ބަންގްލަދޭޝްގެ ކުރީގެ ބޮޑުވަޒީރު ޝައިޚް ޙަސީނާގެ ވެރިކަން ވައްޓާލުމަށް އެގައުމުގެ ޒުވާނުން އިސްވެ ތިބެ ކުރި އިންގިލާބަށް އަހަރެއް ފުރެން ގާތްވެފައިވާއިރު، އެ ހަރަކާތުގެ ސިޔާސީ ބާރުވެރިކަން ކުޑަވެ، ކުރިއަށް އޮތް އާންމު އިންތިޚާބުގައި ކުރީގެ ސިޔާސީ ބާރުތަކުން ކުރި ހޯދާނެ ކަމަށް ބެލެވެން ފަށައިފިއެވެ.
މިދިޔަ 2024 ވަނަ އަހަރުގެ މުޒާހަރާތަކުގެ ތެރޭގައި ޒަޚަމްވި ރަހުމަތްތެރިއަކު ސަލާމަތް ކުރަން މަސައްކަތް ކުރަނިކޮށް ފެނުނު ރާހަތު ހުސައިން ފަދަ އެތައް ޒުވާން އެކްޓިވިސްޓުންނެއް މިހާރު ތިބީ މާޔޫސްވެފައެވެ. އިންތިގާލީ ސަރުކާރާއި، ބައިބައިވެފައިވާ ނޭޝަނަލް ސިޓިޒަން ޕާޓީ (އެންސީޕީ) އާ މެދު އޮތް އިތުބާރު ކުޑަވެފައިވާއިރު، ޙަސީނާގެ 15 އަހަރުވީ ވެރިކަން ނިމުމަކަށް ގެނައުމުގައި އިސްކޮށް އުޅުނު ދަރިވަރުންގެ ލީޑަރުންގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތައް އުފެދިފައެވެ.
ޝައިޚް ޙަސީނާގެ ވެރިކަމުގައި މަނާކޮށްފައި އޮތް އިސްލާމީ ޖަމާއަތެއް ކަމަށްވާ ޖަމާއަތުލް އިސްލާމީން މިހާރު ވަނީ އަލުން ސިޔާސީ މައިދާނަށް ނުކުމެ، އެންސީޕީއާ އެކު ކޯލިޝަނެއް އުފައްދާފައެވެ. މި ނިންމުމާ ގުޅިގެން އެންސީޕީގެ އިސް އަންހެން މެންބަރުންތަކެއް ވަނީ އިސްތިއުފާ ދީފައެވެ. އެ މެންބަރުން ބުނާ ގޮތުގައި މި އިއްތިހާދަކީ އިންގިލާބުގެ އަސާސްތަކަށް ވީ ޚިޔާނާތެކެވެ.
އަވާމީ ލީގަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް އޮތް ނަމަވެސް، ބަންގްލަދޭޝް ނޭޝަނަލިސްޓް ޕާޓީ (ބީއެންޕީ) އިން ވަނީ އަލުން ބާރުގަދަކޮށްފައެވެ. އެ ޕާޓީގެ ލީޑަރު ތާރިގު ރަހުމާންގެ މައްޗަށް އުފުލާފައިވާ ދައުވާތައް ޙަސީނާގެ ވެރިކަން ވެއްޓުމާއެކު ބާތިލުކުރުމުން، އޭނާ މިހާރު ވަނީ އަލުން ސިޔާސީ ހަރަކާތްތަކަށް ނުކުމެވަޑައިގެންފައެވެ.
އިންތިޚާބު ކައިރިވަމުން އަންނައިރު، މުޒާހަރާގެ ބައިވެރިން ބިރުގަންނަނީ އިންގިލާބުން ވީ ވައުދުތައް ފުރިހަމަނުވެދާނެތީއެވެ.
"ބަންގްލަދޭޝްއަށް އަންނަންޖެހޭ ހަގީގީ ބަދަލުތައް ގެނެވޭނީ އިސްލާހީ މަސައްކަތްތައް ކުރެވޭނެ ފަދަ އިންތިޚާބީ ސަރުކާރަކަށް،" ރަހުމަތްތެރިޔާ މަރާލި މައްސަލައިގައި އަދިވެސް އިންސާފަށް އިންތިޒާރުކުރަމުންދާ ރާހަތު ހުސައިން ބުންޏެވެ.







