ނިއުޒީލެންޑުގެ ޑޮކްޓަރަކު އެމެރިކާ އެމްބަސީއަށް ބިލެއް ފޮނުވައިގެން އުޅެނީ ކީއްވެ؟

ނިއުޒީލެންޑުގެ ޑޮކްޓަރަކު ވެލިންގޓަންގައި ހުންނަ އެމެރިކާ އެމްބަސީއަށް ފޮނުވި ބިލަކާ ގުޅިގެން ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބިއްޖެއެވެ. މިއީ އެމެރިކާގެ ރައިސް ފެށި ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވުމުގެ ޒިންމާ އެމެރިކާއިން އުފުލަންޖެހޭނެ ކަމަށް ބުނެ ޑޮކްޓަރު ކުރި ތަފާތު ވައްތަރެއްގެ އިހުތިޖާޖެކެވެ.

ނިއުޒީލެންޑުގެ ވެރިރަށް ވެލިންގޓަންގެ ސިއްހީ މަރުކަޒެއްގައި މަސައްކަތްކުރާ ޑރ ޝޭން ޑަންފީ ނަމަކަށް ކިޔާ މި ޑޮކްޓަރު، އެމެރިކާ އެމްބަސީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެމެރިކާއިން ދުނިޔެ ފަސާދަ ކުރުމުގެ "ނަތީޖާގެ ބިލް" އަށް ފައިސާ ދައްކަން އަންގާ ކަމަށެވެ. އަދި އެ ފައިސާ ދެއްކުމަށް 7 ދުވަހުގެ މުއްދަތެއް އޭނާ ވަނީ ދީފައެވެ.

ޑަންފީގެ ސިޓީއާއެކު އޭނާ ވަނީ ދަތުރުފަތުރުގެ އަގު ބޮޑުވުމުން އޭނާގެ މުވައްޒަފުންނަށް އެހީތެރިވުމުގެ ގޮތުން ދޫކުރި ފައިސާގެ ވައުޗަރުތަކުގެ ކޮޕީ ވެސް ހިމަނާފައެވެ. އޭނާ ބުނާ ގޮތުގައި އެމެރިކާއިން ބަދަލުގެ ގޮތުގައި އޭނާ އެދެނީ ގާތްގަނޑަކަށް 1600 އެމެރިކާ ޑޮލަރެވެ. އަދި އެހެން ކުންފުނިތަކާއި އަމިއްލަ ފަރުދުން ވެސް އެމެރިކާ އެމްބަސީއަށް މިފަދަ ބިލްތައް ފޮނުވުމަށް އޭނާ ވަނީ ގޮވާލާފައެވެ.

އެ ސިޓީގައި ޑޮކްޓަރު ވަނީ ވިޔަފާރިވެރިންނާއި އާންމު ރައްޔިތުން ވެސް އޭނާގެ މި އިސްނެގުމުގައި ބައިވެރިވެ، ބަދަލު ހޯދުމަށް އެމެރިކާ އެމްބަސީއަށް ބިލް ހުށަހެޅުމަށް އެދިފައެވެ. އޭނާ ސިފަކުރާ ގޮތުގައި މިއީ "މިކާރިސާ އުފައްދައި، އޭގެ ޒިންމާ އުފުލަންޖެހޭ ފަރާތްތައް ޖަވާބުދާރީ ކުރުވުމަށް" ކުރާ ކަމެކެވެ.

ދުނިޔޭގެ އެންމެ ދެކުނުގައި، ޖިއޮގްރަފީ ގޮތުން އެކަހެރިކޮށް އޮތް ނަމަވެސް، ބައިނަލްއަގުވާމީ ވިޔަފާރިއަށް ބަރޯސާވާ މިންވަރު ބޮޑުވުމުގެ ސަބަބުން، ނިއުޒިލެންޑަށް ވަނީ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ނޭދެވޭ އަސަރު ކޮށްފައެވެ. މުދާ އުފުލުމުގެ ނިޒާމަށް އައި ބުރޫތަކާއެކު، އެ ގައުމުގައި ޕެޓްރޯލް ލީޓަރެއްގެ އަގު ވަނީ 3 ޑޮލަރަށްވުރެ މައްޗަށް ގޮސްފައެވެ.

މި މައްސަލައާ ކުރިމަތިލުމަށްޓަކައި، ނިއުޒީލެންޑް ސަރުކާރުން ވަނީ ގާތްގަނޑަކަށް 150,000 އާއިލާއަށް ހަފުތާއަކު 50 ޑޮލަރުގެ އެހީއެއް ދިނުމަށް ނިންމާފައެވެ. އެ ގައުމުގައި މިހާރު ތެޔޮ ރައްކާކުރެވިފައި ހުރީ އެންމެ 46 ދުވަހަށް ފުދޭ މިންވަރަށެވެ.

ހިއްސާ ކުރައްވާ!