އީރާނުން ބްރިކްސް ޖަމާއަތުގެ ގައުމުތަކާއެކު ހަކަތައާއި އަސްކަރީ ދާއިރާއިން 52 ބިލިއަން ޑޮލަރުގެ "ތާރީޚީ" އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރެމުންދާ ޕޯސްޓަކީ އެއްވެސް ހަގީގަތެއް ނެތް ޕޯސްޓެއްކަން ހާމަވެއްޖެއެވެ. ލިންކްޑްއިން ގައި ދައުރުވަމުންދާ މި ޕޯސްޓުގައި ބުނެފައިވާ ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ ތެޔޮ ސަޕްލައިކުރާ މުހިންމު މަގުތަކުގެ 45 އިންސައްތަ ތެހެރާނުގެ ކޮންޓްރޯލްގެ ދަށަށް އަންނާނެއެވެ. އަދި މީގެ ސަބަބުން ހުޅަނގުގެ ގައުމުތަކުން ކުރިއަށް އޮތް ތަނުގައި އަޅާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ބާރު ކެނޑިގެންދާނެ ކަމަށްވެސް ބުނެފައިވެއެވެ.
މި ޚަބަރުގެ މަސްދަރުތަކުގެ ގޮތުގައި ރޮއިޓާސް، އޭޕީ، އަލްޖަޒީރާ އަދި ބްރިކްސްގެ ރަސްމީ ބަޔާނެއް ހިމަނާފައިވީ ނަމަވެސް، މީގެ އެއްވެސް އިދާރާއަކުން މިފަދަ އެއްބަސްވުމެއްގެ ޚަބަރެއް ރިޕޯޓްކޮށްފައެއް ނުވެއެވެ.
މި ޕޯސްޓުގައި ބޭނުންކޮށްފައިވާ ފޮޓޯއިން ފެންނަނީ ބްރިކްސްގެ ބްރޭންޑިންގް ހިމެނޭ ސޮއިކުރުމުގެ ރަސްމިއްޔާތެކެވެ. ނަމަވެސް، ބްރިކްސްގެ އެއްވެސް ރަސްމީ ހަރަކާތެއް، ނޫސްބަޔާނެއް ނުވަތަ ސަރުކާރެއްގެ އިޢުލާނެއް މި މަންޒަރާ ދިމައެއް ނުވެއެވެ. އީރާނުން މިފަދަ ބޮޑު ކަމެއް އަދި މިހައި ގިނަ ގައުމުތައް ބައިވެރިވާ އެއްބަސްވުމެއްގައި ސޮއިކުރި ކަމުގެ އެއްވެސް ރަސްމީ ރެކޯޑެއް ވެސް ފެންނާން ނެތެވެ.
މި ފޮޓޯގައި ހިމަނާފައިވާ ގްރެފިކްސްއަކީ ބައިނަލްއަގުވާމީ އެއްވެސް މީޑިއާ އިދާރާއެއްގެ ރެކޯޑަކާ ދިމާވާ ފޮޓޯއެއް/ގްރެފިކެއް ނޫނެވެ. އަދި މިއީ އަމިއްލަ މީހަކު އުފައްދާފައިވާ އެއްޗެއްކަން ފާހަގަކުރެވެއެވެ.
އީރާނުން ބްރިކްސްއާ ގުޅުނީ 2024 ވަނަ އަހަރުގައެވެ. އަދި އެ ޖަމާއަތުގެ ބައެއް ގައުމުތަކާއެކު، ޚާއްސަކޮށް ޗައިނާ އަދި ރަޝިޔާއާއެކު ހަކަތައާއި އުމްރާނީ ތަރައްގީގެ ދާއިރާއިން ދިގު މުއްދަތުގެ އެއްބަސްވުންތަކެއް އީރާނުން ވަނީ ގާއިމުކޮށްފައެވެ. ނަމަވެސް، މިއިން އެއްވެސް އެއްބަސްވުމެއްގައި ގުޅިފައިވާ އަސްކަރީ އިއްތިހާދެއް ނުވަތަ ދުނިޔޭގެ ތެޔޮ އުފުލާ މުހިންމު މަގުތަކުގެ ކޮންޓްރޯލް ހިއްސާކުރުމުމުގެ ވާހަކައެެއް ނުހިމެނެއެވެ.
ހުރުމުޒު ކަނޑުއޮޅި، ބާބުލް މަންދަބް އަދި ސުއޭޒް ކެނަލް، މަލަކާ ފަދަ ކަނޑުއޮޅިތަކުގެ މަގުތައް އަދިވެސް އޮތީ އެ ތަންތަން ކޮންޓްރޯލްކުރާ ގައުމުތަކުގެ ސިޔާދަތީ އިޚްތިސާސްގެ ދަށުގައެވެ. އަދި ޑިޕްލޮމެޓިކް އެއްބަސްވުންތަކެއްގެ ޒަރީއާއިން މިފަދަ ސަރަހައްދުތަކުގެ މިލްކުވެރިކަން ބަދަލެއް ނުކުރެވޭނެއެވެ.
ލިންކްޑްއިން ޕޯސްޓަށް ކޮށްފައިވާ ކޮމެންޓްތަކުގައިވެސް ގިނަ ބަޔަކު ވަނީ މި ޚަބަރުގެ ސައްހަކަމާމެދު ސުވާލު އުފައްދާފައެވެ. ބައެއް މީހުން ފާހަގަކޮށްފައިވާ ގޮތުގައި، ޕޯސްޓުގައި ބުނާ މަސްދަރުތަކުން މިފަދަ އެއްވެސް މަޢުލޫމާތެއް ފެންނާކަށެއް ނެތެވެ. އަދި 52 ބިލިއަން ޑޮލަރުގެ އަދަދަކީ މީގެ ކުރިން ދެ ގައުމެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ގުޅޭ އަދަދެއް ކަމަށާއި، އެއީ މުޅި ބްރިކްސްއާއެކު ވެފައިވާ އާ އެއްބަސްވުމެއް ނޫން ކަމަށްވެސް ބައެއް މީހުން ބުނެފައިވެއެވެ.
ބްރިކްސްއިން ނުވަތަ އީރާނުގެ ފޮރިން މިނިސްޓްރީން ނުވަތަ އެއްވެސް މެންބަރު ގައުމެއްގެ ސަރުކާރުން މިފަދަ އެއްބަސްވުމެއް އޮތްކަން ފެންނަ ޚަބަރެއް ހޯދައި ބެލުމަކުން ނުފެނެއެވެ. ބައިނަލްއަގުވާމީ ބޮޑެތި މީޑިއާ އިދާރާތަކުންވެސް މި ޚަބަރު ރިޕޯޓްކޮށްފައެއް ނުވެއެވެ. އެހެންކަމުން، މި ވާހަކައަކީ އެއްވެސް ހެއްކެއް ނެތް ހޮޅި މަޢުލޫމާތެއް ކަމުގައި ބެލެވެއެވެ.





