
ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ މައްޗަންގޮޅީ އުތުރު ދާއިރާގެ ކެމްޕޭން ޖަގަހަ ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މިރޭ ހުޅުއްވައިދެއްވައިފިއެވެ. މި ޖަގަހަ ހުޅުވުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތު އޮތީ ހުޅުމާލޭގައެވެ.
މި ޙަފްލާގައި ފަސްޓް ލޭޑީގެ އަރިހުގައި ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި މިފަހަރުގެ ކެމްޕޭން މެނޭޖަރު އެމްޕީ އިބްރާހީމް ފަލާޙް އާއި ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައްވާ މޫސާ ޢަލީ ޖަލީލް އާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރައީސާ ކަމަށް ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާންގެ އިތުރުން ހުޅުމާލެ މެދު ދާއިރާގެ ކެންޑިޑޭޓުން ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީން ދަނީ މުޅި ރާއްޖޭގައި، ޚާއްސަކޮށް ވެރިރަށް މާލޭގައި ވަރަށް ފުޅާ ދާއިރާއެއްގައި ކެމްޕޭން ހަރަކާތްތައް ހިންގަމުންނެވެ.
ކެމްޕޭންގެ ހަރަކާތްތައް ވަރުގަދަކުރުމުގެ ގޮތުން ކޮންގްރެސް ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެސް ގެންދަވަނީ މާލޭގެ އެކި އަވަށްތަކުގައި ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތްތައް އަމަލީގޮތުން ކުރިއަށް ގެންދަވަމުންނެވެ. އަދި ކޮންމެ ރެއަކުހެން މާލެ ސިޓީގެ އެކި ދާއިރާތަކުގައި ކެމްޕޭން ޖަގަހަތައް ހުޅުވުމުގެ ހަރަކާތްތައް ބާއްވަމުންދާކަން ފާހަގަކުރެވެއެވެ.
މުޅި ރާއްޖޭގައިވެސް ކޮންގްރެސް ޕާޓީގެ ކެމްޕޭން ހަރަކާތްތައް މިހާރު ކުރިއަށްދަނީ ވަރަށް ފޯރިއާއި ޖޯޝާ އެކުގައެވެ. މިއަދު މުޅި ރާއްޖޭގައި ޕީއެންސީން ވަނީ ދެ ދަންފަޅިއަށް ދޮރުން ދޮރަށް ހަރަކާތް ބާއްވާފައެވެ.
މިއަދު މުޅި ރާއްޖޭގައި ޕީއެންސީގެ ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތް ފަށައިފި


