ދެކުނު އިރުމަތީ އޭޝިއާގެ އެންމެ ދުވަސްވީ މިސްކިތް: ފިލިޕީންސްގައި

ދެކުނު އިރުމަތީ އޭޝިއާގެ އިސްލާމީ ތާރީޚަށް ބަލާއިރު، ގިނަ ބަޔަކަށް ހީވެފައި އޮންނަނީ މި ސަރަޙައްދުގެ އެންމެ ދުވަސްވީ މިސްކިތްތައް ހުންނާނީ އިންޑޮނޭޝިއާ ނުވަތަ މެލޭޝިއާގައި ކަމަށެވެ. ނަމަވެސް، ޙަޤީޤަތަކީ މުޅިން ތަފާތު ކަމެކެވެ. ފިލިޕީންސްގެ ހިމޭން ރަށެއްގައި ފޮރުވިފައިވާ 600 އަހަރަށްވުރެ ގިނަ ދުވަސްވީ މިސްކިތަކީ މުޅި ސަރަޙައްދުގެ ތާރީޚު އަލުން ލިޔަންޖެހޭ ފަދަ މުހިންމު ބިނާއެކެވެ.

އެ ބިނާއަކީ ޝައިޚް ކަރީމުލް މަޚްދޫމް މިސްކިތެވެ.

ފިލިޕީންސްގެ ތަވީތަވީ ޕްރޮވިންސްގެ ސިމުނުލް ރަށުގައި ހުންނަ ޝައިޚް ކަރީމުލް މަޚްދޫމް މިސްކިތަކީ މީލާދީން 1380 ވަނަ އަހަރު ބިނާކުރެވުނު މިސްކިތެކެވެ. މިއީ މި ސަރަޙައްދު އިސްތިޢުމާރު ކުރި ހުދު ނަސާރާއިން އައުމުގެ މާ ކުރިން، އަދި ބޮޑެތި ރަސްކަންތައް އުފެދުމުގެ ކުރިން ބިނާކުރެވުނު މިސްކިތެކެވެ. މި މިސްކިތުގެ އަސްލު ލަކުޑި ތަނބުތައް މިއަދާ ހަމައަށްވެސް ފެންނަން ހުރުމަކީ، އެތައް ހަނގުރާމައަކާއި ތޫފާންތަކެއްގެ ތެރެއިން މި ބިނާ ރައްކާތެރިވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ.

މިއިން ފިލިޕީންސްގެ ތަރީޚީ ހަގީގަތް ކިޔައި ދެއެވެ. އެގައުމަށް ނަން ދެވިފައި ވަނީ ޔޫރަޕް މީހުން އެގައުމު އިސްތިއުމާރު ކުރުމުންނެވެ. ސްޕެއިންގެ ރަސްގެފާނު ފިލިޕް އަށް ނިސްބަތް ކޮށެވެ. ޔޫރަޕްގެ ހުދު މީހުން އެޖަޒީރާތައް ހިފިއިރު ވެސް އެތާނގައި މުސްލިމުން ވެރިކަން ކުރަމުން ދިޔައެވެ. ސޫލޫ ގައި އޮތް ސުލްޠާނުންގެ އިސްލާމީ ވެރިކަމަކީ ފާހަގަ ކުރެވޭ ތިޔާގި ވެރިކަމެކެވެ.

ފިލިޕީންސްގެ ތާރީޚަކީ އެތަން އިސްތިއުމާރު ކުރި ހުދު މީހުން އޮޅުވާލާފައިވާ ތާރީޚެވެ.

ފިލިޕީންސްގެ ވެރިރަށް މެނީލާ އަކީ (ފީ އަމާނިﷲ) މާނައަކީ ﷲގެ ރައްކާތެރި ކަމާއެކު ގައެވެ.
ސްޕެއިން ޕިލިޕީންސަށް އިސްތިއުމާރު ކުރިއިރު މެނީލާގައި ތަޚުތުގައި އިންނެވީ ރާޖާ ސުލައިމާން 2 ވަނަ އެވެ. އޭނާއަކީ ސްޕެއިންގެ އިސްތިއުމާރާ ދެކޮޅަށް ހަނގުރާމަ ކުރެއްވި ރަސްކަލެކެވެ. މެނީލާގައި މުސްލިމުން އާލާވީ 14 ވަނަ ގަރުނުގައެވެ. އެހިސާބަށް އިސްލާމް ދީން ދިޔައީ ޔަމަނުގެ ވިޔަފާރިވެރިންނާއި ދީން ފެތުރުމަށް މަސައްކަތް ކުރި ޔަމަނު މީހުންގެ ފަރާތުންނެވެ.

ޝައިޚް ކަރީމުލް މަޚްދޫމް މިސްކިތުގެ ސަބަބުން ފިލިޕީންސްގެ ތާރީޚާ މެދު މީހުން ދެކޭ ގޮތް މުޅިން ބަދަލުވެގެންދެއެވެ. ފިލިޕީންސަކީ އެކަހެރިވެފައި އޮތް ޤައުމެއް ނޫން ކަން އެއިން އަންގައި ދެއެވެ. އަދި އެ ޤައުމުގެ ދެކުނަކީ ވިޔަފާރިއާއި ސަގާފަތުގެ މުހިންމު މަރުކަޒެއްކަން މި ބިނާއިން ސާބިތުވެއެވެ. އިސްލާމްދީން މި ސަރަޙައްދަށް ފެތުރިގެން ދިޔަ ގޮތުގެ ދިގު ތާރީޚު މި މިސްކިތުގެ ބިންގަލާ ގުޅިފައިވެއެވެ. މިއީ ހަމައެކަނި އަޅުކަންކުރާ ތަނެއް ނޫނެވެ. މިއީ ފިލިޕީންސްގެ އަސްލު މޫތައް ކިޔައިދޭ ހެކިބަހެކެވެ.

މިއަދު ފިލިޕީންސަކީ ކްރިސްޓިއަން އަޣުލަބިއްޔަތު އޮތް ޤައުމެކެވެ. ދެވަނައަށް އެންމެ ގިނައީ މުސްލިމުންނެވެ. އެގައުމުގައި، 600 އަހަރުވީ އިސްލާމީ ބިނާއެއް ރައްކާތެރިކަމާއެކު ހުރުމަކީ ފާހަގަކޮށްލަންޖެހޭ ކަމެކެވެ. ދުނިޔޭގެ ގިނަ ބަޔަކަށް މި ޙަޤީޤަތް ގަބޫލުކުރަން ދަތިވި ނަމަވެސް، މިއީ ފޮރުވިފައިވާ ތާރީޚީ ހަގީގަތެކެވެ.

ޝައިޚް ކަރީމުލް މަޚްދޫމް މިސްކިތަކީ ދެކުނު އިރުމަތީ އޭޝިއާގެ އިސްލާމީ ތާރީޚުގެ ދިރިހުރި ނިޝާނެކެވެ. މި ބިނާގެ ސަބަބުން ފިލިޕީންސްގެ ތާރީޚު ފެށިފައިވަނީ އިސްތިޢުމާރީ ބާރުތަކުން އަތްގަދަ ކުރުމުގެ ކުރިންކަން ސާބިތު ކޮށްދެއެވެ.

ހިއްސާ ކުރައްވާ!