ދެ ގައުމަށް ކުރިމަތިވެފައިވާ ސަލާމަތީ ގޮންޖެހުންތަކާ ބެހޭގޮތުންނާއި، ދިފާއީ ދާއިރާއިން އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން ބަންގްލަދޭޝް އާއި އިންޑިއާއިން މަޝްވަރާކޮށްފިއެވެ. މި ބައްދަލުވުމާ ގުޅޭ މައުލޫމާތު ހާމަކޮށްފައިވަނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ހުންނަ އިންޑިއާގެ ހައި ކޮމިޝަނުންނެވެ.
އިންޑިއާއިން ބަންގްލަދޭޝްއަށް ކަނޑައަޅާފައި ހުންނަވާ ހައި ކޮމިޝަނަރު ޕްރަނޭ ވަރްމާ، ބަންގްލަދޭޝްގެ ބޮޑުވަޒީރު ގެ ދިފާއީ މުޝީރު ބްރިގޭޑިއާ ޖެނެރަލް (ރިޓަޔަރޑް) ޑރ. އޭކޭއެމް ޝަމްސުލް އިސްލާމާ ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ތާރީޚީ ގުޅުމުގެ މައްޗަށް އަލިއަޅުވާލައި، 1971 ވަނަ އަހަރުގެ މިނިވަންކަމުގެ ހަނގުރާމައިގެ ހަނދާންތަކާއެކު ދެ ގައުމުގެ ގުޅުން ދެމެހެއްޓުމުގެ މުހިންމުކަން ދެ ފަރާތުންވެސް ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި މިހާރު ދެ ގައުމުގެ ދެމެދުގައި އޮތް ދިފާއީ އެއްބާރުލުންތަކުގެ ކަންކަން މުރާޖައާކޮށްފައިވެއެވެ. އޭގެ ތެރޭގައި މަޝްވަރާކުރުމުގެ ނިޒާމުތަކާއި، ތަމްރީނު ޕްރޮގްރާމްތައް ބަދަލުކުރުމާއި، ގާބިލްކަން އިތުރުކުރުމަށް ކުރެވޭ މަސައްކަތްތަކުގެ އިތުރުން ދެ ގައުމުގެ މުއައްސަސާތަކުގެ މެދުގައި އޮތް ގުޅުންތައް ހިމެނެއެވެ.
ހައި ކޮމިޝަނަރު ވަރްމާ ވަނީ ބަންގްލަދޭޝްއާއެކު ގާތްކޮށް މަސައްކަތްކުރުމަށް އިންޑިއާ އޮތީ ތައްޔާރަށްކަން ހާމަކުރައްވާފައެވެ. އަދި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި ގުޅިގެން މަސައްކަތްކޮށް، ގިނަ ދާއިރާތަކަކުން އޮތް މި ބައިވެރިވުން އިތުރަށް ވަރުގަދަކުރުމަށް އިންޑިއާއިން ބޭނުންވާކަމަށް އޭނާ ވިދާޅުވިއެވެ.



