ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު ޕެރިހުގައި ބޭއްވި 'ކޯލިޝަން އޮފް ދަ ވިލިންގް' ސަމިޓަށްފަހު، ޔޫކްރެއިންގައި ހިނގަމުންދާ ހަނގުރާމަ ހުއްޓުވައި ދާއިމީ ސުލްހައެއް ގާއިމުކުރުމަށްޓަކައި މޮސްކޯއާއެކު އަލުން ސީދާ ގުޅުންތައް ގާއިމުކުރަންޖެހޭ ކަމަށް ވިލާތުގެ އިސް ލީޑަރުން ވިދާޅުވާން ފައްޓަވައިފިއެވެ. މިއީ އެމެރިކާގެ އާ ސަރުކާރާއެކު އޮތް ގުޅުމަށް އަންނަމުންދާ ބަދަލުތަކާ ގުޅިގެން، ވިލާތުގެ ސަލާމަތީ ކަންކަން އަމިއްލައަށް ބައްޓަންކުރުމަށް އެ ގައުމުތަކުން ގެންގުޅޭ ސިޔާސަތަށް އައި ބަދަލެއް ކަމަށް ބެލެވެއެވެ.
އެމެރިކާއަށް އިތުބާރު ނުކުރެވޭ ކަމަސްވެސް ޔޫރަޕްގެ ވެރިންގެ ވާހަކަތަކުން ދޭހަވެއެވެ. އެމެރިކާ އޮތީ ޔޫރަޕަށް ހަމަލައެއް ދޭންވެސް ތައްޔާރާށެވެ. އަދި ގްރީންލެންޑް ހިފުމަށްވެސް ތައްޔާރަށެވެ.
ފަރަންސޭސި ރައީސް އެމަނުއަލް މެކްރޮން ވިދާޅުވީ، ރަޝިޔާއާއެކު މަޝްވަރާގެ ދޮރުތައް އަލުން ހުޅުވާލުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށެވެ. ޕެރިސް ސަމިޓަށްފަހު ވާހަކަފުޅު ދައްކަވަމުން މެކްރޮން ވިދާޅުވީ، މިފަދަ މަޝްވަރާތަކެއް ބޭނުންވަނީ މުޅި ބައްރުގެ ހަމަޖެހުން ކަށަވަރުކުރުމަށްޓަކައި ކަމަށެވެ.
އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީވެސް ވަނީ މެކްރޮންގެ ވާހަކަފުޅަށް ތާއީދުކުރައްވާފައެވެ. ޖެނުއަރީ 9 ވަނަ ދުވަހު މެލޯނީ ވިދާޅުވީ، ވިލާތުން ރަޝިޔާއާއެކު ވާހަކަދައްކަންޖެހޭ ވަގުތު ޖެހިއްޖެ ކަމަށާއި، މިކަމަށްޓަކައި ވިލާތުގެ އިއްތިހާދުން ހާއްސަ މަންދޫބަކު އައްޔަންކުރަންޖެހޭ ކަމަށެވެ. ނަމަވެސް، އިޓަލީގެ ސިފައިން ޔޫކްރެއިންއަށް ނުފޮނުވާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
ބްރިޓިޝް ބޮޑުވަޒީރު ކީރް ސްޓާމަރ ވެސް ވަނީ މޮސްކޯ ހިމެނޭ ގޮތަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. ޕެރިސް ސަމިޓުގައި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތުން ވަނީ ހަނގުރާމަ ހުއްޓާލުމަށްފަހު ޔޫކްރެއިންގައި އަސްކަރީ މަރުކަޒުތަކެއް ގާއިމުކުރުމަށް އެއްބަސްވެފައެވެ. އެހެންނަމަވެސް، މިކަންކަން ކާމިޔާބުވާނީ ރަޝިޔާއާއެކު ވާހަކަދައްކައިގެން ކަމަށް ސްޓާމަރ އެއްބަސްވެވަޑައިގެންނެވިއެވެ.
ޖަރުމަނުގެ ޗާންސެލަރ ފްރީޑްރިކް މާރޒް ވަނީ އެމެރިކާއާއެކު އޮތް ގުޅުން 'އުނދަގޫ' މަރުހަލާއެއްގައި އޮތްކަން ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ޔޫކްރެއިންގައި ބައިނަލްއަގުވާމީ ސިފައިން ބޭތިއްބޭނީ ރަޝިޔާގެ ރުހުން ލިބިގެން ކަމަށާއި، އެއީ މިހާރުގެ ހާލަތަށް ބަލާއިރު އުނދަގޫ ކަމެއް ކަމަށެވެ.
ޕެރިސް ސަމިޓުގައި 24 އަށްވުރެ ގިނަ ގައުމުގެ ލީޑަރުން ބައިވެރިވެ، ޔޫކްރެއިންގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ވަނީ ވައުދުވެފައެވެ. ޔޫކްރެއިންގެ ރައީސް ޒެލެންސްކީ މި ނިންމުންތަކަށް މަރުހަބާ ވިދާޅުވި ނަމަވެސް، ވިލާތުގެ ބޮޑެތި ބާރުތަކުގެ ލީޑަރުންގެ ބަޔާންތަކުން އެނގެނީ ރަޝިޔާއާ ނުލައި ދާއިމީ ސުލްހައެއް ނާންނާނެކަން މިހާރު ގަބޫލުކުރަން ފަށާފައިވާ ކަމެވެ.



