ބެލަރޫސްގެ ރައީސް އުތުރު ކޮރެއާއަށް ވަޑައިގެން ކިމް ޖޮންގް އުންއަށް ބައްޑާއެއް ހަދިޔާކުރައްވައިފި

ބެލަރޫސްގެ ރައީސް އެލެގްޒެންޑަރ ލުކަޝެންކޯ އުތުރު ކޮރެއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައި އެ ގައުމުގެ ލީޑަރު ކިމް ޖޮންގް އުންއާ ބައްދަލުކުރައްވައި، ރަހުމަތްތެރިކަމުގެ އެއްބަސްވުމެއްގައި ސޮއިކުރައްވައިފިއެވެ. މި ބައްދަލުވުމުގެ ތެރެއިން ލުކަޝެންކޯ ވަނީ ކިމްއަށް ހަދިޔާއެއްގެ ގޮތުގައި އޮޓޮމެޓިކް ރައިފަލެއް ވެސް އަރުވާފައެވެ.

މި ހަދިޔާ އެރުވުމުގެ ތެރެއިން ލުކަޝެންކޯ މަޖާޒީ ގޮތަކަށް ވިދާޅުވީ، "ދުޝްމަނަކާ ކުރިމަތިލާން ޖެހިއްޖެ ހާލަތެއްގައި މީގެ ބޭނުން ހިފޭނެ" ކަމަށެވެ. މި ވާހަކަފުޅާއެކު ކިމް ޖޮންގް އުން ހިނިފުޅުވަޑުވަމުން އެ ހަތިޔާރު ބައްލަވާލައްވައި، އޭގެ ރީލޯޑިންގ ނިޒާމު މަސައްކަތްކުރާ ގޮތް ޓެސްޓުކުރެއްވި އެވެ.

ބޭރުގެ ޚަބަރު ފަތުރާ ވަސީލަތްތަކުން ފާހަގަކުރާ ގޮތުގައި މިއީ ލުކަޝެންކޯ އުތުރު ކޮރެއާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅެވެ. މި ދަތުރުފުޅަކީ ރަޝިޔާގެ ބައިވެރިންނާއި ހުޅަނގާ ދެކޮޅު ގައުމުތަކާއެކު ގުޅުން ބަދަހިކުރަމުންދާ ދަނޑިވަޅެއްގައި، ޚާރިޖީ ސިޔާސަތު ހަމަހަމަކުރުމަށް ކުރެއްވި ދަތުރުފުޅެއްގެ ގޮތުގައި ބެލެވެއެވެ. ހަމައެއާއެކު، ބެލަރޫސްއިން ދަނީ އެމެރިކާއާއެކު އޮންނަ ގުޅުން އާންމު ހާލަތަކަށް ގެނައުމަށް ވެސް މަސައްކަތް ކުރަމުންނެވެ.

ލުކަޝެންކޯގެ މި ދަތުރުފުޅު މި އައީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މަންދޫބު ޖޯން ކޮއިލްއާ ބައްދަލުކުރެއްވިތާ ހަފުތާއެއް ފަހުންނެވެ. އަދި އެމެރިކާއިން އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއި ހޯދުމުގެ ބަދަލުގައި، ބެލަރޫސްއިން ދާދި ފަހުން ވަނީ ސިޔާސީ 250 ކުށްވެރިން ޖަލުން މިނިވަންކޮށްފައެވެ.

ހިއްސާ ކުރައްވާ!