ވޯލްޑް ކަޕުން އީރާން ބޭރުކޮށް އިޓަލީއަށް ފުރުސަތު ދިނުމަށް ޓްރަމްޕްގެ މަންދޫބަކު ހުށަހަޅައިފި

2026 ވަނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވޯލްޑް ކަޕުން އީރާން ވަކިކޮށް، އެ ގައުމުގެ ބަދަލުގައި އިޓަލީއަށް ފުރުސަތު ދިނުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ސީނިއާ މަންދޫބަކު ހުށަހަޅައިފި އެވެ. މި ހުށަހެޅުން ހުށަހެޅުއްވީ ޓްރަމްޕްގެ ގްލޯބަލް ޕާޓްނަޝިޕްތަކާ ބެހޭ މަންދޫބު، އިޓަލީއަށް އުފަން ޕައޮލޯ ޒަމްޕޮލީ އެވެ.

ޒަމްޕޮލީ ފައިނޭންޝަލް ޓައިމްސްއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މި ޚިޔާލު ސީދާ ރައީސް ޓްރަމްޕަށާއި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯއަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިޓަލީއަކީ ހަތަރު ފަހަރު ވޯލްޑް ކަޕް ކާމިޔާބުކޮށްފައިވާ، ފުޓްބޯޅައިގެ ބޮޑު ތާރީޚެއް އޮތް ގައުމަކަށް ވާތީ، އެ ގައުމަށް މިފަދަ ފުރުސަތެއް ދިނުމަކީ އިންސާފުވެރި ގޮތެކެވެ.

އިޓަލީއަށް 2026 ގެ ވޯލްޑް ކަޕުން ފުރުސަތު ގެއްލުނީ ކޮލިފައިންގެ ޕްލޭއޮފް މެޗުން ބަލިވުމުންނެވެ. އީރާން މުބާރާތަށް ކޮލިފައިވީ އޭޝިއާ ސަރަހައްދުންނެވެ. ނަމަވެސް، މިހާރު ހިނގަމުންދާ ޖިއޯޕޮލިޓިކަލް ނުތަނަވަސްކަމާ ގުޅިގެން އީރާން މުބާރާތުގައި ބައިވެރިވުމާ މެދު ވަނީ ސުވާލުތަކެއް އުފެދިފަ އެވެ. 2026 ވަނަ އަހަރުގެ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެންނެވެ.

ޚަބަރުތައް ބުނާ ގޮތުގައި މި ހުށަހެޅުމުގެ ފަހަތުގައި ސިޔާސީ މަގްސަދުތަކެއް ވެސް އެބަހުއްޓެވެ. މިއީ އިޓަލީގެ ބޮޑުވަޒީރު ޖޯޖިއާ މެލޯނީއާ އެކު އޮތް ގުޅުން ރަނގަޅު ކުރުމަށް އެމެރިކާއިން ކުރާ މަސައްކަތެއް ކަމަށް ބެލެވެ އެވެ. އެމެރިކާ އާއި އިޓަލީގެ ގުޅުން މިފަހަކަށް އައިސް ވަނީ ހީނަރުވެފަ އެވެ. އެއީ އިޒްރޭލާއި އީރާންގެ މައްސަލައިގައި ޕޯޕް ލިއޯ 14 ވަނައަށް ޓްރަމްޕް ފާޑުވިދާޅުވުމާއި، އެ ސަރަހައްދުގައި އެމެރިކާއިން ހިންގާ އަސްކަރީ އޮޕަރޭޝަންތަކަށް އިޓަލީން އެއްބާރުލުން ނުދިނުމުގެ ސަބަބުންނެވެ.

މި ހުށަހެޅުމާ ގުޅޭގޮތުން ފީފާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. އަދި ވައިޓް ހައުސް އާއި އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ވެސް ރަސްމީ ބަހެއް ބުނެފައެއް ނުވެ އެވެ. މީގެ ކުރިން އިންފަންޓީނޯ ވިދާޅުވެފައިވަނީ އީރާން "ޔަގީނުން ވެސް" މުބާރާތުގައި ބައިވެރިވާނެ ކަމަށެވެ.

ބައެއް ފަރާތްތަކުން އިޓަލީގެ ފުޓްބޯޅަ ފެންވަރަށް ބަލައި މިކަމަށް ތާއީދު ކުރާއިރު، އަނެއް ބަޔަކު ބުނަނީ މިއީ ކުޅިވަރުގެ ތެރެއަށް ސިޔާސީ ނުފޫޒު ފޯރުވުން ކަމަށެވެ. އީރާނުގެ ދައުލަތުގެ މީޑިއާއިން މިކަން ސިފަކޮށްފައިވަނީ އެމެރިކާގެ ނޭދެވޭ ނުފޫޒެއްގެ ގޮތުގަ އެވެ.

ހިއްސާ ކުރައްވާ!