އެމެރިކާއިން ބާރުވެރިކަން ދެއްކުމަށް ކުރާ މަސައްކަތްތަކުގެ އަމާޒަކަށް ވުމުގެ ބަދަލުގައި، އެމެރިކާއަށް ނިއުކްލިއާ ހަމަލާއެއް ދިނުމުގެ ގާބިލުކަން އުތުރު ކޮރެއާއަށް ލިބިފައިވާ ކަމަށް އެ ގައުމުގެ ލީޑަރު ކިމް ޖޮންގް-އުން ވިދާޅުވެއްޖެއެވެ.
އުތުރުގައި އަލަށް އިންތިޚާބުވި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުންނާ މުޚާތަބު ކުރައްވައި ދެއްވި ސިޔާސީ ތަގުރީރެއްގައި ކިމް ވަނީ ގައުމީ ސަލާމަތް ކަށަވަރު ކުރުމުގައި ނިއުކްލިއާ ހަތިޔާރުގެ ދައުރަށް ބާރުއަޅުއްވާފައެވެ.

ވޮޝިންޓަނުން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި "ދައުލަތުގެ ޓެރަރިޒަމާއި އުދުވާން" ހިންގަމުންދާ ކަމަށް ތުހުމަތު ކުރައްވަމުން، އޭނާ ވިދާޅުވީ އެފަދަ އަމަލުތަކުގެ ސަބަބުން އެ ސަރަހައްދުގައި އެމެރިކާގެ އަސްކަރީ ހަރަކާތްތަކާއި ނިއުކްލިއާ ގާބިލުކަން ހުރި ވަސީލަތްތައް ބޭނުންކުރުމާ މެދު ޕިއޮންގްޔަންގުގެ ކަންބޮޑުވުންތަކަށް އުޒުރެއް ލިބިގެންދާ ކަމަށެވެ. ކިމް ވިދާޅުވި ގޮތުގައި އުތުރު ކޮރެއާގެ ނިއުކްލިއާ ހަތޔާރަކީ ކުރިމަތިވެދާނެ ހަމަލާތަކުން ރައްކާތެރިވުމަށް އޮތް ވަރުގަދަ އައްޑަނައެކެވެ.
"އަޅުގަނޑުމެންގެ ގައުމަކީ މިހާރު ބިރުވެރިކަމެއްގެ ދަށުގައި އޮތް ގައުމެއް ނޫން،" އޭނާ ވިދާޅުވިއެވެ. "ބޭނުންވެއްޖެ ހިނދެއްގައި ބިރުދެއްކުމުގެ ބާރު އަޅުގަނޑުމެންނަށް ލިބިގެންވޭ."
އުތުރު ކޮރެއާއިން ހަތިޔާރު އުފެއްދުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށްޓަކައި 2003 ވަނަ އަހަރު ނިއުކްލިއާ ހަތިޔާރު ފެތުރުން މަނާކުރާ މުއާހަދާއިން ވަކިވިއެވެ. އޭގެ ފަހުން އެ ގައުމުން ވަނީ ނިއުކްލިއާ ވޯހެޑްތަކާއި، ވޮޝިންޓަނާ ހަމައަށް ދަތުރުކުރުގެ ގާބިލުކަން ހުރި ކަމަށް ބެލެވޭ ބެލިސްޓިކް މިސައިލްތައް އުފައްދާފައެވެ.
ބައިނަލްއަގުވާމީ ދަތިކުރުމުގެ ފިޔަވަޅުތަކާއި، ނިއުކްލިއާ ހަތިޔާރު ދޫކޮށްލުމުން އިގްތިސާދީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުށަހެޅި ހުށަހެޅުންތަކާ އެކުވެސް، ޕިއޮންގްޔަންގުން ވަނީ އެ މަސައްކަތްތައް ކުރިއަށް ގެންގޮސްފައެވެ.
ކިމް ވިދާޅުވީ ނިއުކްލިއާ މަޝްރޫއުގެ ސަބަބުން ދިފާއީ ދާއިރާގެ އިތުރުން އެހެނިހެން ފައިދާތަކެއް ވެސް ލިބިފައިވާ ކަމަށާއި، އޭގެ ސަބަބުން ސައިންޓިފިކް ކުރިއެރުމާއި އިގްތިސާދީ ތަރައްގީއަށް އެހީތެރިވެދީފައިވާ ކަމަށެވެ.
"ނިއުކްލިއާ ހަތިޔާރު ނައްތާނުލައި ތަނަވަސްކަމެއް ނާންނާނެ ކަމަށް ބުނާ ދުޝްމަން ބާރުތަކުގެ" ވާހަކަ ދޮގުކަން ސާބިތުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އުތުރު ކޮރެއާއިން ނިއުކްލިއާ ހަތިޔާރު ދޫކޮށްނުލާނެ ކަމަށް އޭނާ ތަކުރާރުކުރެއްވިއެވެ. އަދި އެ ގައުމުގެ މަގާމަށް ގޮންޖަހާ ކޮންމެ މަސައްކަތަކާ ދެކޮޅު ހައްދަވާނެ ކަމަށް ވައުދުވެވަޑައިގަތެވެ. ވަކިން ހާއްސަކޮށް، "އެންމެ ދުޝްމަން ދައުލަތް" ކަމަށް އޭނާ ސިފަކުރެއްވި ދެކުނު ކޮރެއާއިން ހުށަހަޅާފައިވާ ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ ހުށަހެޅުންތަކަށް އޭނާ އިންކާރު ކުރެއްވިއެވެ.
ދެކުނު ކޮރެއާގެ ރައީސް ލީ ޖޭ-މިއުންގްގެ އޮފީހުން ބުނީ ކިމްގެ މި ވާހަކަތަކަކީ ސުލްހަވެރިކަމާއެކު އުޅުމަށް ކުރެވޭ މަސައްކަތްތަކަށް ހުރަސްއެޅޭ ފަދަ ވާހަކަތަކެއް ކަމަށެވެ.





