މިހާރު، މިޔަރު މަސްތުވާތަކެތި ބޭނުންކޮށް ކޮފީ ބޮއެ އުޅެނީބާ؟

ބަހާމާސްގެ އައްސޭރިފަށުގައި އުޅޭ މިޔަރުތަކުގެ ލޭގެ ސާމްޕަލްތަކުން ކޮކެއިން އާއި ކެފެއިން އަދި ތަދުކަނޑުވާ ބޭހުގެ ބާވަތްތަކަށް ޕޮޒިޓިވް ވެއްޖެ ކަމަށް އާ ދިރާސާއަކުން ދައްކައިފިއެވެ. ބަޔޮލޮޖިސްޓް ނަޓާޝާ ވޮސްނިކް އިސްކޮށް ހުންނަވައިގެން ކުރިއަށްގެންދިޔަ މި ދިރާސާގައި ބަހާމާސް ކައިރިން 85 މިޔަރެއްގެ ލޭގެ ސާމްޕަލް ތަހުލީލުކޮށްފައިވެއެވެ.

މި ތަހުލީލުތަކުން ދެއްކި ގޮތުގައި، ދިރާސާކުރި މިޔަރުތަކުގެ ތިންބައިކުޅަ އެއްބައި މިޔަރު ވަނީ ކެފެއިން އާއި، ތަދުކަނޑުވާ ބޭސްތަކަށް ޕޮޒިޓިވްވެފައެވެ. މީގެ އިތުރުން އެއް މިޔަރެއްގެ ހަށިގަނޑުން ކޮކެއިންގެ އަސަރުވެސް ވަނީ ފެނިފައެވެ. މިއީ ބަހާމާސް ފަދަ ސާފު ތަންތަނުގެ ގޮތުގައި ބެލެވޭ ކަނޑުގެ މާހައުލުތަކަށް ނުރައްކާތެރި މާއްދާތައް ފެތުރެމުންދާ މިންވަރު ހާމަކޮށްދޭ ފުރަތަމަ ރިޕޯޓެވެ.

ފެޑަރަލް ޔުނިވާސިޓީ އޮފް ޕަރާނާގެ ބަޔޮލޮޖިސްޓް ވޮސްނިކް ވިދާޅުވި ގޮތުގައި، މި މާއްދާތައް މިޔަރުގެ ހަށިގަނޑަށް ދިއުމުގެ އެންމެ ބޮޑު ސަބަބަކީ ކަނޑަށް ފީނާ މީހުންނެވެ. ދިރާސާކުރި ގިނަ މިޔަރުތަކަކީ ޑައިވަރުންގެ މެދުގައި މަގުބޫލު، މިހާރު ހުއްޓާލާފައިވާ މަސްހިފާ ފަޅެއް ކައިރިން ފެނުނު މިޔަރުތަކެކެވެ.

"މީގެ އެންމެ ބޮޑު ސަބަބަކީ މީހުން އެ ސަރަހައްދުތަކަށް ގޮސް ކަނޑަށް ކުޑަކަމުދިއުމާއި ނަަޖިސް ބޭރުކުރުން،" ސައިންސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ވޮސްނިކް ވިދާޅުވިއެވެ.

އެންވަރަންމެންޓަލް ޕޮލޫޝަން ޖާނަލްގައި ޝާއިއުކޮށްފައިވާ މި ދިރާސާއިން ބާރުއަޅަނީ، ސާފު ތަންތަނުގެ ގޮތުގައި ބެލެވޭ ކަނޑުގެ ދިރުންތަކަށް ކުރިމަތިވަމުންދާ ތަޣައްޔަރުވުމުގެ މައްސަލަތަކަށް އަވަސް ހައްލެއް ހޯދަން ޖެހޭނެ ކަމަށެވެ.

ހިއްސާ ކުރައްވާ!