުރަ މަސައްކަތެއްގެ ބަދަލުގައި އުފާވެރި ދަތުރަކަށްވީ އާއިލާގެ ތެރޭގައި އޮތް ވާދަވެރިކަމާއި އެއްބާރުލުމުގެ ސަބަބުންނެވެ. އޭނާ މިހާރު ކިޔަވަމުންދަނީ މިސްރުގެ އަލްއަޒްހަރު އިބްތިދާއީ ސްކޫލެއްގެ ފުރަތަމަ ގްރޭޑްގައެވެ.
އަލްއަޒްހަރަކީ އުމަރުގެ ހުނަރު ކުރިއެރުވުމުގައި މުހިންމު ދައުރެއް އަދާކުރި މުއައްސަސާއެކެވެ. އެގޮތުން އަލްއަޒްހަރުގެ އިމާމުލް އަކްބަރު ޑރ. އަހުމަދު އައްތައްޔިބު ވަނީ އުމަރުގެ ކިޔެވުމަށް ތައުރީފުކުރައްވައި ހިިތްވަރު ދެއްވައި އޭނާގެ ކާމިޔާބީގެ އެންމެ ބޮޑު އެއް ސަބަބު ކަމަށް ވެވަޑައިގެންފައެވެ. އޭނާ ބުނި ގޮތުގައި އެންމެ ބޮޑު ގޮންޖެހުމަކީ އަލްއަޒްހަރުގެ ކިޔެވުމާއި ގުރުއާން މުބާރާތްތަކަށް ތައްޔާރުވުން އެއްވަރެއްގައި ހިފެހެއްޓުމެވެ.
ތިލާވަތްކުރުމުގައި އުމަރު ބޮޑަށް ތަބާވަނީ މިސްރުގެ މަޝްހޫރު ގާރީންގެ ސްޓައިލަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ހަމައެކަނި ލަފްޒުތައް ހިތުދަސްކުރުމުގެ ބަދަލުގައި، ހިތްމަޑުމޮޅިކަމާއެކު މާނައަށް ވިސްނައިގެން ކިޔެވުމަކީ ކާމިޔާބީގެ އަސްލެވެ. އަދި ސޯޝަލް މީޑިއާ ފަދަ ވަސީލަތްތަކަކީ ގުރުއާން ފެތުރުމަށް ބޭނުންކުރެވޭނެ މުހިންމު ވަސީލަތެއް ކަމަށް އޭނާ ދެކެއެވެ.
2026 ވަނަ އަހަރަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގެ މި ދައުރަކީ އާ ތަސައްވުރަކާއެކު ކުރިއަށްދާ ދައުރެކެވެ. މުބާރާތުގެ ފެންވަރު މަތިކޮށް، ދުނިޔޭގެ އެކި ކަންކޮޅުތަކުން ހުނަރުވެރި ގާރީން ގެނައުމަށްޓަކައި މުބާރާތުގެ ޖުމްލަ އިނާމުގެ އަދަދު ވަނީ 12 މިލިއަން ދިރުހަމަށް ވުރެ މަތިކޮށްފައެވެ. އުމަރު ބުނީ މިސްރުގެ ފަރާތުން މިފަދަ ބޮޑު މުބާރާތެއްގައި ބައިވެރިވުމަކީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.







