މެދުއިރުމަތީގައި ހިނގަމުންދާ ސޮލީބީ ސަހުޔތޫނީ ހަނގުރާމައިގެ ސަބަބުން ބަންގްލަދޭޝްގެ އިގްތިސާދީ ހާލަތު އިތުރަށް ގޯސްވެ، 2026 ވަނަ އަހަރާ ހަމައަށް އިތުރު 1.2 މިލިއަން މީހުން ފަގީރުކަމުގެ ތެރެއަށް ދާނެ ކަމަށް ވޯލްޑް ބޭންކުން އިންޒާރު ދީފިއެވެ. މިކަން ހާމަކޮށްފައިވަނީ އެ ބޭންކުން އޭޕްރީލް މަހު ނެރުނު "ބަންގްލަދޭޝް ޑިވެލޮޕްމަންޓް އަޕްޑޭޓް" ރިޕޯޓުގައެވެ.
ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ގޮތުގައި، ވަޒީފާ އުފެއްދޭ މިންވަރު ދަށްވުމާއި، އާމްދަނީ އިތުރުވާ މިންވަރު މަޑުޖެހުމުގެ އިތުރުން ތަކެތީގެ އަގު އުފުލުމުގެ ސަބަބުން ވޭތުވެދިޔަ ތިން އަހަރުވެސް އެ ގައުމުގެ ފަގީރުކަން ވަނީ އިތުރުވެފައެވެ. ބަންގްލަދޭޝްގެ ގައުމީ ފަގީރުކަމުގެ ރޭޓު 2022 ވަނަ އަހަރު ހުރި 18.7 އިންސައްތައިން، 2025 ވަނަ އަހަރު 21.4 އިންސައްތައަށް އުފުލޭނެ ކަމަށް މިހާރު ބެލެވެއެވެ.
ހަނގުރާމަ ފެށުމުގެ ކުރިން، މިއަހަރުގެ ތެރޭގައި ގާތްގަނޑަކަށް 1.7 މިލިއަން މީހުން ފަގީރުކަމުން އަރައިގަންނާނެ ކަމަށް ލަފާކުރެވުނު ނަމަވެސް، މިހާރު އެ އަދަދު ވަނީ 0.5 މިލިއަނަށް ދަށްވެފައެވެ. ބައިނަލްއަގުވާމީ ފަގީރުކަމުގެ މިންގަނޑެއް ކަމަށްވާ ދުވާލަކު ލިޞޭ އާމްދަނީ 3 ޑޮލަރަށް ބަލާއިރު، 2022 އާއި 2025 އާ ދެމެދު އިތުރު 1.4 މިލިއަން މީހުން ވަނީ ފަގީރުކަމުގެ ތެރެއަށް ވެއްޓިފައެވެ.
ވޯލްޑް ބޭންކުން ފާހަގަކުރާ ގޮތުގައި މި ހަމަނުޖެހުންތަކުގެ ސަބަބުން ބަންގްލަދޭޝްގެ އިގްތިސާދަށް މިހާރުވެސް ކުރިމަތިވެފައިވާ ގޮންޖެހުންތައް އިތުރަށް ގޯސްވާނެއެވެ.
މީގެ ތެރޭގައި މުދާ އިމްޕޯޓްކުރުމުގެ އަގުބޮޑުވުމާއި، އެކްސްޕޯޓް ދަށްވުމާއި، ބޭރުން ފޮނުވާ ފައިސާ މަދުވުމުގެ އިތުރުން ހަކަތައިގެ އަގު އުފުލުން ހިމެނެއެވެ. މިކަންކަމުގެ ސަބަބުން 2026 ވަނަ އަހަރު ބަންގްލަދޭޝްގެ އިގްތިސާދު ކުރިއަރާނެ ކަމަށް ކުރިން ލަފާކުރި 4.6 އިންސައްތަ ވަނީ 3.9 އިންސައްތައަށް ދަށްކޮށްފައެވެ.
އިގްތިސާދީ ހަމަޖެހުން ގާއިމުކުރުމަށާއި، އިންވެސްޓްމަންޓްތައް އަލުން އާލާކުރުމަށްޓަކައި ވަރުގަދަ އިސްލާހީ ފިޔަވަޅުތަކެއް އެޅުމަށް ވޯލްޑް ބޭންކުން ވަނީ ބަންގްލަދޭޝް ސަރުކާރަށް ގޮވާލާފައެވެ. މިގޮތުން އިގްތިސާދު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށްޓަކައި އޮނިގަނޑަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށް އެ ބޭންކުން ފާހަގަކުރެއެވެ.


