އިންތިޚާބުވި ޕާޓީން ވަކިވުމުން ނުވަތަ ވަކިކުރުމުން މެންބަރުކަމުގެ ގޮނޑި ގެއްލޭ ގޮތަށް ޤާނޫނުއަސާސީއަށް ގެނައި އިޞްލާޙަކީ ޞައްޙަ އިޞްލާޙެއް ކަމަށާއި، އެ އިޞްލާޙު މިހާރު އޮތް މަޖިލީހުގެ މައްޗަށް ހިނގާނެ ކަމަށް ސުޕްރީމް ކޯޓުން މިއަދު ޙުކުމްކޮށްފިއެވެ.
މި ޙުކުމް މިއަދު އިއްވެވީ، ޤާނޫނުއަސާސީއަށް ގެނައި 6 ވަނަ އިޞްލާޙު ބާޠިލުކުރުމަށާއި، މިހާރު ތިއްބެވި މެންބަރުންގެ މައްޗަށް އެ އިޞްލާޙު ތަންފީޛުކުރުން ހުއްޓުވުމަށް އެދި ކެންދޫ ދާއިރާގެ ކުރީގެ މެންބަރު ޢަލީ ޙުސައިން ހުށަހެޅުއްވި ދުސްތޫރީ މައްސަލައިގައެވެ. މި މައްސަލަ ބެއްލެވީ ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗަކުންނެވެ.
އުއްތަމަ ފަނޑިޔާރު އަބްދުލް ޣަނީ މުޙައްމަދު ވިދާޅުވީ، ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ދުސްތޫރީ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ކަމަށާއި، 'އެންޓި-ޑިފެކްޝަން' ނުވަތަ ޕާޓީ ބަދަލުކުރުން މަނާކުރާ އުޞޫލުތައް ކަނޑައެޅުމަކީ މިނިވަން ދިމިޤްރާޠީ ނިޒާމުތަކުގައި ޢަމަލުކުރަމުންދާ އުޞޫލުތަކާ އެއްގޮތް ކަމެއް ކަމަށެވެ. އެގޮތުން ނައިޖީރިއާ އާއި ކެންޔާ ފަދަ ރިޔާސީ ނިޒާމުތަކުގައި ޕާޓީ ބަދަލުކުރުން ހަރުކަށިކޮށް މަނާކޮށްފައިވާކަމާއި، މިކްސްޑް ނިޒާމުތަކުގައި ވެސް މިފަދަ އުޞޫލުތަކަށް ޢަމަލުކުރާކަން ފާހަގަކުރެއްވިއެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިފަދަ މާއްދާތަކަކީ ސިޔާސީ މަންފާ ހޯދުން ހުއްޓުވުމަށާއި އިންތިޚާބީ މެންޑޭޓުގެ ނަޒާހަތްތެރިކަން ހިމާޔަތްކުރުމަށް ތަޢާރަފުކުރާ މާއްދާތަކެއް ކަމަށެވެ. ޤާނޫނުއަސާސީގެ 73 ވަނަ މާއްދާއަށް ގެނައި އިޞްލާޙަކީ ރައްޔިތުން މެންބަރުންނާ ޙަވާލުކުރި އަމާނާތުގެ އަޞްލު ގެއްލިގެން ނުދާނެކަން ކަށަވަރުކުރުމަށް އެކުލަވައިލެވުނު އޮނިގަނޑެއްގެ ގޮތުގައި ދެކެންޖެހޭ، އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.
ޢަލީ ޙުސައިން ވަކާލާތު ކުރެއްވީ އެ އިޞްލާޙަކީ ޤާނޫނުއަސާސީގެ އަސާސީ އޮނިގަނޑާ ޚިލާފު އިޞްލާޙެއް ކަމަށާއި، މިހާރު އޮތް މަޖިލީހުގެ މައްޗަށް އެ އިޞްލާޙު ހިނގައިގެން ނުވާނެ ކަމަށެވެ. އަދި އެ އިޞްލާޙަކީ މާޒީއަށް ރުޖޫޢަވެ ތަންފީޒުވާ ގޮތަށް ތަންފީޛުކުރެވޭނެ މާއްދާއެއް ނޫން ކަމަށް ކަނޑައަޅައިދިނުމަށް ވެސް އޭނާގެ ވަކީލު އެދިވަޑައިގަތެވެ.
އުއްތަމަ ފަނޑިޔާރު ވަނީ އެ ވާހަކަތައް ބަލައިނުގަނެ ބޭރުކޮށްލައްވާފައެވެ. އުސްތާޛު އަބްދުލްޣަނީ ވިދާޅުވީ ޤާނޫނުއަސާސީއަށް ގެންނަ އިޞްލާޙުތަކުގެ މައްސަލަ ބެލުމަށް ކޯޓަށް ހުރަހެއް ނެތް ނަމަވެސް، އެ އިޞްލާޙު ބާޠިލުކުރަންޖެހޭ އެއްވެސް ޤާނޫނީ އަސާސެއް މައްސަލަ ހުށަހެޅި ފަރާތަށް ދެއްކިފައި ނުވާ ކަމަށެވެ. އަދި އެ އިޞްލާޙަކީ މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތަކުން ފާސްކޮށްފައިވާ، ދިމިޤްރާޠީ ވެރިކަމާއި، ރައްޔިތުންގެ ސިޔާދަތާއި، މަޖިލީހުގެ ބާރުތަކަށް އުނިކަން އަންނަ އިޞްލާޙެއް ނޫން ކަމަށް ވެސް ވިދާޅުވިއެވެ.
މީގެ އިތުރުން، މީގެ ކުރިން ވެސް އެންޓި-ޑިފެކްޝަން ޤާނޫނެއްގެ ޞައްޙަކަން ކޯޓުން ދަމަހައްޓާފައިވާކަން ފާހަގަކުރައްވައި، ކުރިން ނިންމާފައިވާ ނިންމުންތަކާ ޚިލާފުވާންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވިއެވެ.
ޙުކުމް އިއްވަވަމުން އުއްތަމަ ފަނޑިޔާރު ވަނީ އިންޑިއާގެ ސުޕްރީމް ކޯޓުން އުފަންކޮށްފައިވާ (1973ގެ ކޭސާވަނަންދާ ބާރަތީ ވ. ސްޓޭޓް އޮފް ކެރެލާ ޙުކުމުގެ) 'ބޭސިކް ސްޓްރަކްޗަރ ޑޮކްޓްރިން' ނުވަތަ އަސާސީ އޮނިގަނޑުގެ ނަޒަރިއްޔާގެ އަޞްލުތައް ވެސް ތަފްޞީލުކޮށްދެއްވާފައެވެ. އެމަނިކުފާނު ވިދާޅުވީ އެ ނަޒަރިއްޔާއަކީ އިންޑިއާގެ ޤާނޫނުއަސާސީއާ ގުޅޭ ދުސްތޫރީ ޚިލާފުތަކުގެ ތެރެއިން އުފެދުނު އެއްޗެއް ކަމަށާއި، އެއީ ޤާނޫނުއަސާސީ އިޞްލާޙުކުރުމުގެ ބާރު ޕާލަމެންޓަށް އޮތް ނަމަވެސް، އޭގެ އަސާސީ ސިފަތަކަށް ބަދަލު ނުގެނެވޭނެ ކަމަށް ކަނޑައެޅި އުޞޫލެއް ކަމަށެވެ.
ދިވެހިރާއްޖޭގެ ޤާނޫނުއަސާސީގައި ވެސް އަސާސީ އޮނިގަނޑެއް އެކުލެވިގެންވާކަން ފާހަގަކުރައްވައި، އޭގެ ބައެއް ސިފަތައް އެމަނިކުފާނު ބަޔާންކުރެއްވިއެވެ. ނަމަވެސް، ރާއްޖޭގެ ޤާނޫނުއަސާސީގެ ތާރީޚީ ފަސްމަންޒަރު އިންޑިއާއާ ތަފާތު ކަމަށާއި، އެފަދަ ޖުޑީޝަލް ނަޒަރިއްޔާތެއް އުފެއްދުމުގެ އަސާސެއް ރާއްޖޭގެ ސުޕްރީމް ކޯޓަށް ނެތް ކަމަށް ވިދާޅުވިއެވެ. އިންޑިއާގެ އުޞޫލު ބައްޓަންވީ އެ ޤައުމުގެ ދުސްތޫރީ ކޯޅުންތަކުގެ ތެރެއިން ކަމަށާއި، ރާއްޖޭގެ ޤާނޫނުއަސާސީގައި އިޞްލާޙު ގެނައުމުގެ ތަފްޞީލީ އިޖުރާއާތުތަކެއް ކަނޑައެޅިފައިވުމަކީ އޭގެ ޒާތުގައި ލިބިދޭ ރައްކާތެރިކަމެއް ކަމަށް ވެސް ވިދާޅުވިއެވެ.
މި މައްސަލައިގައި ފަނޑިޔާރު ޢާއިޝަތު ޝުޖޫން މުޙައްމަދު ވަނީ ތަފާތު ރައުޔެއް ނެރުއްވާފައެވެ. އުސްތާޛް ޝުޖޫން ވިދާޅުވީ މެންބަރުން އިންތިޚާބުވަނީ މައިގަނޑު ގޮތެއްގައި ވަކި ފަރުދުންގެ ހައިސިއްޔަތުން ކަމަށާއި، އެންމެ އިސްކަންދޭންޖެހޭނީ ދާއިރާގެ ރައްޔިތުންގެ މަޞްލަޙަތަށް ކަމަށެވެ. ޕާޓީގެ ސިޔާސަތުތަކުގެ ސަބަބުން، ޢާންމު މަޞްލަޙަތާ ފުށުއަރާ ގޮތަށް މެންބަރުންގެ ބާރުތައް ހަނިވެގެންދާ ކަމަށާއި، އެހެންކަމުން އެ އިޞްލާޙު ބާޠިލުކުރަންޖެހޭ ކަމަށް އެކަމަނާ ވަކާލާތު ކުރެއްވިއެވެ. މެޖޯރިޓީ ރޫލިންގްއިން ކަށަވަރުކޮށްދެނީ، އެންޓި ޑިފެކްޝަން އިސްލާހު ދެމިއޮންނާނެ ކަމަށާއި، އެ އިސްލާހު ތަސްދީގުކުރުމުން މިހާރު ތިއްބެވި ހުރިހާ މަޖިލިސް މެންބަރުންގެ މައްޗަށް އެ ހިނގާނެ ކަމަށެވެ.





